އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާ ބެހޭ ގޮތުން ލިޔެފައިވާ ފޮތެއްގައި އެ މަނިކުފާނަކީ "ކުޑަކުއްޖެއް"ގެ ގޮތުގައި އެމަނިކުފާނުގެ މުވައްޒަފުން ވެސް ދެކޭ ކަމަށް ލިޔެފައިވާ ވާހަކައަށް ރައްދު ދެއްވައި، އެ މަނިކުފާނުގެ ނަފްސާނީ ދުޅަހެޔޮކަމާ މެދު ދުވަހަކު ވެސް ސުވާލު ނުއުފައްދަވާ ކަމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ރެކްސް ޓިލަރަސަން ވިދާޅުވެއްޖެއެވެ.
"ފަޔަރ އެންޑް ފިޔުރީ: އިންސައިޑް ދި ޓްރަމްޕް ވައިޓް ހައުސް" އަކީ 200 އިންޓަވިއުއެއްގެ މައްޗަށް ބިނާކޮށް މައިކަލް ވުލް ލިޔުއްވާފައިވާ ފޮތެކެވެ.
ފޮތް ޕަބްލިޝްކުރުން ހުއްޓުވުމަށް ރައީސް ޓްރަމްޕް މަސައްކަތް ކުރައްވާފައި ވީނަމަވެސް އޭގެ ކުރިން ފޮތްވަނީ ބާޒާރަށް ނެރެފައެވެ.
ރައީސް ޓްރަމްޕް ވިދާޅުވެފައި ވަނީ އެ ފޮތަކީ "ދޮގުން ފުރިގެންވާ" ފޮތެއް ކަމަށެވެ. އެ މަނިކުފާނު ވިދާޅުވީ އެއީ މީޑިޔާ އާއި އެހެން ފަރާތްތަކުުން ބާރު އަޅައިގެން އެ މަނިކުފާނު ހިތުގައި ޖެއްސުމަށް ނެރެފައިވާ ފޮތެއް ކަމަށެވެ. މީގެ އިތުރުން ޓްރަޕް ވިދާޅުވެފައި ވަނީ "އެ މީހުން މަސައްކަތްކުރަންވީ އިންތިޚާބެއް ކާމިޔާބުވޭތޯ. ހިތާމަހުރި!"
ރައީސް ޓްރަމްޕް އަކީ"ކޮހެއް" ކަމަށް ޓިލަރސަން ވިދާޅުވެފައިވާ ކަމަށް ރިޕޯޓް ކުރެވިފައިވެއެވެ. ފޮތުގައިވާ ވާހަކަ ދިފާއުކުރައްވައި ސީއެންއެންގައި ޓިލަރސަން ވިދާޅުވެފައި ވަނީ "އެ މަނިކުފާނުގެ ނަފްސާނީ ދުޅަހެޔޮކަމާ މެދު އަޅުގަނޑު ސުވާލު އުފައްދަންވީ ސަބަބެއް ނެތް"
ޓިލަރސަންއާ ބެހޭ ގޮތުން އިވިގެންދިޔަ ވާހަކަތަކަށް ފަހު އެމަނިކުފާނު އިސްތިއުފާ ދެއްވާނެ ކަމަށް ފެތުރުނު ރިޕޯޓްތަކަށް ރައްދު ދެއްވައި ޓިލަރސަން ވިދާޅުވެފައި ވަނީ 2018 ގެ ނިޔަލަށް އޭނާ ހުންނަވާނެ ކަމަށެވެ.
ހުކުރު ދުވަހު ކޭމްޕް ޑޭވިޑަށް ފުރާވަޑައިގަންނަވަނިކޮށް ފޮތާ ބެހޭ ގޮތުން ނޫސްވެރިން ދެންނެވި ސުވާލުތަކަށް ޖަވާބުދެއްވުމަށް ޓްރަމްޕް ވަނީ ދެކޮޅު ހައްދަވާފައެވެ.
އަހަރުގެ ކުރިޔަށް އޮތް ދުވަސްތަކަށް ގާނޫނުހަދާ މަޖިލީހުގެ ތެރެއިން ބޭނުންވާނެ ކަންކަމާ ބެހޭ ގޮތުން ރިޕަބްލިކަން ޕާޓީގެ އިސްފަރާތްތަކާ މަޝްވަރާ ކުރެއްވުމަށް ކޭމްޕް ޑޭވިޑްގައި ދެ ދުވަސް ރައީސް ޓްރަމްޕް ހޭދަކުރައްވާނެއެވެ.