މާލޭގައި ހުރި އާޓް ސްޓޫޑިއޯއެއްގައި 19 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރި ކަމަށް ބުނާ މައްސަލަ ނުފޫޒުން އެއްކިބާވެތިބެ، އިންސާފުވެރިކަމާއެކު ތަޙްގީގުކުރުމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީން ގޮވާލައިފި އެވެ.
އަންހެން ކުއްޖާ ރޭޕްކުރި ކަމަށް ތުހްމަތުކުރެވިފައި ވަނީ ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާނުގެ ކޮއްކޮ، ހަސަން ފާއިޒު، 33 އެވެ. އަންހެން ކުއްޖާ ރޭޕްކުރީ މިދިޔަ ބުދަ ދުވަހު ކަމަށް ބުނި ނަމަވެސް، ރޭޕްކުރި މީހާ ހައްޔަރުކުރީ އެ މީޑިއާގައި ފެންމަތިކުރި ފަހުން ހޮނިހިރު ދުވަހުގެ ރޭ ގދ. ތިނަދޫއިންނެވެ.
އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މި އަނިޔާވެރި އަމަލު ހިންގި ކަމަށް ތުހުމަތު ކުރެވޭ ފަރާތަކީ ސަރުކާރުގެ ސިޔާސީ ނުފޫޒު އޮތް ފަރާތަކާ ޢާއިލީ ގުޅުން އޮތް މީހެއް ކަމުގައި ނޫސްތަކުގައި ރިޕޯޓުކޮށްފައި ވާއިރު ފުލުހުން މިކަމަށް ޖަވާބުދާރީނުވެ ގިނަ ދުވަސްތަކެއް ވަންދެން ހިމޭނުން ތިބި ތިބުމަކީ ރޭޕްކުރާ މީހުންނަށް ހިމާޔަތްދީ އެފަދަ މީހުންނަށް ލިބޭ ހިތްވަރެއް ކަމަށެވެ.
ޖިންސީ އަނިޔާ ކުރުމާއި މަސައްކަތުގެ މާޙައުލުގައި ޖިންސީ ފުރައްސާރަކުރުން އާންމުވެފައިވާއިރު، އެފަދަ މައްސަލަތައް ފެންމަތިވުމުން ދައުލަތުގެ އެންމެ މަތީ ފެންވަރުގައިވެސް އެކަންކަން ފޮރުވުމަށް މަސައްކަތްކޮށް، ޖިންސީ ފުރައްސާރަ ކުރާކަމަށް ތުހުމަތު ކުރެވޭ ފަރާތްތަކަށް ސިޔާސީ ބޮޑެތި މަޤާމުތައް ދެމުން އަންނަކަމީ މިފަދަ ސަޤާފަތްތައް މުޖުތަމަޢުގައި ޢާންމުވުމަށް މަގުފަހިވާ ކަމެއް ކަމަށް، އެންމެ ބޮޑު އިދިކޮޅު ޕާޓީން ބުނެ އެވެ.
އެމްޑީޕީގެ ބަޔާނުގައި ބުނެފައި ވަނީ ރޭޕް ކުރުން ފަދަ ބޮޑެތި ކުށްތައް ކުރަމުން އަންނަ ފަރާތްތަކަށް ޙައްޤު އަދަބު ދިނުމާއި އެކަންކަން ހުއްޓުވުމަށް ފުލުހުންނާއި ދައުލަތުގެ މުވައްސަސާތަކުން އެކަށީގެންވާ މަސައްކަތް ކުރެވިފައި ނުވާ ކަމަށެވެ.
"މިފަދަ ބޮޑެތި ކުށްތައް އެކަށީގެންވާ އަވަސްމިނުގައި ނުބެލި، ސިޔާސީ ގޮތުން ވަކި ބަޔަކަށް މަންފާ ހޯދައިދިނުމަށް ފުލުހުންނާއި ދައުލަތުގެ މުވައްސަސާތަކުން ޢަމަލުކުރުމުން މުޖުތަމަޢުގެ ފޭރާން ބިކަވެ، ދިވެހިރާއްޖެ މިއަދު މިއަންނަނީ ޢަދުލު އިންސާފު ގެއްލި ހަލާކުގެ ތެރެއަށް ވެއްޓެމުންނެވެ. އެހެންކަމުން މި ކަމުގައި ޝާމިލްވާ ހުރިހާ ފަރާތްތައް، ވަކިން ޙާއްސަކޮށް ތުހުމަތު ކުރެވޭ ފަރާތާމެދު ޤާނޫނުގައިވާ ގޮތުގެ މަތީން ޢަމަލުކުރުމަށް ގޮވާލަމެވެ،" ބަޔާނުގައިވެ އެވެ.
ރޭޕަކީ އަނިޔާވެރި ބޮޑު ކުށެއް ކަމަށްވީހިނދު، މިފަދަ އަނިޔާތައް ތަހައްމަލަކުރަމުން އަންނަ ހުރިހާ ފަރާތްތަކަށް ރައްކާތެރިކަން ހޯދައިދީ އޯގާތެރިކަމާއެކު އެމީހުންގެ އެންމެހައި ކަންކަން ބެލޭނެ އިންތިޒާމް ހަމަޖެއްސުމަށްވެސް ދައުލަތުގެ ހުރިހާ ފަރާތްތަކަށް އެމްޑީޕީން ވަނީ ގޮވާލައިފަ އެވެ.