ރާއްޖެ އާއި ލަންކާއާ ދެމެދު އުފެދުނު ތޫފާނާ ގުޅިގެން ގެއްލުނު އިންޑިއާ މަސްވެރިން ހޯދުމުގެ މަސައްކަތަށް ދިވެހި ސިފައިން އެހީތެރިކަން ފޫރުކޮށްދެމުން ދަނިކޮށް، ހާލުގައި ޖެހިފައި ތިބި ލަންކާ ދެ މަސް ބޯޓަކަށް އެމްއެންޑީއެފް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އެމްއެންޑީއެެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް "ރާއްޖެއެމްވީ"އަށް މިއަދު ވިދާޅުވީ އެއީ އިންޑިއާގެ ދެ ބޯޓު ކަމަށް ދެންނެވުނީ އޮޅުމަކުން ކަމަށާއި ލަންކާގެ ދެ މަސް ބޯޓު ފެނިފައި ވަނީ ރާއްޖޭގެ އުތުރުން އިގްތިސާދީ ސަރަހައްދީ ކަނޑުގެ ސަރަހައްދާ ކައިރިން ކަމަށެވެ. އެ ދެ ބޯޓު ފެނުނުއިރު، އޭގެ ތެެރެއިން އެއް ބޯޓުގެ އިންޖީނު ހުއްޓިފައިވާ ކަމަށާއި އެމްއެންޑީއެފް ކޯސްޓުގާޑު ހުރަވީން އިންޖީނު ހުއްޓުނު ބޯޓަށް އަރައި އިންޖީނު ހަދައިދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެ ބޯޓުގެ އިންޖީނު ހަދައިދިން އިރު، ބޯޓަށް އާދެވިފައި ވަނީ މަލިކު ބޭރު ކަނޑާ ދިމާލަށް ކަމަށާއި ކޯސްޓުގާޑުން އިންޖީނު ހަދައި ދިނުމުން އެ ބޯޓުތައް އެނބުރި ސްރީ ލަންކާއަށް ގޮސްފައިވާ ކަމަށް އާޒިމް ވިދާޅުވިއެވެ.
ލޭނު އަޅައިގެން މަސްވެރިކަން ކުރަމުންދިޔަ ލަންކާ ދެ މަސް ބޯޓު ހާލުގައި ޖެހުމާ ގުޅިގެން ދިވެހި ސިފައިން އެހީތެރިކަން ފޯރުކޮށްދީފައިވާއިރު، ލަންކާއި އިންޑިއާ އަދި ރާއްޖެއާ ދެމެދު އުފެދުނު ތޫފާނާ ގުޅިގެން ގެއްލުނު އިންޑިއާ މަސްވެރިން ހޯދުމަށް މިދިޔަ ޑިސެމްބަރު މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން ދިވެހި ސިފައިން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެ ތޫފާނުގައި 67 ބޯޓު ގެއްލިފައި ވެއެވެ. އެ ބޯޓުތައް ހޯދުމަށް އިންޑިއާގެ މަސްވެރިންތަކެއް އުޅަނދުތަކެއްގައި ރާއްޖެ އަންނަ ކަމަށް ވަނީ ރިޕޯޓްކޮށްފައެވެ.