"އިސްލާމް ދީނަކީ ވިޔަފާރިއަކަށް ހަދައިގެން، މުސްލިމުންގެ ދީނާއި ޢަޤީދާ ވިއްކުމުގެ ވިޔަފާރިކުރުމަކީ ﷲ ސުބްޙާނަހޫ ވަތަޢާލާއަށް ތަބާވެ ތިބެ، ކުރަން ހެޔޮވާ ވަރުގެ ކަމެއް ނޫންކަމަށް" ދީން އުނގައިނައިދެއްވި ފަރާތްތަކުން ދަސްކޮށްދެއްވި ކަމަށް ކުރީގެ ބަންޑާރަ ނައިބު ޑރ އަހުމަދު އަލީ ސަވާދު ވިދާޅުވެއްޖެއެވެ.
ސިޔާސީ ގޮތުން ބައެއް ފަރާތްތަކުން ދީން ހަތިޔާރަކަށް ހަދައިގެން އުޅޭއުޅުމަށް ޓްވިޓަރގައި ފާޑުވިދާޅުވަމުން ޑރ. ސަވާދު ވިދާޅުވީ "ދީން ވިއްކާ މީހުން އުޅޭ މަންޒަރު ފެނުމުން ހިތާމަ" ކުރައްވާކަމަށެވެ.
Islam dheenaki viyafaari akah hadhaigen Muslimunge dheenai aqeedha vikkumuge viyafaari kurumaki Allah (SWT) ah thabaave thibe kuran heyovaa varuge kameh noonkamugai alhugandah dheen ungainnaidhevvi faraithakun dhaskoddhevi. Dheenvikkaa meehun ulhey manzaru fenumun hithaamakuran.
— ahmad ali sawad (@DrSawad) December 29, 2017
މީގެ އިތުރުން ދިވެހި ރާއްޖެއަކީ ޖުމްހޫރީ ދައުލަތެއް ކަމަށް ޤާނޫނު އަސާސީގައި ބުނެފައިވާއިރު، އެޤާނޫނު އަސާސީ ޙިމާޔަތް ކުރުމަށް ހުވައި ކުރައްވައިގެން ހުންނެވި ރައްޔިތުންގެ މަޖިލިސް މެމްބަރަކު ޖުމްހޫރީ އަސާސެއް ނަފީކޮށް ބަސްބުނެފައި ވާތީ ސަވާދު ވަނީ ފާޑުވިދާޅުވެފައެވެ.
ޑރ. ސަވާދު މިކަމަށް ސޯޝަލް މީޑިއާގައި ފާޑުވިދާޅުވީ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުންނަށް ރާނީއެކޭ ވިދާޅުވެ މުޚާޠަބުކުރައްވައި ދެއްކެވި ވާހަކަފުޅާއި ގުޅިގެންނެވެ.
ޓްވިޓަރގައި ޑރ. ސަވާދު ވިދާޅުވެފައިވަނީ "ޤާނޫނު އަސާސީގެ 2ވަނަ މާއްދާގައި ދިވެހި ރާއްޖެއަކީ 'ޖުމްހޫރީ' ދައުލަތެއް ކަމަށް ކަނޑައަޅާފައިވާ ހިނދު، ޤާނޫނު އަސާސީ ދެމެހެއްޓުމަށާއި، ޤާނޫނު އަސާސީއާއި އެއްގޮތަށް އަމަލުކުރުމަށް، ޤާނޫނު އަސާސީގެ ޖަދުވަލު 1ގެ 4ގައިވާ ހުވާ ކުރައްވައިގެން ހުންނެވި މަޖިލިސް މެމްބަރަކު އާއްމު ޖަލްސާއެއްގައި ޖުމްހޫރީ އަސާސް ނަފީކުރަން ބަސްބުނުމަކީ ޤާނޫނު އަސާސީއާއި ޚިލާފުވުމެއްތޯ"އެވެ.
މީގެ އިތުރުން 'ޤައުމިއްޔަތު'ގެ ނިވަލުގައި ހުދުމުޚުތާރު ވެރިން އިސްލާޙަށް މަސައްކަތްކުރާ މީހުންގެ އަޑު ކަނޑުވާލުމަށް މަސައްކަތް ކުރާކަމަށް ވިދާޅުވަމުން ޑރ. ސަވާދު ވަނީ އިދިކޮޅު ފިކުރުގެ މީހުންނަކީ ޤައުމިއްޔަތާއި ދެކޮޅު މީހުންކަމަށް ލޭބަލްކުރުން ހުއްޓާލުމަށް ގޮވާލައްވާފައެވެ. އަދި މި ޤައުމަކީ އެންމެންގެ ޤައުމެއް ކަމަށް ޑރ. ސަވާދު ވިދާޅުވިއެވެ.
ހަމައެއާއިއެކު، "ކިތަންމެ ރަނގަޅު ފޮތެއް އޮތަސް، ހައްޤާއި ބާތިލް އެނގި ތިބެ، އެޔަށް ފުރަގަސްދީ، ރަނގަޅު ނުބަޔަށް ބަދަލުކޮށް، އެޅި ތާކިހަލާއި ޖުއްބާގެ ނިވަލުގައި ތިބެ، ފަހުބަސް ބުނާ ފާސިދުންގެ ކިބައިން މިންޖުވެގެން މެނުވީ ރައްޔިތުންގެ ހައްޤުތައް ކުރިއެއް ނޭރުވޭނެ"ކަމަށް ވެސް ޑރ. ސަވާދު ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ ސަރުކާރުގައި ދައުލަތުގެ ބަންޑާރަނައިބުކަން ކުރެއްވުމުގެ ކުރިން އެސަރުކާރުގައި ޑރ. ސަވާދުވަނީ ޓޫރިޒަމް މިނިސްޓަރުކަން ވެސް ކުރައްވާފައެވެ. އަދި ފަހަކަށް އައިސް ސޯޝަލް މީޑިއާގައި ސަރުކާރުގެ އެކި ސިޔާސަތުތަކަށް ފާޑުވިދާޅުވެއެވެ.