ރާއްޖޭގެ ޖުޑިޝަރީން މިހާރު ނިންމާ ނިންމުން ތަކަށާއި ކުރަމުންދާ ހުކުމްތަކާމެދު މީގެ ވިއްސަކަށް އަހަރު ފަހުން ކިޔަވާ ކުދިން ޖޯކު ޖަހާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ޢަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީން ހޮނިހިރު ދުވަހުގެރޭ ގެނެސްދިން ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ނިޒާރު ވިދާޅުވީ އެމްޑީޕީން 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައްޔިތުންނަށް ދެމުންދިޔަ އެންމެ ބޮޑު މެސެޖަކީ ރާއްޖޭގެ ޖުޑިޝަރީ ހަރުދަނާކޮށް ރަނގަޅު ކުރާނެ ކަމުގެ މެސެޖް ކަމަށާއި މިއަދު ފެނިގެން މިދަނީ އެކަން ކުރަން ޖެހޭ ސަބަބުތައް ކަމަށެވެ.
ނިޒާރު ވިދާޅުވީ އޭރު އެވާހަކަ އެގޮތައް ދެއްކުމުން އެއީ ބޮޑު ޖޯކަކަށް ހައްދަވައިގެން ވާހަކަ ދެއްކެވި އެތައް ބޭފުޅުންނަކަށް ޖުޑިޝަރީ އޮތް ގޮތުން ބޭއިންސާފުން އަނިޔާ ލިބެމުންދާ ކަމަށެވެ. އަދި މިއަދު ކުރެވޭ ހުކުމްތަކާއި ނިންމާ ނިންމުންތަކަށް މީގެ ވިއްސަކަށް އަހަރު ފަހުން ކިޔަވާ ކުދިންގެ ފޮތްތަކުގައި ލިޔެ އެކަންކަމަށް ފާޑު ކިޔައި ޖޯކު ޖަހާނެ ކަމަށެވެ.
"އެވާހަކަ ދެއްކީމާ ބޮޑު ޖޯކަކަށް ހަދައިގެން އެއީ ކުރަން ޖެހޭ ކަމެއް ނޫންކަމަށް ހަދައިގެން ވާހަކަ ދެއްކެވި ބޭފުޅުންނަށް ޖުޑިޝަރީގައި މިހެން އޮތުމުން، ރާއްޖޭގައި ޢަދުލު އިންސާފުގެ ނިޒާމުގައި އިންސާފު ނެތުމުގެ ސަބަބުން އަނިޔާ ލިބިވަޑައިގަންނަވަމުން ދާތަން. އޭރު މުހިއްމު ކަމެއް ނޫން ކަމަށް ދެކެވަޑައިގެންނެވި ބޭފުޅުންނަށް މިއަދު އަނިޔާ ލިބިވަޑައިގެން އެތިއްބެވީ. މި ރާއްޖޭގައި މި 5 އަހަރު ތެރޭ ހިނގާދިޔަ ޝަރީޢަތްތަކާއި ކުރެވުނު ހުކުމްތަކުގެ ވާހަކަ، މީގެ 20 އަހަރު ފަހުން ކިޔަވާ ފޮތްތަކުގައި ލިޔެގެން އެކިޔަވާ ކުދިން ކިޔަވާފަ ސުވާލު ކުރާނެ ޓީޗަރުންނާ. މީހަމަ ކަން ހިނގާފަ އޮތް ގޮތްހޭ އަހާނެ. އަދި އެކުދިން ހީހީ ޖޯކުޖަހާ އުޅޭނެ" ނިޒާރު ވިދާޅުވިއެވެ.
ނިޒާރު ވިދާޅުވީ ލާމަރުކަޒީ ނިޒާމެއްގެ ދަށުން ރައްޔިތުން ބާރުވެރި ކުރުވުމަށް ޤާނޫން އަސާސީގައި ލާމަރުކަޒީ ނިޒާމާ ބެހޭ ބާބެއް ލިޔެގެން އެކަން ކުރުމަށް ކައުންސިލްތަކެއް ހޮވި ކަމަށާއި މިހާރު ރައީސް ޔާމީން އެވަނީ އެކައުންސިލްތަކުގެ ބާރު ކަނޑުވާލުމުގެ އިތުރުން ކައުންސިލަރުންގެ މުސާރަކޮޅުވެސް ކުޑަކޮށްލާފައި ކަމަށެވެ.
މިކަންކަމަކީ ނިޒާރު ވިދާޅުވި ގޮތުގައި ސިސްޓަމްތަކުގެ މައްސަލައަކުން ދިމާވާ ކަމެއް ނޫން ކަމަށާއި ރަނގަޅު ކުރަން ޖެހޭ ކުދިކުދި ކަންކަން ހުރިނަމަވެސް ޖުމްލަ ގޮތެއްގައި ކަނޑައެޅިފައިވާ ސިސްޓަމް ރަނގަޅު ކަމަށެވެ.
ނިޒާރު ވިދާޅުވީ ރާއްޖޭގައި ކަންކަން މިހެންވެގެން މިދަނީ ރައީސް ޔާމީން ގެންނަވާ އާ ބާވަތެއްގެ ސަޤާފާތެއްގެ ސަބަބުން ކަމަށާއި އަނިޔާވެރިކަން އިސްކުރުމުގެ ސަބަބުން ކަމަށެވެ. އެގޮތުން ރައީސް ޔާމީން އެކުރައްވާ ނާއިންސާފު ކަންކަން ރައްޔިތުން ބަލައި ނުގަންނަކަމަށާއި ކުރިއަށްއޮތް ރިޔާސީ އިންތިޚާބަށް އެމަނިކުފާނު ވަޑައިގަންނަވަން ޖެހޭނީ ގިނިކަންޏާ ކަމަށެވެ. އަދި ބޮޑު ތަނުން ބަލިކުރައްވާނެ ކަމަށްވެސް ނިޒާރު ވިދާޅުވިއެވެ.