ރަށެއް ސާފުކުރުމަށް އެ ރަށެއްގެ އެންމެ ގިނަ ރައްޔިތުން ބައިވެރިވި ސާފު ކުރުމުގެ ޕްރޮގްރާމް، އއ. އުކުޅަހުގައި ކުރިއަށް ގެންގޮސްފިއެވެ.
މިއީ މެދުނުކެނޑި އުކުޅަހުގައި އެ ޕްރޮގްރާމް ހިންގި ހަތް ވަނަ އަހަރެވެ.
ގެސްޓު ހައުސްގެ ވިޔަފާރި ކުރިއަރަމުންދާ އުކުޅަހުގައި ކުރިއަށް ގެންދާ އެ ޕްރޮގްރާމްގައި މިއަހަރު 11،00 އަށް ވުރެ ގިނަ މީހުން ބައިވެރިވިއެވެ. "ސާފު އުކުޅަސް" ޝިއާރުގެ ދަށުން ކުރިއަށް ގެންދާ އެ ހަރަކާތަށް ހިތްވަރު ދިނުމުގެ ގޮތުން ރާއްޖޭގެ މުވާސަލާތީ އެންމެ ބޮޑު ކުންފުނި, ދިރާގުން ވަނީ އެ ހަރަކާތް ސްޕޮންސާކޮށްފައެވެ. މެއިން ސްޕޮންސަރެއްގެ ގޮތުގައި އުކުޅަސް ސާފުކުރުމުގެ ޕްރޮގްރާމުގައި އަމަލީ ގޮތުން ދިރާގުން ވަނީ ބައިވެރިވެއެވެ. އެގޮތުން އެ ކުންފުނީގެ 20 މުވައްޒަފުން ވަނީ އުކުޅަހަށް ގޮސް، ސާފު ކުރުމުގައި ބައިވެރިވެފައެވެ.
އުކުޅަހަކީ ކުނި މެނޭޖު ކުރުމުގައި ރާއްޖެއަށް ނަމޫނާއެވެ. އެކަމަށް ހިތްވަރުދީ 2014 ވަނަ އަހަރު އުކުޅަހު ވޭސްޓްމެނޭޖުމަންޓް ސެންޓަރަށް ވަނީ ފެހިފަތް ލިބިފައެވެ. ތިމާވެއްޓަށް ގެއްލުން ނުވާނެ ގޮތަށް ކުނި މެނޭޖުކޮށް ކުނި ބޭނުންކޮށްގެން ރިސައިކަލް ކުރުމަށް ރާއްޖޭގެ ގިނަ ރަށްތަކުގެ މީހުން ތަމްރީނު ކުރުމުގެ މަސައްކަތް ވެސް އެ ރަށުން ދަނީ ކުރަމުންނެވެ. އަދި އުކުޅަހުގެ ތަޖުރިބާ އިން ބައެއް އެހެން ރަށްރަށުގައި ވަނީ މި ނިޒާމު ގާއިމުކޮށްފައެވެ.
އުކުޅަހުގައި ކުރިއަށްދިޔަ އެ ހަރަކާތާ ގުޅިގެން، ސާފު އުކުޅަސް ހަރަކާތުގެ ޓާސްކްފޯސް ކޮމެޓީގެ މެމްބަރު ޝިނާޒު މޫސާ "ރާއްޖެއެމްވީ"އަށް ވިދާޅުވީ އެ ހަރަކާތުގައި ރަށުގެ ކުދި ބޮޑު އެންމެން ބައިވެރިވުމަކީ ފަރުދީ ގޮތުން ރަށަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި ރަށް ސާފު ކުރުމުގައި ރަށުގެ ރައްޔިތުން ބައިވެރިކުރުވުމުން، ކުނި އެޅުން ފަދަ ކަންކަމުން ރައްޔިތުން ދުރުހެލިވާނެ ކަމަށެވެ. އަދި އެހެން މީހުން ކުނި އަޅާ ނަމަ، އެކަން ހުއްޓުވަން ވެސް ރައްޔިތުން މަސައްކަތް ކުރާނެ ކަމަށް ޝިނާޒު ވިދާޅުވިއެވެ.
އުކުޅަސް ސާފު ކުރުމުގެ ޕްރޮގްރާމް އެންމެ ފުރަތަމަ ކުރިއަށް ގެންގޮސްފައި ވަނީ މީގެ ހަތް އަހަރު ކުރިން 2012 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުއެވެ.
ކޮންމެ އަހަރެއްގެ ޖެނުއަރީ މަހުގެ ކުރީކޮޅު ކުރިއަަށް ގެންދާ އެ ހަރަކާތާ ގުޅިގެން، އަހަރު ތެރޭގައި ރަށު ތެރެއިން ހޮވާލެވޭ ކުނީގެ ނިސްބަތް އަހަރުން އަހަރަށް މަދުވާ ކަމަށް ޝިނާޒު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ރަށް ސާފު ކުރުމުގެ ޕްރޮގްރާމްގައި ރަށުގެ ފަޅު ބޭރާއި މޫދާއި ގޮނޑުދޮށާއި އެއްގަމާއި މަގުތައް ސާފުކުރަމުންދާ ކަމަށެވެ.
އުކުޅަހު ކައުންސިލުން އިސްނަގައިގެން ކުރިއަށް ގެންދާ އެ ޕްރޮގްރާމްގައި އެ ރަށުގެ އިދާރާތަކާއި ރަށުގެ ގެސްޓުހައުސްތަކާއި ރަށަށް ޗުއްޓީ ހޭދަކޮށްލުމަށް ގޮސް ތިބި ފަތުރުވެރިން ވެސް ބައިވެރިވެފައިވެއެވެ.
އުކުޅަހު ހަރަކާތް ސްޕޮންސާކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި ކޮކާ ކޯލާ ކޮންޕެނީ އާއި އެސްކޮން ބިލްޑާސް ހިމެނެއެވެ.