ރާއްޖޭގައި ނޫސްވެރިކަމަށް، އަދި ޚާއްސަކޮށް ބްރޯޑްކާސްޓިންގ އަށް އޮތް އެންމެ ބޮޑު ބިރަކީ ބްރޯޑްކާސްޓިންގ ކޮމިޝަންކަމަށް އއ މަތިވެރި ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ޓީވީގެ މުވައްޒަފުން ފާއިތުވި އަހަރު ކުރި މަސައްކަތުގެ އަގު ވަޒަންކުރުމަށް ބޭއްވި، ރާއްޖެ ޓީވީ ރާއްޖެ އެމްވީ ސްޓާފް އެވޯޑްސް 2017 ގެ ހަފުލާގައި، ކުރިން މީޑިއާ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެއް މަސައްކަތް ކުރެއްވި ހުސައިން މުހައްމަދު ވިދާޅުވީ ކަންކަން ހިނގަމުންދާ ގޮތް ބެލުންތެރިންނާއި ހަމަޔަށް ގެނެސްދޭން ވެރިންނަށް ތިބޭ މީހުންނަށް ކަމުނުދާނެކަމަށެވެ. އަދި ރާއްޖެ ޓީވީއަށް ސަރުކާރުން އަޅާ ދަތިކުރުމުގެ ފިޔަވަޅުތަކަކީ އެކަމުގެ ސަބަބުން އަޅާ ފިޔަވަޅުތަކެއްކަމަށް ހުސައިން މުހައްމަދު ވިދާޅުވިއެވެ.
ހުސައިން މުހައްމަދު ވިދާޅުވީ ޅަފަތުގެ ޑިމޮކްރަސީއެއްގައި އޮންނާނީ ޅަފަތުގެ ނޫސްވެރިކަމެއްކަމަށެވެ. އަދި ޑިމޮކްރަސީއެއް އޮންނާނީ މިނިވަން ނޫސްވެރިކަމެއް އޮވެގެންކަމަށެވެ. އަދި މިނިވަން ނޫސްވެރިކަމަށް އެންމެ ބޮޑު ހުރަހަކީ ލަފަތުގައި އޮތް ނޫސްވެރިކަމުގެ މިނިވަންކަމުގެ ހިމާޔަތުގައި މަސައްކަތްކުރަން އޮތް ބެލެނިވެރި ފަރާތްކަމަށްވާ ބްރޯޑްކާސްޓިންގ ކޮމިޝަންކަމަށެވެ.
އަދި ބްރޯޑްކޮމްއިން ދައްކާ ބިރަށް ބެލުމެއް ނެތި ރާއްޖެ ޓީވީގެ ނޫސްވެރިން ކުރަމުންދާ މަސައްކަތަށް ހުސައިން މުހައްމަދު ސާބަސް ދެއްވިއެވެ. ރާއްޖެ ޓީވީގެ މުވައްޒަފުން އަދާކުރަމުންދާ މަސައްކަތުގެ ހައްގު ޝުކުރު އަދިވެސް ނުދެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.