ކ. މާލެ
|
6 ޖެނުއަރީ 2018 | ހޮނިހިރު 11:30
ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީސް
ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީސް
މުހައްމަދު ޝަރުހާން
ރިޝްވަތު ދިނުން
މިއީ އަޖައިބެއް ކަހަލަ އިންސާފެއް، ރިޝްވަތު ހިފާ މީހާ ދައުލަތުގެ ވަރައިގެ ދަށުގައި ހިމާޔަތް ކުރެވިފައި!
ރިޝްވަތު ދޭ މީހާއަށާއި ހިފާ މީހާއަށާއި މެދުވެރިޔާ އަށް މާތް ﷲ ލައުނަތް ލައްވާ
ދައުވާ ކުރެވެނީ ދޭ މީހާއަށް އެކަނި، ހިފާ މީހާއަށް ދައުލަތުގެ ހިމާޔަތް
ފާރިސްގެ މައްސަލައާއި އަދީބުގެ މައްސަލައަކީ މިފަދަ މިސާލެއް

އަދުލު އިންސާފުގެ މާނައަށް ބަލާއިރު ވެސް، އެއީ ހަމަހަމަކަމެއް ނެތް ތަނެއްގައި ލިބޭނެ އެއްޗެއް ނޫންކަން އެނގެއެވެ. ވަކި މީހަކަށް ވަކި ގޮތެއް ހެދުން ނުވަތަ "ސެލެކްޓިވް ޖަސްޓިސް" އަކީ އިންސާފާއި ވަރަށް ދުރު ނާތަހުޒީބު ކަމެކެވެ. އެހެނީ އަދާލަތު ގާއިމްކުރުމުގެ ނިޒާމެއް ކަނޑައެޅިފައި ވަނީ ޖަންގަލީގެ ގާނޫނު ނެތިކޮށްލުމަށެވެ. ޖަންގަލީގެ ގާނޫނު ތަނެއްގައި ވަކި ހިއްޕާލައިފި ނަމަ ގާނޫނީ ނިޒާމާއި ޝަރުއީ ނިޒާމުގެ ހަގީގީ ބޭނުން ކަނޑުވާލާތީއެވެ. އަޅުގަނޑުމެންގެ މި ރާއްޖޭގައި މިއަދު އެންމެ ބާރަށް ދެކެވޭ ވާހަކައަކީ އިންސާފު ނުލިބޭ ވާހަކައެވެ. ގާނޫނުތަކުގައި ކަން ކުރަން އެކަށައަޅާފައިވާ ގޮތާ ދިމާ އިދިކޮޅަށް ކަންތައްތައް ކުރަމުންދާ ވާހަކައެވެ. އިންސާފުގެ ތަރަހައިން ބޭރުވެ، ވަކި މީހަކަށް ވަކި ގޮތެއް ހަދާ ވާހަކައެވެ. ރިޝްވަތުގެ ފައިސާ އިން ގައުމު ކިލަނބު ކޮށްލާފައިވާ ވާހަކައެވެ. ހަލާލެއްތޯ ހަރާމެއްތޯ ބަލާލުމެއް ނެތި މީސްތަކުންގެ މުދާ ކަމުންދާ ވާހަކައެވެ.

އިސްލާމީ އިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި، ހަރާމް ތަކެތި ކައިއުޅޭ މީހާގެ ދީނެއް ނުވެއެވެ. ދީނެއް ނެތް މީހެއްގެ މުރޫވަތެއް ނޯންނާނެއެވެ. އޭނާގެ ހަޔާތުން ބަރަކާތް ކެނޑި، އޭނާ ކުރާ ދުއާ އުޑަކަށް ނުއުފުލޭނެއެވެ. އެފަދަ މީހަކަށް އައުލާކަންބޮޑީ އަލިފާން މެނުވީ ކޮން އެއްޗެއްތޯއެވެ؟ އިސްލާމް ދީނުގައި ރިޝްވަތުގެ ނުބައި އަމަލު ހަރާމްކުރައްވާފައި ވަނީ މި ސަބަބަށްޓަކާއެވެ. ރިޝްވަތަކީ މީހަކަށް އަނިޔާވެރިވެގަތުމުށްޓަކައި އެހީއަށް އެދި ދެވޭ ހަދިޔާއެވެ. ގާޒީއަކު ހަދިޔާއެއްގައި ހިފައިފި ނަމަ އޭނާ އެ ކަނީ ރިޝްވަތެވެ. އަދި އޭނާގެ ޖާހާއި ބާރު ބޭނުންކޮށްގެން މީހުންގެ އަތުން މުދާ ހޯދާ ނަމަ އެއީ ވެސް ރިޝްވަތެވެ. ހައްގެއް ބާތިލު ކުރުމަށްޓަކައި ނުވަތަ ޖާއިޒު ނޫން ކަމެއް ކުރުމަށްޓަކައި މުދަލާއި ފައިސާ ހޯދާ ނަމަ އެއީ ވެސް ރިޝްވަތެވެ. ރިޝްވަތަކީ މީހުންގެ މުދާ ބާތިލު ގޮތުގައި ކެއުން ކަމަށްވާއިރު، ރިޝްވަތު ހިފާ މީހާ އާއި ރިޝްވަތު ދޭ މީހާ އާއި ރިޝްވަތު ހިފައިގެން ދާ މީހާއަށް މާތް ﷲގެ ލައުނަތް ލައްވައެވެ. އިސްލާމްދީނުގައި ރިޝްވަތު ހަރާމް ކުރައްވާފައި ވަނީ އެކަމުގެ ސަބަބުން މުޖުތަމައުގައި ފަސާދަ އުފެދި ހައްގާއި އިންސާފު ނެތިކޮށްލުމަށް ބޭނުންކުރެވޭ ހަތިޔާރަކަށްވާތީއެވެ. އެއްވެސް މުޖުތަމައެއްގައި ރިޝްވަތުގެ ނުބައި އަމަލު އާންމުވެއްޖެ ނަމަ، އެ މުޖުތަމައެއްގެ ހަމަޖެހުން ގެއްލި އަމާންކަން ނެތިގެން ހިނގައިދާނެތީއެވެ. 

