މާލެ އިން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރި "ހިބަރު" ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޏެއް، ކޮޅުމަޑުކުލު ކަޅު ފަހަލަފުށި ފަރަށް އަރައިފިއެވެ.
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނީ، މާލެ އިން ފުރައިގެން ގދ. އަތޮޅަށް ދަތުރުކުރި "ހިބަރު" ދޯނި ތ. ކަޅު ފަހަލަފުށި ކިޔާ ފަޅުރަށުގެ ފަރަށް އެރުމާ ގުޅިގެން އެމްއެންޑީއެފްގެ ސެންޓްރަލް އޭރިޔާގެ ސިފައިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.
ދިގު މިނުގައި 85 ފޫޓް ހުންނަ މި ދޯނި ފަރަށް އެރިކަމުގެ މައުލޫމާތު އެމްއެންޑީއެފްގެ ކޯސްޓްގާޑަށް ލިބިފައިވަނީ މެންދަމު 03:08 ގައި ކަމަށާއި، ދޯނިން ނުވަ މީހަކު ދަތުރުކުރި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އެމްއެންޑީއެފް އިން މަޢުލޫމާތު ދެއެވެ. ދޯނިން ދަތުރުކުރި ނުވަ މީހުންގެ ތެރޭގައި ހިމެނެނީ ހަތަރު ދިވެއްސަކާއި ފަސް ބިދޭސީއަކު ކަމަށް އެމްއެންޑީއެފް އިން މަޢުލޫމާތު ދެއެވެ.