ކ. މާލެ
|
6 ޖެނުއަރީ 2018 | ހޮނިހިރު 19:13
އެމެރިކާ އިން އދ އަށް ކަނޑައަޅުއްވާފައިވާ އެމްބެސެޑަރު ނިކީ ހޭލީ، ހޭލީ ވިދާޅުވީ އެމެރިކާ އިން އިރާނުގެ ރައްޔިތުންނާ އެކު ވާކަމަށް
އެމެރިކާ އިން އދ އަށް ކަނޑައަޅުއްވާފައިވާ އެމްބެސެޑަރު ނިކީ ހޭލީ، ހޭލީ ވިދާޅުވީ އެމެރިކާ އިން އިރާނުގެ ރައްޔިތުންނާ އެކު ވާކަމަށް
އަހުމަދު އަނޫޝު
އިރާން ހަމަނުޖެހުން
އިރާނުގެ މުޒާހަރާތަކާ ގުޅިގެން ބޭއްވި ސެކިޔުރިޓީ ކައުންސިލްގެ ބައްދަލުވުމުގައި އެމެރިކާ އަށް ފާޑުކިޔުން އަމާޒުވެއްޖެ
މި ބައްދަލުވުމުގައި ބައެއް މެމްބަރުން ބުނަމުން ދިޔައީ އިރާނުގައި ހިނގަމުންދަނީ ދާހިލީ ކަމެއް ކަމަށް

އިރާނުގައި އެގައުމުގެ ސަރުކާރާ ދެކޮޅަށް ކުރެވެމުންދާ މުޒާހަރާތަކާ ގުޅިގެން އެމެރިކާގެ އެދުމަކަށް ހުކުރު ދުވަހު ބޭއްވި އދ ގެ ސެކިޔުރިޓީ ބައްދަލުވުމުގައި އެމެރިކާ އަށް ފާޑުކިޔުންތަކާ އަމާޒުވެއްޖެއެވެ.

އެގޮތުން ސެކިޔުރިޓީ ކައުންސިލްގެ ބައެއް މެމްބަރުން ބުނެފައި ވަނީ އިރާނުގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކަކީ އެގައުމުގެ ދާހިލީ ކަމެއް ކަމަށެވެ. ސެކިޔުރިޓީ ކައުންސިލްގެ ބައްދަލުވުމުގައި ފްރާންސް އިން އދ އަށް ކަނޑައަޅުއްވާފައިވާ އެމްބެސެޑަރު ފްރަންސުއާ ޑެލައްޓްރޭ ވިދާޅުވީ އިރާނުގައި ހިނގަމުންދާ މުޒާހަރާތަކަކީ ބައިނަލްއަގްވާމީ ސުލްހައަށް ހުރަސްއެޅޭ ކަމެއް ނޫން ކަމަށެވެ.

ހުކުރު ދުވަހު ބޭއްވި ސެކިޔުރިޓީ ކައުންސިލްގެ ބައްދަލުވުމުގައި ރަޝިއާ އިން އދ އަށް ކަނޑައަޅުއްވާފައިވާ އެމްބެސެޑަރު ވަސިލީ ނެބެންޒިއާ ވިދާޅުވީ އެމެރިކާ އިން ދަނީ އދ ގެ ސެކިޔުރިޓީ ކައުންސިލްގެ ޕްލެޓްފޯމްގެ ބޭނުން ނަހަމަގޮތުގައި ބޭނުން ކުރަމުން ކަމަށެވެ. އަދި އެމެރިކާ އިން ދަނީ އިރާނުގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތައް ބޭނުންކޮށްގެން، 2015 ވަނަ އަހަރު އިރާނާއި ބައިނަލްއަގްވާމީ ބާރުތަކާ އެކު ވެވުނު ނިއުކްލިއާ އެއްބަސްވުމަށް ހުރަސްތަކެއް ކުރިމަތިކުރުވަމުން ކަމަށެވެ.

