އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޓްވިޓަރ އެކައުންޓް ޑިލީޓް ނުކުރާނެ ސަބަބު ޓްވިޓަރ އިން ހާމަ ކޮށްފިއެވެ. ޓްވިޓަރ ގެ އާއްމު ސިޔާސާތުތަކާ އުސޫލުތަކާ ޚިލާފަށް އެތައް ޓްވީޓެއް ރައީސް ޓްރަމްޕް ކުރެއްވުމުން ވެސް ޓްވިޓަރ އިން ފިޔަވަޅު އަޅަފައި ނުވާތީ އާއްމުންގެ ގިނަ ފާޑު ކިޔުންތައް ޓްވިޓަރގެ މައި އިދާރާ އަށް އަމާޒުވެފައިވާ ކަން ވަނީ ފާހަގަ ކުރެވިފައެވެ.
ހަމަ ނުޖެހުމަށް ހިތްވަރު ލިބޭ ގޮތަށާއި ގިނަ ބަޔެއްގެ މެދުގައި ނުތަނަވަސްކަން އުފެދޭ ގޮތައް ރައީސް ޓްރަމްޕް އެތައް ޓްވީޓެއް ކުރައްވާފައިވާ ދަނޑިވަޅެއްގައި ޓްވިޓަރ އިން އާއްމު ކުރި ބަޔާނެއްގައި ބުނެފައިވަނީ، ދުނިޔޭގެ ލީޑަރުންނަކީ އާއްމު ވާހަކަތައް ދެކެވޭ ޕްލެޓްފޯމް ތަކުގައި މުހިންމު މަގާމެއް ދެވިފައިވާ ބޭފުޅުން ކަމަށެވެ.
"ދުނިޔޭގެ ލީޑަރަކު ނުވަތަ އެފަދަ ބޭފުޅަކު ޓްވިޓަރ ގައި ދައްކަވާ ވާހަކަފުޅެއް ޓްވިޓަރ އިން ނައްތާލުމަކީ އާއްމުންނަށް ފެނުން މުހިންމު މައުލޫމާތަކުން އާއްމުން މަހުރޫމު ވުމުގެ އިތުރުން އެފަދަ މައުލޫމާތަކާ މެދު ޢާއްމުން ޚިޔާލު ފާޅު ކުރުމަށް ކުރުމަށް ލިބޭ ފުރުސަތެއް ގެއްލިގެން ދާނެ ކަމެއް" ޓްވިޓަރގެ ބަޔާނުގައި ވެއެވެ.
"އަދި އެކައުންޓް ބަންދު ކުރުމަކީ އެފަދަ ބޭފުޅެއްގެ ދޫފުޅު ބަންދު ކުރެވޭނެ ގޮތެއްވެސް ނޫން. އެހެން ނަމަވެސް އޭގެ ސަބަބުން އެބޭފުޅަކު ވިދާޅުވާ އެއްޗަކާ އަދި ކަން ކުރައްވާ ގޮތާ މެދު އާއްމުން މަޝްވަރާ ކޮށް ބަހުސް ކުރުމަށް ހުރަސް އެޅިގެންދާނެ ކަމާ މެދު ޝައްކެއް ނެތް" ރައީސް ޓްރަމްޕްގެ އެކައުންޓް ޑިލީޓް ނުކުރުމަށް ޓްވިޓަރ އިން ދެއްކި ސަބަބު ތައް ކިޔައި ދެމުން ޓްވިޓަރގެ ބަޔާނުގައި ބުނެފައި ވެއެވެ.
ހުސްވި ހަފްތާގެ އަންގާރަ ދުވަހު ޓްރަމްޕް ކުރެއްވި ޓްވީޓެއްގައި ވަނީ އުތުރު ކޮރެޔާގެ ލީޑަރަށް އިންޒާރު ދެއްވާ ބިރު ދައްކަވާފައެވެ.
"އަހަރެންގެ އަތުގައިވެސް ނިއުކްލިއަރ ފިތެއް އެބައޮތް، އެކަމަކު އެ ފިތް މާ ބޮޑުވާނެ އަދި މާ ބާރު ގަދަވާނެ އޭނާ (ކިމް ޖޮން އުން) ގެ ފިތައް ވުރެ، އަދި މަގޭ ފިތް މަސައްކަތް ކުރާނެ. ޓްރަމްޕްގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.
North Korean Leader Kim Jong Un just stated that the “Nuclear Button is on his desk at all times.” Will someone from his depleted and food starved regime please inform him that I too have a Nuclear Button, but it is a much bigger & more powerful one than his, and my Button works!
— Donald J. Trump (@realDonaldTrump) January 3, 2018
ރައީސް ޓްރަމްޕްގެ އެކައުންޓަށް ފިޔަވަޅު އެޅުމަށް އެތައް ބަޔަކު ގޮވާލަމުން ދިއުމާއި ގުޅިގެން ހުކުރު ދުވަހު ޓްވިޓަރ އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ރައީސް ޓްރަމްޕްގެ މި ޓްވީޓަށް ބަލާއިރު އޭގައި ޓްވިޓަރގެ ޚިދުމަތް ބޭނުން ކުރާ ފަރާތްތަކުން ތަބާވާންޖެހޭ އުސޫލުތަކާ ޚިލާފަށް ވިދާޅުވެފައިވާ އެއްޗެއް ނެތް ކަމަށެވެ.
އާއްމުން ތުހުމަތު ކުރަނީ ޓްވިޓަރ އިން އެންމެންނަށް އެއް އުސޫލަކުން ކަން ކުރުމުގެ ބަދަލުގައި ރައީސް ޓްރަމްޕަށް ޚާއްސަ ގޮތެއް ބަހައްޓާ ކަމަށެވެ.
ޓްވިޓަރގެ އަމިއްލަ ދިފާއުގައި އިތުރަށް ބުނެފައިވަނީ ޓްވިޓަރގެ ކުރިއެރުން ބިނާވެފައި އޮންނާނީ ވަކި މީހެއްގެ އެކައުންޓުގެ މައްޗަށް ކަމަށް ނުދެކޭ ކަމަށާއި، އަދި ނިންމުން ތައް ނިންމުމުގައި އެއީ ނުފޫޒް ފޯރާނެ ކަމެއް ނޫން ކަމަށާއި، ޓްވިޓަރގެ ސިޔާސަތުތައް ތަންފީޒް ކުރުމުގައި ބަލަނީ ހަމަހަމަ ކަމާއެކު ކަންކުރުމަށް ކަމުގައެވެ.
ރައީސް ޓްރަމްޕް ގެންދަވަނީ ޓްވިޓަރ މެދުވެރި ކޮށް އީރާނުގައި ސަރުކާރާ ދެކޮޅަށް ކުރިއަށްދާ މުޒާހަރާތަކުގައި ބައިވެރިންނަށް ފާޅުގައި ހިތްވަރު ދެއްވާ އެތައް ޓްވީޓެއް ކުރައްވަމުންނެވެ.