ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ބޭސްފަރުވާގެ މައްސަލަ ނުބެލޭނެ ކަމަށް ބުނެ ދައުލަތުން ނެގި އިޖުރާއީ ނުކުތާއަށް، އަދީބުގެ ފަރާތުން ޖަވާބުދާރީވުމަށް މިއަދަށް އަޑުއެހުމެއް ތާވަލުކޮށްފި އެވެ.
ބޭސްފަރުވާއަށް އަދީބު ރާއްޖެއިން ބޭރަށް ގެންދިއުމުގެ އަމުރަކަށް އެދި ހުށަހެޅި މައްސަލަ ނުބެލޭނެ ކަމަށް ބުނެ އިޖުރާއީ ނުކުތާއެއް ދައުލަތުން ނެގީ ބުރާސްފަތި ދުވަހު އެވެ. ދައުލަތުން އެ އިޖުރާއީ ނުކުތާ ނެގީ، ކޯޓަށް މައްސަލަ ހުށަހެޅުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ އިޖުރާއަތުތައް އަދީބު ފުރިހަމަކޮށްފައިނުވާ ކަމަށް ބުނެ އެވެ.
މިއަދު ހެނދުނު 10:45 އަށް ތާވަލުކޮށްފައިވާ އަޑުއެހުމުގައި އޮންނާނީ އެ ނުކުތާއަށް އަދީބުގެ ފަރާތުން ޖަވާބުދާރީވުމެވެ.
އަދީބުގެ ފަރާތުން މި މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައި ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސް އާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އިތުރުން ހޯމް މިނިސްޓްރީ އަށް ރައްދުވާ ގޮތަށެވެ.
ޝަރީއަތުން ބޭރުން މައްސަލަ ހައްލުކުރުމާ ބެހޭ ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޝަނުގައި، ޑިސެމްބަރު 25 ވަނަ ދުވަހު ބޭއްވި ބައްދަލުވުގައި ދައުލަތުން ވަނީ ބޭސްފަރުވާއަށް އަދީބު ރާއްޖެއިން ބޭރަށް ފޮނުވައިދެވެން ނެތް ކަމަށް ބުނެފައެވެ. އަދި ސިވިލް ކޯޓަށް ހުށަހަޅާފައިވާ ޑޮކްޓަރުގެ ލަފާ ގަބޫލުނުކުރެވޭ ކަމަށް ދައުލަތުގެ ފަރާތުން ބަންޑާރަ ނައިބުގެ އޮފީހުގެ ވަކީލު ވިދާޅުވިއެވެ.
ސިވިލް ކޯޓަށް އަދީބު ހުށަހަޅުއްވާފައިވާ މައްސަލައިގައި އެދިފައި ވަނީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވައިދިނުމުގެ އަމުރެއްގެ އިތުރުން، މައްސަލަ ވަކި ގޮތަކަށް ނިމެންދެން ގޭ ބަންދަށް ބަދަލު ކޮށްދިނުމުގެ އަމުރަކަށެވެ. އަދީބު ވަނީ ރާއްޖެއިން ހެދެން ނެތް ބައެއް ޓެސްޓްތައް ހެދުމަށް ޑޮކްޓަރު ލަފާދީފައިވާ ކަމަށް ވިދާޅުވެ ލިޔުންތަކެއް ޝަރީއަތަށް ހުށަހަޅުއްވާފައެެވެ.
އަދީބުގެ ސިއްހީ ހާލުކޮޅު ދެރަވެ ފުރާނައަށް ގެއްލުން ވެދާނެކަމަށް ޑޮކްޓަރުންނާ ހަވާލާދީ އާއިލާ އާއި ވަކީލުން ދަނީ ބުނަމުންނެވެ. އަދީބުގެ އެތެރެހަށީގައި ސިސްޓް އުފެދިފައިވާއިރު ލޮލަށް ގްލޮކޮމާ ޖެހިފައިވާ ކަމަށާއި ކިޑްނީގައި ހިލަ އުފެދިފައިވާ ކަމަށް އާއިލާ އާއި ވަކީލުން ބުނެއެވެ.
އަދީބަށް އިތުރު ފަރުވާ ދިނުމަށް ވީހާ ވެސް އަވަހަކަށް ރާއްޖެއިން ބޭރަށް ގެންދިއުމަށް ޑޮކްޓަރުން ލަފާދީފައިވާއިރު، ސަރުކާރުން ވަނީ އެ ހުއްދަ އަދީބަށް ނުދިނުމަށް ނިންމާފައެވެ. ސަރުކާރުން ބުނަމުން ދަނީ އަދީބު ފިއްލަވާފާނެ ކަމަށާއި، އަދީބު ފިއްލަވައިފި ނަމަ ދައުލަތަށް ލިބެންޖެހޭ ފައިސާ ނުލިބޭނެ ކަމަށެވެ.