ޕީޕީއެމްގެ އިސްވެރިއެއްގެ ކޮއްކޮއަކާ ގުޅޭ ރޭޕްގެ މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، ފުލުހުން ތަހުގީގު ކުރަމުންދަނީ ސްޓޫޑިއޯއެއްގެ ތެރޭގައި އުމުރުން 19 އަހަރުގެ އަންހެން ކުއްޖެއް ރޭޕްކުރި މައްސަލައެވެ. އެ ކުއްޖާ ރޭޕްކުރިކަމުގެ ތުހުމަތު ކުރެވެނީ ޕީޕީއެމްގެ އިސް މަޖިލިސް މެންބަރެއްގެ ކޮއްކޮއެއްގެ މައްޗަށެވެ.
އެ މަޖިލިސް މެންބަރަކީ ކާކުކަމާއި މެންބަރުގެ ކޮއްކޮއަކީ ކާކުކަން ރާއްޖެއެމްވީއަށް އެނގިފައިވީ ނަމަވެސް، އަބުރު ރައްކާތެރިކުރުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ފަދައިން، އެ މީހުންގެ ބަހެއް ލިބިފައި ނުވާތީ، އެ މީހުންގެ ނަން ހާމަކުރެވޭ ގޮތް ވަނީ ނުވެފައެވެ.
އެ ކުއްޖާ ރޭޕްކޮށްފައި ވަނީ އާޓް މަސައްކަތްކުރާ ސްޓޫޑިއޯއަކަށް ޕްރޮޖެކްޓެއް ހަދަން ދިއުމުންނެވެ. އެ ކުއްޖާ ރޭޕްކުރުމަށް ފަހު، އެ ވާހަކަ ނުދެއްކުމަށް ފައިސާ ހުށަހެޅި ކަމަށް ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވެއެވެ.
"ފައިސާގައި ނުހިފުމުން، މައްސަލަ ކޮންމެ ތާކަށް ހުށަހެޅިޔަސް މައްސަލައެއް ނެތް ކަމަށް ބުނެ، އޭނައަށް އެއްވެސް ކަމެއް ނުކުރެވޭނެޔޭ ވެސް ބުނި،" ބައެއް ނޫސްތަކުގައި އެ ކުއްޖާއާ ހަވާލާދީ ބުނެފައިވެއެވެ.
އެ ކުއްޖާ ވަނީ ފުލުހުންނަށް އެ މައްސަލަ ހުށަހަޅައި، ވަރަށް ތަފްސީލުކޮށް ބަޔާން ދީފައެވެ. އަދި ފުލުހުންގެ ވަނީ އެ ކުއްޖާގެ ހަށިގަނޑުން ފޮރެންސިކް ތަހުލީލުތަކަށް ސާމްޕަލް ވެސް ނަގާފައެވެ.
ފުލުހުން ވެސް ވަނީ މިފަދަ މައްސަލައެއް ބަލަމުންދާކަން ކަށަވަރުކޮށްދީފައެވެ. ނަމަވެސް، މައްސަލައާ ގުޅޭ އެއްވެސް ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.
ޖިންސީ އަނިޔާގެ 417 މައްސަލައެއް މިދިޔަ އަހަރުގެ ތެރޭގައި ފުލުހުންނަށް ހުށަހެޅުނެވެ. މިއަހަރުގެ މިހާތަނަށް މިފަދަ ތިން މައްސަލައެއް ފުލުހުން ހުށަހެޅިފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.