މިއަދު އަޅުގަނޑުމެންގެ ރާއްޖޭގައި ކަންތައްތައް ހިނގަމުންދާ ގޮތާ މެދު ވިސްނާލަންޖެހެއެވެ. ރިޝްވަތު ނުބައި އަމަލު މިވަނީ މި ގައުމުގައި ވަކި ހިއްޕާލާފައެވެ. ނަމަވެސް، ރިޝްވަތުގެ މައްސަލަތަކުގައި ކުށްވެރިވަނީ ވަކި ބައެކެވެ. ވަކި ބަޔަކު ރިޝްވަތު ދިނުމާއި ރިޝްވަތު ހިފުން ވެސް ހުއްދައެވެ. މަޖިލިސް މެންބަރުންނަށް ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު ދެއްވި ފައިސާއަކީ ތިމަން މަނިކުފާނުގެ ފައިސާއޭ ވިދާޅުވާ ރައީސަކު ހުންނެވި ގައުމެއްގައި ވާނީ ވެސް މިހެން ނޫންތޯއެވެ؟ ތިމަން މަނިކުފާނުގެ ގެއަށް ވަން ފައިސާ ހަލާލު ނޫން ކަމަށް އަމިއްލަފުޅަށް ވިދާޅުވެ، ފަޟީހަތްވެވަޑައިގަންނަވާ ރައީސަކު ހުންނެވި ގައުމެއްގައި މި ނޫން ގޮތެއް ވާނެތޯ އެވެ؟

ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ރިޝްވަތު ދިނުމުގެ ދައުވާ ކުރެވިފައި ވަނީ މަޖިލިސް މެންބަރަކަށް ރިޝްވަތު ދެއްވި ކަމަށް ބުނެއެވެ. މާ މޮޅު ވާހަކައަކަށް ހަދައިގެން، އެ ބުނާ މެންބަރަކު ރިޝްވަތުގެ ފައިސާގައި ހިއްޕެވި ކަމަށް ދައުލަތުން ބުނެއެވެ. ރިޝްވަތު ހިއްޕެވި މެންބަރު ފުލުހުންގެ ތަހުގީގަށް ދިން ބަޔާނުގައި އަމިއްލައަށް އެކަމަށް އިއުތިރާފުވެ ވަޑައިގެންފަައިވެއެވެ. ނަމަވެސް، އޭނާގެ މައްޗަށް ދައުވާއެއް ނުކުރެއެވެ. މާތް ﷲގެ ލައުނަތަށް ހުށަހެޅޭ އަމަލު ހިންގެވި މެންބަރަށް ދައުލަތުގެ ވަރައިގެ ދަށުގައި ހިމާޔަތްދެނީއެވެ. ގާނޫނުލްއުގޫބާތުގެ ދަށުން ކުށް ކަނޑައެޅިފައިވާ މި އަމަލު ދައުލަތަށް "ސަޅި" ވީއެވެ. އެ މެންބަރުގެ ފަރާތުން ސަރުކާރަށް ލިބޭ މަންފާގެ ބޭނުމުގައެވެ. ރިޝްވަތު ނަގައިގެން ވިޔަސް ސަރުކާރާ އެއްކޮޅަށް ވޯޓު އަޅަން ބެހެއްޓީއެވެ.

