މޯލްޑިވިއަންގެ މަތިންދާބޯޓެއްގެ އިންޖީނުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އިމަޖެންސީގައި ޖެއްސިކަމަށް ދެކެވޭ ވާހަކައަކީ ހަޤީގަތެއް ނޫން ކަމަށް އެކުންފުނިން ބުނެފިއެވެ.
މޯލްޑިވިއަންގެ އޮފިޝަލަކު ބައެއް މީޑިއާތަކަށް ވިދާޅުވެފައިވަނީ މާލެއިން ފުރައިގެން ބ. ދަރަވަންދޫއަށް ދިޔަ މޯލްޑިވިއަންގެ މަތިންދާބޯޓެއްގެ އެއް އިންޖީނުގައި އަލިފާން ރޯވުމާ ގުޅިގެން އިމަޖެންސީގައި ޖައްސައިފި ކަމަށް އަޑުތައް ފެތުރެމުންދިޔަ ނަމަވެސް، އެފަދަކަމެއް ހިނގާފައި ނުވާކަމަށެވެ.
އެހެންނަމަވެސް ރާއްޖެ އެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ދަރަވަންދޫއިން މާލެއަށް ފުރަން އުޅުނު މޯލްޑިވިއަންގެ ބޯޓެއްގެ އެއް އިންޖީނުގައި މައްސަލަޖެހިގެން، ފުރުން ލަސްކުރެވިފައިވެއެވެ. އަދި ބޯޓުގެ އިންޖީނަށް މައްސަލަޖެހުނުކަން އެނގުނީ ފަސިންޖަރުން ބޯޓަށް އެރުވިފަހުން ކަމަށާއި، އެހެންކަމުން ބޯޓު ފުރުން ލަސްކޮށް ފަސިންޖަރުން ބޯޓުން ބޭލި ކަމަށް ދަރަވަންދޫ އެއަރޕޯޓްގައި މަސައްކަތް ކުރައްވާ އޮފިޝަލަކު ވިދާޅުވެފައިވެއެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި، މައްސަލަ ޖެހުނު މޯލްޑިވިއަން މަތިންދާ ބޯޓުން ދަތުރުކުރަން ހަމަޖެހިފައިތިބި ހުރިހާ ފަސިންޖަރުން މާލެ ގެނައީ ފްލައިމީގެ މަތިންދާބޯޓެއްގައެވެ. އެއީވެސް އެފަދަ ހާލަތްތަކުގައި ކުރިންވެސް ކަންކުރާ ގޮތްކަމަށް އޮފިޝަލުން ވިދާޅުވެއެވެ.