މީގެ ތިން ދުވަސް ކުރިން މާލޭގައި އަންހެން ކުއްޖަކު ރޭޕް ކުރިކަމަށް ތުހުމަތުކުރެވޭ މީހާ ހައްޔަރު ކޮށްފިއެވެ.
ފުލުހުންވެސް ވަނީ އެކަން ކަށަވަރުކޮށްދީފައެވެ.
ފުލުހުންގެ މީޑިޔާއިން ބުނެފައިވަނީ ބުދަ ދުވަހު ޕޮލިހަށް ހުށަހެޅި ރޭޕް ކުރި ކަމަށް ބުނާ މައްސަލައަކާ ގުޅިގެން އުމުރުން 34 އަހަރުގެ ފިރިހެނަކު ހޮނިހިރު ދުވަހުގެ ރޭ ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެމީހަކީ ކާކުކަމެއް އަދި ހައްޔަރު ކުރީ ކޮންތާކުން ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.
ރާއްޖެ އެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރޭޕް ކުރި މައްސަލައިގައ ތުހްމަތުކުރެވޭ ހައްޔަރުކޮށްފައި ވަނީ ގދ ތިނަދޫއިންނެވެ.
ރޭޕް ކުރިކަމުގެ ތުހުމަތު ކުރެވުނު މީހާ ހައްޔަރު ކުރިކަމަށް ފުލުހުން ބުނެފައި މިވަނީ އޭނާ ހައްޔަރުކޮށް ތަހުގީގް ހިންގުމަށް ސިޔާސީ ފަރާތްތަކުންވެސް ގޮވާލަމުން ދަނިކޮށެވެ.
އަންހެން ކުއްޖާ ރޭޕްކޮށްފައި ވަނީ އާޓް މަސައްކަތް ކުރާ ސްޓޫޑިއޯއަކަށް ޕްރޮޖެކްޓެއް ހަދަން ދިއުމުން ކަމަށާއި އެ ކުއްޖާ ރޭޕްކުރުމަށް ފަހު، އެ ވާހަކަ ނުދެއްކުމަށް ފައިސާ ހުށަހެޅި ކަމަށް އެއަންހެން ކުއްޖާ ވަނީ ބުނެފައެވެ.
އެ ކުއްޖާ ވަނީ ފުލުހުންނަށް އެ މައްސަލަ ހުށަހަޅައި، ވަރަށް ތަފްސީލުކޮށް ބަޔާން ދީފައެވެ. އަދި ފުލުހުން ވަނީ އެ ކުއްޖާގެ ހަށިގަނޑުން ފޮރެންސިކް ތަހުލީލުތަކަށް ސާމްޕަލް ވެސް ނަގައިފައެވެ.