ސެކިޔުރިޓީ ކައުންސިލްގެ ބައްދަލުވުމުގައި ޗައިނާ އިން އދ އަށް ކަނޑައަޅުއްވާފައިވާ ޑެޕިއުޓީ އެމްބެސެޑަރު ވޫ ހައިޓައޯ ވިދާޅުވީ އިރާނުގެ ދާހިލީ ކަމަކަށް އދ ގެ ސެކިޔުރިޓީ ކައުންސިލަކުން ހައްލު ނުލިބޭނެ ކަމަށެވެ.

ސެކިޔުރިޓީ ކައުންސިލުގެ ބައްދަލުވުމުގައި އެމެރިކާ އިން އދ އަށް ކަނޑައަޅުއްވާފައިވާ އެމްބެސެޑަރު ނިކީ ހޭލީ ވިދާޅުވީ އިރާނުގައި ހިނގަމުންދާ މުޒާހަރާތަކުގައި އެމެރިކާ އަށް ރައްދުކޮށް ބަދު ބަސްތަކެއް ބުނަމުންދާ ކަމަށާއި އެކަން "އެމެރިކާ އިން ފާހަގަކޮށްފައިވާ ކަމަށެވެ." ހޭލީ އިތުރަށް ވިދާޅުވީ އިރާނުގެ ސަރުކާރުން އެގައުމުގެ ރައްޔިތުންގެ ހައްގުތަކަށް އަރައިގަންނަކަން ފާހަގަކުރެވިފައިވާތާ އަހަރުތަކެއް ވެފައިވާ ކަމަށެވެ. އަދި ހައްގުތަކަށް ވަކާލާތު ކުރާ ރައްޔިތުންނާއެކީ އެމެރިކާ އިން ވާނެ ކަމަށެވެ.

އެމެރިކާ އަށް ފާޑުކިޔުން އަމާޒުވި ސެކިޔުރިޓީ ކައުންސިލް ބައްދަލުވުމުގައި އިރާނުން އދ އަށް ކަނޑައަޅުއްވާފައިވާ މަންދޫބު ޣުލަމާލީ ޚުޝްރޫ ވިދާޅުވީ އިރާނުގައި ހިނގަމުންދާ މުޒާހަރާތަކަކީ "ބޭރުން ބަޔަކު ކުރުވާ ކަމެއް ކަމަށެވެ." އަދި އެމެރިކާ އިން ސެކިޔުރިޓީ ކައުންސިލްގެ ގޮނޑި ނަހަމަގޮތުގައި ބޭނުން ކުރަމުންދާ ކަމަށެވެ.

އިރާނުގައި ދާދިފަހުން އެގައުމުގެ ސަރުކާރާ ދެކޮޅަށް ފެށުނު މުޒާހަރާތަކުގައި 20 އަށް ވުރެ ގިނަ މީހުން މަރުވެފައިވެއެވެ. އަދި 1000 އަށް ވުރެ ގިނަ މީހުން ހައްޔަރު ކޮށްފައިވެއެވެ. އިރާނުގައި ކުރަން ފެށި ސަރުކާރާ ދެކޮޅު މުޒާހަރާތައް ކުރަން ފަށާފައި ވަނީ ގައުމުގެ ކޮރަޕްޝަނުގެ ހާލަތާ ގުޅިގެންނާއި އަދި ދިރިއުޅުމުގެ ހާލަތު ދަށްވުމުގެ ސަބަބުންނެވެ. ތަކެއްޗާއި ޚިދުމަތުގެ އަގު ބޮޑުވުމުގެ މައްސަލައިގައި ފެށި މުޒާހަރާތައް ފުޅާވެ، ސިޔާސީ މުޒާހަރާތަކަކަށް ބަދަލުވެފައިވާއިރު، މުޒާހަރާގައި އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ އިތުރުން ރައީސް ހަސަން ރޫހާނީގެ އިސްތިއުފާ އަށް ވެސް ދަނީ ގޮވަމުންނެވެ.

Advertisement

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް