ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވެއްޖެތޯ ޔަޤީންކުރުމަށް އެ ދާއިރާގެ މެމްބަރު ސައުދުﷲ ޙިލްމީ ރައްޔިތުންގެ މަޖިލީހަށާއި އިލެކްޝަންސް ކޮމިޝަނަށް ފޮނުއްވި ސިޓީތަކަށް އަދިވެސް ޖަވާބު ނުލިބޭކަމަށް އޭނާ ވިދާޅުވެއްޖެއެވެ.
ސައުދުﷲ ވިދާޅުވީ ގޮނޑީގެ މައްސަލައިގައި މައުލޫމާތު ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ތިން ސިޓީ ފޮނުއްވާފައިވާ ކަމަށާއި އެއިން އެއްވެސް ސިޓީއަކަށް ޖަވާބު ލިބިފައިވާ ނުވާކަމަށެވެ. އިލެކްޝަންސް ކޮމިޝަނަށް އެންމެ ފަހުން ފޮނުވި ސިޓީއަށް ވެސް ޖަވާބެއް ލިބިފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އިލެކްޝަންސް ކޮމިޝަނަށް މީގެ ކުރިން ސައުދުﷲ ފޮނުވި ސިޓީއަށް އިލެކްޝަންސް ކޮމިޝަނުން ޖަވާބުދީފައިވަނީ ގޮނޑި ގެއްލިފައިވާކަމަށް ބުނާ މައްސަލައިގައި މައުލޫމާތު ސާފުކުރުމަށް ކަމާއި ގުޅުން ހުރި އިދާރާއަކަށް ސިޓީ ލިޔުއްވުމަށެވެ. އެހެން ނަމަވެސް ގޮނޑި ގެއްލިއްޖެކަމަށް ކަނޑައަޅާފައިވަނީ އެކޮމިޝަނުންނެވެ.
ކަމާއި ގުޅުން ހުރި އިދާރާއަކަށް ސިޓީ ފޮނުވަން އެދުމުން ސައުދުﷲ ވަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ސަލާމަތީ ކަންކަން ބަލަަހައްޓާ ޤައުމީ ދިފާޢީ ބާރަށް ސިޓީއެއް ފޮނުވާފައެވެ. އަދި ގޮނޑި ގެއްލިއްޖެކަމަށް އެބޭފުޅުންނަށް އެއްވެސް ފަރާތަކުން އަންގަވާފައިވޭތޯ ސުވާލުކުރެއްވިއެވެ.
ޖަވާބުގައި ޑިފެންސް މިނިސްޓްރީއިން ފޮނުވާފައިވާ ސިޓީގައިވަނީ ތިނަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވުމާއި ގުޅިގެން އެ ދާއިރާގެ ބައި އިލެކްޝަން ބާއްވަން ނިންމާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް އަންގާފައިވާތީ، އެކަން މަޖިލީހުން ސިފައިންނަށް އަންގާފައިވާކަމަށެވެ.
ޑިފެންސް މިނިސްޓްރީގެ ސިޓީއާއި ގުޅިގެން ސައުދުﷲ ވިދާޅުވީ ގޮނޑި ގެއްލުނަސް ނުގެއްލުނަސް، އިލެކްޝަންސް ކޮމިޝަނަށް ސަލާމަތެއް ނެތްކަމަށެވެ. އަދި އެކޮމިޝަން އޮތީ ޤާނޫން އަސާސީއާއި، ޤާނޫންތަކާއި އަދި ސުޕްރީމް ކޯޓުގެ އަމުރާއި ޚިލާފުވެފައިކަމަށް ސައުދުﷲ ވިދާޅުވިއެވެ.
Mikan saafu kuran thakuraarukoh EC aa Majlis ah fonuvi sitee thakah “dheyne jawaabeh neygigen viyas” jawaabu nudhinas miothi enme varugadha ministry in jawaabu dheefa. Gondi gellunas,nugellunas EC ge memberunnah salaamathe neiy,thiothee QA aa qaanoonaa SC ge amuraa khilaafu vefa. pic.twitter.com/cD6TPQXJXU
— Saudulla (@saudullahilmy) January 6, 2018
ސައުދުﷲ ޙިލްމީއަކީވެސް ޕާޓީ ބަދަލުކުރުމުން ގޮނޑިގެއްލޭ އިސްލާހު ފާސްކުރުމުގެ ކުރިން ވެރިކަންކުރާ ޕީޕީއެމްއިން ވަކިވުމަށް އެދިވަޑައިގެންނެވި މެމްބަރެކެވެ. އެހެން ނަމަވެސް ޕީޕީއެމްއިން ސައުދުﷲ އާއި ދެންވެސް ވަކިވާން އެދުނު މެމްބަރުން ވަކިކޮށްނުދީ، އެމީހުން ވަކިކޮށްފައިވަނީ އޭގެ ފަހުގެ ތާރީޚުތަކުގައެވެ. އަދި އެއާއި އެކު އިލެކްޝަންސް ކޮމިޝަނުންވަނީ އެދާއިރާތަކުގެ ގޮނޑިތައް ހުސްވެފައިވާކަމަށް ނިންމާފައެވެ.