ފުލުހުންގެ އިންޓެލިޖެންސް އޮފިސަރުންނަށް ރިޝްވަތު ދެއްވި ކަމަށް ބުނެ އަދީބުގެ މައްޗަށް އެ ވަނީ ދައުވާކޮށްފައެވެ. މި މައްސަލައިގައި، ފުލުހުން ތުހުމަތު ކޮށްފައި ވަނީ އިންޓެލިޖެންސް ރިޕޯޓްތަކެއް ހޯއްދެވުމަށް އަދީބު ފުލުހުންގެ އިންޓެލް އޮފިސަރުންނަށް ރިޝްވަތު ދެއްވި ކަމަށެވެ. އަދީބުގެ އެޕާޓްމަންޓަކުން ފުލުހުންގެ އިންޓެލް ރިޕޯޓްތަކަކާއި އެހެން ވެސް ލިޔެކިޔުންތަކެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. މީގެ އިތުރުން ފުލުހުންގެ އިންޓެލިޖެންސް ޑިޕާޓްމެންޓުގައި މަސައްކަތްކުރާ ބައެއް ފުލުހުން ރޭގަނޑުގެ ދަން ގަޑިތަކުގައި އަދީބު ދިރިއުޅުއްވާ އެޕާޓްމެންޓްތަކަށް ވަދެ ނިކުމެ އުޅޭ މަންޒަރު، ފުލުހުންގެ ތަހުގީގަށް އެއްކުރެވިފައިވާ ސީސީޓީވީ ފުޓޭޖްތަކުން ފެންނަ ކަމަށް ފުލުހުން ބުނެފައިވެއެވެ. އެހެން ނަމަވެސް، މި މައްސަލައިގައި ވެސް ރިޝްވަތުގައި ހިފި ފުލުހުންނަށް ދައުލަތުގެ ވަރައިގެ ދަށުން މިވަނީ ހިމާޔަތް ލިބިފައެވެ. އޭގެން ފުލުހަކާ ދެކޮޅަށް ދައުވާއެއް ކުރުމެއް ނެތެވެ. މި ފުލުހުން ވެސް ބޭނުންކުރާނީ އަދީބާ ދެކޮޅަށް ހެކީގެ ގޮތުގައެވެ. ބޮން ހެދި މީހާއަށް ދިން ފަދަ ހާއްސަ "އިނާމެއް" ދީގެން، ސަރުކާރުން ބޭނުންވާ ވަކި މަގުސަދެއް ހާސިލުކުރުމުގެ ބޭނުމުގައެވެ.

މިއީ މިއަދު ރާއްޖޭގެ ހާލަތު އޮތް ގޮތެވެ. އަޖައިބުން ފުރިގެންވާ ޖިނާއީ އަދުލުގެ ނިޒާމު ހިނގަމުންދާ ގޮތެވެ. ރިޝްވަތު ދޭ މީހާ އާއި ހިފާ މީހާ އާއި ރިޝްވަތު ދިނުމުގައި މެދުވެރިއަކަށްވާ މީހާ އަށް މާތްﷲ ލައުނަތް ލައްވާއިރު، އަދި ގާނޫނުލް އުގޫބާތުން އެކަމަށް ކުށް ކަނޑައެޅިފައިވާއިރު، ޕްރޮސެކިއުޓަރ ޖެނަރަލް އަމަލުކުރަމުން ގެންދަނީ އެވަގުތަކު ހިތަށް އެރި ގޮތަކަށެވެ. ވަކި މަގުސަދެއް ހާސިލުކުރުމަށް ރިޝްވަތު ދޭ މީހާއަށް ދައުވާނުކޮށް ރިޝްވަތު ހިފާ މީހާއަށް ދައުވާކުރަނީއެވެ. ރިޝްވަތު ހިފާ މީހާއަށް ދައުވާނުކޮށް ދޭ މީހާއަށް ދައުވާ ކުރަނީއެވެ. ނޫން ނަމަ، ހަމައެކަނި މެދުވެރިޔާއަށް ދައުވާކުރަނީއެވެ. މިއީ ޕްރޮސެކިއުޓަރ ޖެނަރަލްގެ ނަޒަރިއްޔާތުގައި އިންސާފެވެ. ސިޔާސީ މަގުސަދާއި، އަމިއްލަ މަސްލަހަތާއި، މަގާމު ދެމެހެއްޓުނީމާ އިންސާފު ގާއިމުކޮށްދެވުނީއެވެ. އިންސާފަކީ ކުޅޭކުޅޭ އެއްޗަކަށް، ބޭނުން ގޮތަކަށް މޮޑެލަން ގެންގުޅޭ ފުއްގަނޑަކަށް ހެދީއެވެ. އިންސާފު ނެތިގެން އެ ވާހަކަ ދައްކަން ޖެހެނީ މިފަދަ ނޭއްގާނީ އަމަލުތައް ހިންގާތީއެވެ. އިންސާފަށް ހުތުރު، ޖަންގަލީގެ އުސޫލުތައް ގެންގުޅޭތީއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
7 ޖެނުއަރީ 2018 | އާދީއްތަ 06:32
ފެނުނުތަން
މިސަރުކާރު ހިފަހައްޓަފަ އެއޮތީ ސްޕްރިމްކޯޓުގެ ބާރުގަ، މީހަމަ އެކަނި. ދުނިޔޭގަ މިހާތަނައް ބޮން ހެދިމީހާ ކުއްވެރިނުވެ. ބޮންގޮންވި މީޙާ ކުއްވެރިވާ ގައުމު،