ރ. އަލިފުށީ ޓްވިންޕީކްސް ގޭގައި މިދިޔަ އާދީއްތަ ދުވަހު ރޯކޮށްލި ހާދިސާގެ މައުލޫމާތު ދިން ފަރާތަކަށް 20,000ރ. ގެ ފައިސާގެ އިނާމެއް ހުށަހަޅައިފިއެވެ.
އެގޭގެ ވެރިފަރާތް ކަމަށްވާ އަލީ ހަސަން ކޮށްފައިވާ ފޭސްބުކް ޕޯސްޓެއްގައި ވަނީ، މިއަހަރުގެ ފުރަތަމަ ދުވަހުގެރޭ ރ. އަލިފުށީ ޓްވިންޕީކްސް ގޭގައި ރޯކޮށްލާފައި ވަނީ ބަޔަކު ގަސްތުގައި ކަމަށެވެ. އަދި މިއީ އޭނާ ދެކެ ރުޅިއައިސްގެން ބަޔަކު ދިން "އަގުބޮޑު ހަދިޔާއެއް" ކަމަށް އެ ޕޯސްޓްގައިވެއެވެ.
އެ ހާދިސާ ހިންގި ފަރާތްތަކާ ގުޅޭ އެއްވެސް މަޢުލޫމާތު ހިއްސާކޮށްފި މީހަކަށް 20،000ރ. ހަދިޔާއެއްގެ ގޮތުގައި ދޭނެ ކަމަށް އެޕޯސްޓްގައިވެއެވެ.
އޮޑިދޯނިފަހަރު ބަނުމުގެ ދާއިރާ އިން މިދިޔަ އަހަރު ގައުމީ އިނާމް ހޯއްދެވި އަލީ ހަސަންގެ ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގާފައި ވަނީ ޖެނުއަރީ 1 ވަނަ ދުވަހުގެ ރޭ މެންދަމު 3 ޖެހުމާ ގާތްވެފައި ވަނިކޮށެވެ.
ދެ ކޮޓަރީގެ އެޕާޓްމަންޓަކަށް ހަދާފައިވާ ގޭގައި ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން އެގެއާއި، ގޭގައި ހިފާ ގެންގުޅޭ ހުރިހާ އެއްޗެއް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ.
ބައެއް މީޑިއާތަކަށް މަޢުލޫމާތު ދެމުން އެގޭގެ ވެރިފަރާތް އަލީ ހަސަން ވަނީ، އޭނާ އަށް ގެއްލުމެއް ދޭނެ ކަމަށް ބުނެ މީހަކު އިންޒާރު ދީފައިވާ ކަމަށް ބުނެ، އަލިފާނުގެ ހާދިސާއަކީ ބަޔަކު ގަސްތުގައި ކުރި ކަމެއް ކަމަށް ތުހުމަތުކޮށްފައެވެ. އަދި މާލޭގައި ދިރިއުޅޭ އަލީ ހަސަން އާދީއްތަ ދުވަހު އަލިފުށްޓަށް ދިޔައީ އޭނާގެ ކުންފުނިން ހަދަމުންދާ ޔޮޓެއްގެ މަސައްކަތް ބެލުމަށް ކަމަށާއި، އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ އޭނާ ގޭގައި އުޅެނިކޮށް ކަމަށް އޭނާ ބުނެފައިވެއެވެ.
އޭނާ ބުނެފައި ވަނީ، ފުރަތަމަ ރޯކޮށްލާފައި ވަނީ އޭނާގެ ސައިކަލުގައި ކަމަށާއި، ފަހުން ހުޅުގަނޑު ބޮޑުވެ މުޅި ގޭގައި ރޯވީ ކަމަށެވެ. އަދި ގޭގައި ފަސޭހައިން ހުޅު ހިފާ، އަލިފާންގަނޑު ފެތުރުނީ ގެއަށް ޕެޓްރޯލް ޖަހާފައިވާތީ ކަމަށް އޭނާ ތުހުމަތު ކުރެއެވެ.
މިހާދިސާގެ ސަބަބުން ލިބުނު ގެއްލުމުގެ އަގު ދެ މިލިއަން ރުފިޔާއާ ގާތްކުރާނެ ކަމަށް ވެސް އޭނާ ބުނެފައި ވެއެވެ.
މިހާދިސާގެ ތަހުގީގު ފަށާފައިވާ ކަމަށް މޯލްޑިވްސް ޕޮލީސް ސަރވިސް އިން ބުނެއެވެ.