އެވަޓަންއަށް ކުޅެމުން އަންނަ އިނގިރޭސިވިލާތުގެ ހުނަރުވެރި މިޑްފީލްޑަރު ރޮސް ބާކްލީ އެ ޓީމު ދޫކޮށް ޗެލްސީއަށް ބަދަލުވުމަށް ނިންމައިފިއެވެ.
އުމުރުން 24 އަހަރުގެ މިޑްފީލްޑަރު ހޯދުމަށް ޗެލްސީއިން މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓުގައި ވެސް މަސައްކަތް ކޮށްފައިވެއެވެ. އެހެން ނަމަވެސް އެފަހަރު ޗެލްސީއިން ހުށަހެޅި ކޮންޓްރެކްޓަށް ފުރަގަސްދީ އޭނާ ވަނީ އެވަޓަންގައި މަޑުކޮށްފައެވެ. ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހު ހުޅުވުނު ފިނި މޫސުމުގެ ޓްރާންސްފާ މާކެޓާއެކު މި ދެ ކްލަބުން ވަނީ އަނެއްކާވެސް ބާކްލީގެ ޓްރާންސްފާގެ މަޝްވަރާތައް ފަށާފައެވެ.
މި ސީޒަނުގެ މެދުތެރެއިން އެވަޓަންއިން އޭނާއަށް ހުށަހެޅި ކޮންޓްރެކްޓްއަށް ބާކްލީ ފުރަގަސްދިންއިރު އެވަޓަންއާއެކު އޭނާ ހަދާފައިވާ ކޮންޓްރެކްޓް މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ހަމަވާނެއެވެ. އެހެންކަމުން ދަށް ފީއެއްގެ ދަށުން އޭނާއަށް އެހެން ކްލަބަކަށް ބަދަލުވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.
އެވަޓަންގެ ކޯޗު ސޭމް އެލަޑައިސް ވެސް ވަނީ ބާކްލީ އެ ކްލަބް ދޫކޮށްލާނެ ކަމަށް ބުނެފައެވެ. ބެލެވޭ ގޮތުގައި އޭނާ ޗެލްސީއަށް ބަދަލުވާނީ 15 މިލިއަން ޕައުންޑްގެ ފީއަކަށެވެ. މިދިޔަ އޮގަސްޓު މަހު ފަލަމަސްގަޑަށް ލިބުނު އަނިޔާއަކާއި ގުޅިގެން މި ސީޒަނުގައި ބާކްލީ އެއްވެސް މެޗެއް ކުޅެފައި ނުވާއިރު މި ޖެނުއަރީ މަހުގެ ނިޔަލަށް އޭނާ ފިޓުވާނެ ކަމަށް ބެލެވެއެވެ.
ބާކްލީ ޗެލްސީއާ ގުޅެން އުޅޭ ވާހަކަޔާމެދު އެ ޓީމުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ވަނީ ކޮމެންޓް ކުރަން ދެކޮޅު ހަދާފައެވެ. ބާކްލީއާ ބެހޭގޮތުން ކޮންޓޭ ބުނީ އޭނާއަކީ ޒުވާން މޮޅު ކުޅުންތެރިޔެއް ކަމަށާއި މުސްތަގުބަލުގައި އޭނާގެ ފަރާތުން ތަފާތު ފެންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ. އޭނާއަކީ އަނިޔާއިން ސަލާމަތްވުމަށް މަސައްކަތް ކުރަމުން އަންނަ ކުޅުންތެރިޔެއްކަން ފާހަގަކުރަމުން ކޮންޓޭ ބުނީ ޗެލްސީއާ އޭނާ ގުޅިއްޖެނަމަ އަނިޔާއިން ސަލާމްތްވުމަށް އެކަށީގެންވާ ވަގުތު ދޭންޖެހޭ ކަމަށެވެ.
ބާކްލީ އެވަޓަންއާ ގުޅުނީ އޭނާގެ އުމުރުން އެންމެ 13 އަހަރުގައި 2005 ވަނަ އަހަރުއެވެ. 2011 ވަނަ އަހަރު އެވަޓަންއަށް ފުރަތަމަ މެޗު ކުޅެދިން ބާކްލީ ވަނީ އެ ޓީމަށް ކުޅުނު 150 މެޗުގައި 21 ލަނޑު ޖަހައިދީފައެވެ.