ގއ. ވިލިނގިލީގައި ހުންނަ އަތޮޅު ތައުލީމީ މަރުކަޒަށް ބޭނުންވާ ފްރީ ސްކޫލް ހަ ޓީޗަރުން ހޮވުމުގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް މައްސަލައެއް ހުށަހަޅައިފި އެވެ.
އަމިއްލަ ފަރާތަކުން ހުށަހެޅި މި މައްސަލާގައި މައިގަނޑު ގޮތެއްގައި ބުނެފައި ވަނީ ގއ. އަތޮޅު ތައުލީމީ މަރުކަޒުން ޕްރީސްކޫލްގެ ހަ ޓީޗަރަކު ހޯދުމަށް ކުރި އިއުލާނާ ގުޅިގެން ޓީޗަރުން ހޮވުމުގައި ނުފޫޒުން ވަކި ބަޔަކު ޓީޗަރުންގެ ގޮތުގައި ނެގުމަށް ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާ ކަމަށެވެ. އެގޮތުން ވަޒީފާއަށް އެންމެ އެކަށޭނަ ގާބިލް ފަރާތެއް ހޮވުމަށް ބެލެވޭ ކަންތައްތަކުގެ ތެރެއިން ތައުލީމާއި ތަމްރީން ލިބިފައިވާ މިންވަރާއި، މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރާއި، މަސައްކަތުގެ ހުނަރާއި، ފެންވަރާއި ގާބިލުކަމާއި، ސިފަތަކުން މާކްސް ދިނުމުގައި އެންމެ އެކަށީގެންވާ ގޮތެއްގައި ބައެއް ފަރާތްތަކަށް މާކްސް ދީފައި ނުވާކަމަށެވެ.
ހަމައެހެންމެ، މަގާމަށް އެންމެ އެކަށޭނަ ފަރާތެއް ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާ އިންވެސް ބައެއް ފަރާތްތަކަށް ލިބެންޖެހޭ މާކްސް އުނިކޮށްފައިވާ ކަމަށް ވެސް އޭސީސީއަށް ހުށަހެޅި މައްސަލައިގައި ބުނެފައިވެ އެވެ.
ގއ. އަތޮޅު ތައުލީމީ މަރުކަޒަށް ޕްރީސްކޫލް ހަ ޓީޗަރުން ނަގާފައިވަނީ ސިވިލް ސާރވިސް ގާނޫނާ ހިލާފަށް ކަމަށް ކަމަށް ވެސް މައްސަލަ ހުށަހެޅި ފަރާތުން ތުހްމަތުކުރެ އެވެ. މިމައްސަލަ ވީހާވެސް އަވަހަކަށް ތަހުގީގުކޮށް، އަދުލްވެރި ނިންމުމެއް ނިންމަވާ ދެއްވުމަށާއި މައްސަލަ ވަކި ގޮތަކަށް ނިމެންދެން ޕްރީސްކޫލަށް ހޮވާފައިވާ ހަ ޓީޗަރުން ވަޒީފާއަށް ނުނެރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވާ ދެއްވުމަށް ވެސް އޭސީސީގައި ވަނީ އެދިފަ އެވެ.
މިދިއަ އަހަރުގެ ތެރޭގައިވެސް ގއ. އަތޮޅު ތައުލީމީ މަރުކަޒަށް ޕްރީސްކޫލް ޓީޗަރުން ހޮވުމުގައި ހަމަ މިފަދަ މައްސަލަތަކެއް ފެންމަތި ވެފައި ވެއެވެ. އަދި އެއްފަހަރާ ޓީޗަރުންތަކެއް ވަޒީފާއިން ވަކިކޮށްފައިވެ އެވެ.