ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއްގެ ގޮނޑި ގެއްލިފައިވާ ކަމާ މެދު އުފެދިފައިވާ ސުވާލަށް ޖަވާބެއް ނުދެއްވައި ތިއްބަވާ ކޮންމެ ދުވަހަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ގާނޫނުއަސާސީއާ ހިލާފުވުމުގައި ދެމިތިއްބަވާ ދުވަހެއް ކަމަށް މަޝްހޫރު ލޯޔަރު އަހުމަދު އަބްދުﷲ އަފީފު ވިދާޅުވެއްޖެއެވެ.
އަހުމަދު ކުރެއްވި ޓްވީޓެއްގައި އެގޮތަށް ވިދާޅުވެފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ 13 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅައި އަދި ރައްޔިތުންގެ މަޖިލީހުން ވެސް އެމެމްބަރުން ވަކިކުރައްވާފައިވާތީއެވެ. އަދި އެމެމްބަރުންގެ ގޮނޑިތައް ގެއްލިއްޖެކަމާ މެދު ރައްޔިތުންގެ މެދުގައި ސުވާލުތަކެއް އުފެދިފައިވާއިރު، ސުޕްރީމް ކޯޓުން މިހާތަނަށް އެކަން ސާފުކޮށް ކަނޑައަޅައިދީފައި ނުވާތީއެވެ.
Rayyithunge majlis ge gondithakeh husvejje kamaa medhu ufedhifai vaa suvaalah javaabeh nudhevvaa thibbavaa komme dhuvahakee supreme court ge fandiyaarun QA aa khilaafuvun mathee dhemithibbavaa dhuvaheh.
— Ahmed Abdulla Afeef (@ahmed_a_afeef) January 6, 2018
މަޖިލިސް މެމްބަރެއްގެ ގޮނޑިއެއް ހުސްވެއްޖެކަމާ މެދު ޚިލާފެއް އުފެދިއްޖެ ނަމަ، އެމައްސަލައެއް ބަލައި ގޮތެއް ކަނޑައަޅާނީ ސުޕްރީމް ކޯޓުން ކަމަށް ގާނޫނުއަސާސީގައި ބަޔާން ކޮށްފައިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅުމާ އެކު ބައެއް މެމްބަރުން ވަނީ އިލެކްޝަންސް ކޮމިޝަނުގެ އެނިންމުން ބާތިލްކޮށް، މެމްބަރުކަން ނުގެއްލޭ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް އެމައްސަލަ ހުށަހަޅާފައެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ ނިންމުން އައީ އެމެމްބަރުންނަށާއި ރައްޔިތުންނަށް އެހާ ސާފުވާ ގޮތަކަށް ނޫން ކަމަށް ގާނޫނީ ވަކީލުން ބުނަމުން ދެއެވެ.
ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރުންނާއި ސިޔާސީ ބޭފުޅުން ވިދާޅުވަމުން ގެންދަވަނީ ސުޕްރީމް ކޯޓުގެ އެ ހުކުމުން އެ މެމްބަރުންގެ ގޮނޑި ގެއްލިފައިވާކަން އެނގޭ ކަމަށެވެ. ހަމަ އެގޮތަށް ސަރުކާރާ އިދިކޮޅު މެމްބަރުންނާއި ސިޔާސީ ލީޑަރުން ވިދާޅުވަމުން ގެއްދަވަނީ ސުޕްރީމް ކޯޓުގެ ހުކުމުން އެ މެމްބަރުންގެ ގޮނޑި ގެއްލިފައިނުވާކަން އެނގޭ ކަމަށާއި އަދިވެސް އެއީ މަޖިލިސް މެމްބަރުން ކަމަށެވެ.
ގާނޫނުއަސާސީގެ 74 ވަނަ މާއްދާގައި ބުނަނީ ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލުމުގެ ޝަރުތު މީހެއްގައި ހަމަވޭތޯ ނުވަތަ މެމްބަރަކު މަގާމުން ވަކިކުރާންޖެހިއްޖެތޯ ބެލުމުގައި ނުވަތަ މެމްބަރުކަމުގެ ގޮނޑިއެއް ހުސްވެއްޖެ ކަމާ މެދު ޚިލާފެއް އުފެދިއްޖެ ނަމަ، އެމައްސަލައެއް ބަލައި ގޮތެއް ކަނޑައަޅާނީ ސުޕްރީމް ކޯޓުން ކަމަށެވެ.
ސަރުކާރާ އިދިކޮޅު ރައްޔިތުންގެ މަޖިލީހުގެ 13 މެމްބަރެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާއިރު، އެކަން ބަޔާންކޮށް އެމެމްބަރުންނަށް ލިޔުމުން ދިނުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ދެކޮހަދާފަ އެވެ. އަދި ރައްޔިތުންގެ މަޖިލީހުން ވެސް ގޮނޑި ގެއްލިފައިވާ ކަމަށް ބުނާ މެމްބަރުންނަށް އެކަމުގެ ލިޔުން ދިނުމަށް ދެކޮޅު ހަދަމުންދާ ކަމަށް އެ މެމްބަރުން ވިދާޅުވެފައި ވެއެވެ.
މީގެ އިތުރުން، މެމްބަރުންތަކެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނުން ބައި-އިލެކްޝަންތައް ބޭއްވުމަށް މަސައްކަތް ކުރާ ކަމަށް ބުނި ނަމަވެސް ހުސްވެފައިވާ ގޮނޑިތަކަށް މެމްބަރުން އިންތިހާބު ކުރަންޖެހޭ ކަމަށް ގާނޫނުއަސާސީގައި ބުނާ މުއްދަތު ވެސް ވަނީ ފަހަނައަޅާ ގޮސްފައެވެ.
ގާނޫނުއަސާސީގެ 78 ވަނަ މާއްދާގައި ބުނަނީ މަޖިލީހުގެ މެމްބަރަކު މެމްބަރުކަމުން ވަކިވުމުގެ ސަބަބުން ހުސްވާ ގޮނޑިއަށް، އެގޮނޑި ހުސްވި ތާރީހުން ފެށިގެން 60 ދުވަހުގެ ތެރޭގައި މެމްބަރަކު އިންތިހާބު ކުރާންވާނެ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން އެންމެ ފުރަތަމަ ގޮނޑި ހުސްވެއްޖެ ކަމަށް ކަނޑައެޅި މެމްބަރުންނަކީ ކުރިން ސަރުކާރު ހިންގާ ޕީޕީއެމް މެމްބަރުންގެ ގޮތުގައި ތިއްބެވި ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމް އާއި، ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިން، ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދުގެ އިތުރުން މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތުގެ ގޮނޑިއެވެ. އެއީ މިދިއަ އަހަރުގެ ޖުލައި މަހުގެ 19 ވަނަ ދުވަހެވެ.
ކުރިން ޕީޕީއެމް މެމްބަރުންގެ ގޮތުގައި ތިއްބެވި 13 މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމަށް ގުޅިފައިވާ އިދިކޮޅު މެމްބަރުން މަޖިލީހަށް ހުށަހެޅި މައްސަލާގައި އެ މެމްބަރުން ސޮއި ކުރައްވާފައި ވާތީ ޕީޕީއެމުން އެމެމްބަރުން ވަކި ކުރުމާ ގުޅިގެންނެވެ.