ކ. މާލެ
|
6 ޖެނުއަރީ 2018 | ހޮނިހިރު 03:01
ތުރުކީގެ ބޮޑުވަޒީރު އުރުދުޣާން (ވ) އާއި ފަރަންސޭސީ ރައީސް މެކްރޯން ޕެރިހުގައި ބައްދަލުކުރައްވަނީ
ތުރުކީގެ ބޮޑުވަޒީރު އުރުދުޣާން (ވ) އާއި ފަރަންސޭސީ ރައީސް މެކްރޯން ޕެރިހުގައި ބައްދަލުކުރައްވަނީ
އޭޕީ
ތުރުކީ-އީޔޫ
އީޔޫއާ ގުޅުމުގެ ފުރުސަތެއް ތުރުކީއަށް މިވަގުތު ނެތް: މެކްރޯން
ވާޙަކަތައް ވަނީ ހުއްޓިފައި

ޔޫރަޕިއަން ޔޫނިއަންއާ ގުޅުމުގެ ފުރުސަތެއް މިވަގުތު ތުރުކީއަށް ނެތް ކަމަށް ފަރަންސޭސީވިލާތުގެ ރައީސް އެމަނުއަލް މެކްރޯން ވިދާޅުވެއްޖެއެވެ.

ވެރިރަށް ޕެރިހުގައި ތުރުކީގެ ރައީސް ރަޖަބް ޠައްޔިބް އުތުރުދުޣާންއާއެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މެކްރޯން ވިދާޅުވީ ތުރުކީ، އީޔޫއާ ގުޅުމާބެހޭ ގޮތުން ކުރިއަށްދިޔަ ވާހަކަތައް މިހާރު މަޑުޖެހިފައިވާ ކަމަށެވެ. އެވާހަކަތައް މަޑުޖެހުނީ 2016 ވަނަ އަހަރު ތުރުކީގައި ގެންނަން އުޅުނު ބަޣާވާތް ހުއްޓުވުމަށްފަހު، ބަޣާވާތާ ގުޅުން ހުރި މީހުންނާމެދު ޢަމަލުކުރަމުންދާ ގޮތުންކަމަށް މެކްރޯން ވިދާޅުވިއެވެ. ތުރުކީގެ އިންސާނީ ހައްޤުތަކުގެ ޙާލަތާމެދު ކަންބޮޑުވެ، ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.

ތުރުކީގެ ބޮޑުވަޒީރު އުރުދުޣާން ވިދާޅުވީ އީޔޫގެ މެމްބަރަކަށް ވުމަށް މަސައްކަތްކޮށްކޮށް، ތުރުކީ ވަރުބަލިވެއްޖެކަމަށެވެ.

ނޫސްވެރިންގެ މި ބައްދަލުވުމުގައި ތުރުކީން ސީރިޔާއަށް ހަތިޔާރު ފޮނުވާތޯ ނޫސްވެރިޔަކު ކުރި ސުވާލަކަށް އުރުދުޣާންވަނީ ހަރުކަށިކޮށް ރައްދުދެއްވާފައެވެ. އެ ނޫސްވެރިޔާ ސުވާލުކުރަނީ ގުލެން ޙަރަކާތުގެ މީހުންގެ ވާހަކަތައް ހުންނަ ޒާތަށްކަމަށް ވިދާޅުވިއެވެ. ފަތުހުﷲ ގުލެން އާއި އޭނާގެ ޙަރަކާތުގެ ބައިވެރިންނަކީ ތުރުކީގައި ގެންނަން އުޅުނު ބަޣާވާތުގެ ފަހަތުގައި ތިބި މީހުން ތުހުމަތުކުރައްވައެވެ.

ތުރުކީގެ މިހާރުގެ ޙާލަތަށް ބަލައި، އެޤައުމަށް އީޔޫގެ މެމްބަރޝިޕް ނުދިންނަމަވެސް، އީޔޫގެ ބައިވެރިއެއްގެ ގޮތުގައި ތުރުކީ ބަލައގަނެ، އަންކާރާއާ އެކު އޮންނަ ގުޅުން ބަދަހިކުރުން މުހިއްމުކަމަށް މެކްރޯން ވިދާޅުވިއެވެ.

Advertisement

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް