އަންނަ ފެބްރުއަރީ މަހު ދެކުނު ކޮރެއާގައި ބާއްވާ ފިނިމޫސުމުގެ އޮލިމްޕިކް ކުޅިވަރުތަކުގައި އުތުރު ކޮރެއާއިން ބައިވެރިވުމުގެ ފުރުސަތު ބޮޑު ކަމަށް އެޤައުމުން ބުނެފިއެވެ.
އުތުރު ކޮރެއާއިން އޮލިމްޕިކްސްއަށް ދެކުނު ކޮރެއާގެ ޕިޔޮންގްޗެންގްއަށް ދިޔުމުގެ ފުރުސަތު ބޮޑު ކަމަށް ވިދާޅުވެފައި ވަނީ އުތުރު ކޮރެއާއިން ބައިނަލްއަޤްވާމީ އޮލިމްޕިކް ކޮމިޓީއަށް ކަނޑައަޅާފައިވާ އެންމެ އިސް މަންދޫބު ޗެންގް އުންގްއެވެ. ޗެންގް މިހެން ވިދާޅުވެފައި ވަނީ ޗައިނާގެ ވެރިރަށް ބެއިޖިންގްގެ އެއަރޕޯޓްގައި ނޫސްވެރިންނާއި ވާހަކަ ދައްކަވަމުންނެވެ. ބެލެވޭ ގޮތުގައި ޗެންގް ބެއިޖިންގއިން ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ އޮލިމްޕިކްސްއާއި ބެހޭ މަޝްވަރާތަކަށް ސްވިޓްޒަލެންޑަށެވެ.
އުތުރު ކޮރެއާއިން މިހެން ބުނެފައި މިވަނީ ދެކުނު ކޮރެއާއާއިއެކު ވާހަކަތައް ބޭއްވުމަށް އުތުރު ކޮރެއާއިން އެއްބަސްވިތާ އެއް ދުވަސްފަހުންނެވެ. އަންގާރަ ދުވަހު ދެކޮރެއާ ގުޅޭ ބޯޑަރު ސަރަހައްދުގައި ބާއްވާ މި ވާހަކަތަކުގައި މައިގަނޑު ގޮތެއްގައި ދެކެވޭނީ އުތުރު ކޮރެއާގެ އެތުލީޓުން އޮލިމްޕިކްސްގައި ބައިވެރިކުރުމާއިމެދުކަމަށް ރިޕޯޓްތައް ބުނެއެވެ.
އައު އަހަރުގެ ޚިޠާބުގައި ވާހަކަ ދައްކަވަމުން އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގ އުން ވިދާޅުވީ އުތުރު ކޮރެއާގެ އެތުލީޓުން ދެކުނު ކޮރެއާއަށް ފޮނުވުމަކީ ދެޤައުމުގެ ގުޅުން ރަމްޒުކޮށްދިނުމަށް ރަނގަޅު އިޝާރާތަކަށް ވާނެ ކަމަށެވެ.
މިވާހަކަތައް ކުރިއަށް ދާނީ ދެކޮރެއާ ގުޅޭ ސަރަހައްދުގައި އދގެ ކޮންޓްރޯލްގެ ދަށުގައިވާ ޕަންމުންޖޮމްގައެވެ. މަތީފަންތީގެ މިވާހަކަތަކަކީ 2015ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުން ދެކޮރެއާގެ މެދުގައި ބާއްވާ މަތީފަންތީގެ ފުރަތަމަ ވާހަކަތަކެވެ.
ދެކުނު ކޮރެއާގެ ރައީސް މޫން ޖައެ-އިން ވިދާޅުވީ ފިނިމޫސުމުގެ އޮލިމްޕިކްސްއަކީ ދެކޮރެއާގެ ގުޅުން ރަނގަޅު ކުރުމަށް އެޅޭ ފިޔަވަޅެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
ދެކޮރެއާގެ މެދުގައި ވާހަކަތައް ފެށުމާއި ގުޅިގެން އެމެރިކާގެ ދިފާޢީ ވަޒީރު ޖޭމްސް މެޓިސް ވިދާޅުވީ މިއީ ބައިނަލްއަޤްވާމީ ފިއްތުންތަކުގެ ނަތީޖާއެއް ކަމަށެވެ. އަދި އުތުރު ކޮރެއާގެ މި އަމަލަކީ ސުލްހަޔަށް ދިއްކޮށްލި އަތެއްކަމެއް ކަށަވަރުނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި އުތުރު ކޮރެއާއިން އޮލިމްޕިކްސްއަށް ދެކުނު ކޮރެއާއަށް އެތުލީޓުން ފޮނުވުމާއިމެދު ގޮތެއް ނިންމުމަށް މަޝްވަރާތައް ފަށާފައި މިވަނީ ނިމިދިޔަ ޑިސެމްބަރު މަހު ޗައިނާގެ ވެރިރަށް ބެއިޖިންގައި ދެކޮރެއާގެ ކުޅިވަރާއި ބެހޭ އޮފިޝަލުން ބޭއްވި ސިއްރު ބައްދަލުވުންތަކަކަށްފަހުއެވެ.
ފެބްރުއަރީ 9 އިން 25 އަށް ފިނިމޫސުމުގެ އޮލިމްޕިކްސް ކުރިއަށްދާއިރު، ޕެރެލިމްޕިކްސް ނިމޭނީ މާޗް މަހުގެ 19ވަނަ ދުވަހުއެވެ. އޮލިމްޕިކްސްގެ ދުވަސްވަރު ކޮރެއާ ޕެނިންސިއުލާގެ މަސްރަހު ފިނިކުރުމަށްޓަކައި ދެކުނު ކޮރެއާއާއި އެމެރިކާ ގުޅިގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ އަސްކަރީ ތަމްރީންތަކެއް ވެސް މަޑުޖައްސާލުމަށް ދެކުނު ކޮރެއާއިން ވަނީ ނިންމާފައެވެ. އުތުރު ކޮރެއާއިން ދެކޭ ގޮތުގައި ދެކުނު ކޮރެއާ އާއި އެމެރިކާ ގުޅިގެން ބާއްވާ މިފަދަ ތަމްރީނުތަކަކީ އުތުރު ކޮރެއާއަށް އަރައިގަތުމަށް ތައްޔާރުވުމަށް ހިންގާ ތަމްރީންތަކެކެވެ.