އދގެ ސަލާމަތީ މަޖިލީހުގެ ގޮނޑިއަކަށް ރާއްޖެއިން ކުރަމުންދާ މަސައްކަތުގައި ޖަޕާނުގެ އެހީއަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އެދިވަޑައިގެންފިއެވެ.
2019 އިން 2020 އަށް ހިނގާ ދައުރުގައި ސަލާމަތީ މަޖިލީހުގެ ގޮނޑިއަކަށް ރާއްޖެއިން ކުރަމުންދާ މަސައްކަތުގައި ޖަޕާނުގެ އެހީއަށް ރައީސް ޔާމީން އެދިވަޑައިގަތީ ޖަޕާނުގެ ޚާރިޖީ ވަޒީރު ޓާރޯ ކޯނޯ އާއިއެކު ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ބައްދަލުވުމެއްގައެވެ.
ކޯނޯ ރާއްޖެއަށް ކުރެއްވި ޒިޔާރަތުގައި ރައީސް ޔާމީނާއި ބައްދަލުކުރެއްވީ ހޮނިހިރު ދުވަހުގެ ރޭ އެމަނިކުފާނު ފުރާވަޑައިގަތުމުގެ ކުރިން މުލީއާގޭގައެވެ.
މިބައްދަލުވުމުގައި ދެޤައުމުގެ ގުޅުން އެކި ދާއިރާއިން ބަދަހިކުރުމާއި ގުޅޭ ގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. އެގޮތުން ރާއްޖެއަށް ފަތުރުވެރިން އަންނަ އޭޝިއާގެ 3 ވަނަޔަށް އެންމެ ބޮޑު މާކެޓަކީ ޖަޕާނުކަމުން، އެދާއިރާއިން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާކުރެވުނުކަމަސް ރައީސް އޮފީހުން ބުނެއެވެ.
މި ބައްދަލުވުމުގައި ރައީސް ޔާމީންވަނީ ރާއްޖެއަށް ދިމާވެފައިވާ ތިމާވެށީގެ މައްސަލަތަކުގެ ވާހަކަ ފާހަގަކުރައްވައި، އެމައްސަލަތައް ހައްލުކުރުމަށް ޖަޕާނުން ދޭ އެހީތައް ފާހަގަކުރައްވާފައެވެ. މިނިސްޓަރ ކޯނޯ ވަނީ އިޔާދަކުރަނިވި ހަކަތަ ބޭނުންކުރުން އިތުރުކުރުމަށް ފަންނީ ގޮތުން ޖަޕާނުން ކުރިއަށް އޮތްތަނުގައިވެސް ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަޤީންކަން އަރުވާފައެވެ.
މިނިސްޓަރ ކޯނޯވަނީ 2020 ވަނަ އަހަރު ވޯލްޑް އެކްސްޕޯ ޖަޕާނުގެ އޮސާކާގައި ބޭއްވުމަށް ރާއްޖޭގެ ތާޢިދު ދިނުމަށް އެދިވަޑައިގެންފައެވެ. އަދި ރައީސް އަބްދުﷲ ޔާމީން ވަނީ ރާއްޖެއިން އެކަމާއިމެދު ވިސްނާނެކަމުގެ ޔަޤީންކަން އަރުވާފައެވެ. ވޯލްޑް އެކްސްޕޯގެ އިތުރުން 2020ވަނަ އަހަރު އޮލިމްޕިކް ކުޅިވަރުތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ޖަޕާނުގެ ވެރިރަށް ޓޯކިޔޯގައިކަމުން އޮލިމްޕިކްސްގެ ކުރިން އޭޝިއާ ސަރަހައްދުގެ ސަލާމަތީ ކަންކަން ވަރުގަދަކުރުމަށް ދެޤައުމު ގުޅިގެން މަސައްކަތްކުރެވިދާނެ ދާއިރާތަކާއި ބެހޭ ގޮތުންވެސް ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.
އޮލިމްޕިކްސްގެ ކުރިން ރާއްޖޭގައި ކުޅިވަރު އިތުރަށް އެހީ ފޯރުކޮށްދިނުމަށް ޖަޕާނުގެ ޚާރިޖީ ވަޒީރު ކޯނޯ ވަނީ ޝައުޤުވެރިކަން ފާޅުކުރައްވާފައެވެ.
މިނިސްޓަރ ކޯނޯގެ އަރިހުގައި ޖަޕާނުގެ ޚާރިޖީ ވުޒާރާގެ އިސް ބައެއް އޮފިޝަލުންނާއި، ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކަޒޫމީ އެންޑޯ ބައިވެރިވެވަޑައިގަތެވެ.
މި ބައްދަލުކުރެއްވުމަށްފަހު ޖަޕާނުގެ ޚާރިޖީ ވަޒީރު ޓާރޯ ކޯނޯ ވަނީ ރާއްޖެއަށް ކުރެއްވި އެއްދުވަހުގެ ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި، ފުރާވަޑައިގެންފައެވެ.