ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ހުކުރު ދުވަހު އެމްޑީޕީ ހަރުގެ ކުރިމަތީ ބޭއްވި ސަޔަށް ގެނައި ބައެއް ތަކެތި ފުލުހުން ގެންގޮސްފި އެވެ.
މި ހުކުރުގައި ބޭއްވި ސަޔަށް ވެސް ގެނައި ތަކެތި ފުރަތަމަ ބަހައްޓާފައި ހުރީ އެމްޑީޕީގެ ހަރުގެ ކުރިމަތީގަ އެވެ. އެންމެ ފުރަތަމަ ފުލުހުން ވަނީ އެތަކެތި އެމްޑީޕީ ހަރުގެ ކުރިމަތީ ހުއްޓާ އެމްޑީޕީގެ ހަރުގެ ތެރެއަށް ވައްދާފަ އެވެ. އަދި އޭގެ ފަހުން ދެ ވަނަ ފަހަރަށް އެތަކެތި މަގު މައްޗަށް ނެރެފައި ހުއްޓާ އެސްއޯ ފުލުހުން ވަނީ ގެންގޮސްފަ އެވެ. ނަމަވެސް ތިން ފަހަރަށް ސަޔަށް ތެކަތި ގެނެސް އެ ހަރަކާތް ކުރިއަށް ގެންގޮސްފައިވެއެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭއްވި މި އެއްވުމުގައި ވާހަކަ ދެއްކެވި ބައެއް ބޭފުޅުން ވަނީ ސަރުކާރަށާއި ޝަރުއީ ދާއިރާއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. ރައީސް އަބްދުﷲ ޔާމިންގެ ވެރިކަން ނިމުމަކަށް ގެންނާނެ ކަމަށާއި ރައްޔިތުންނަށް އަނިޔާވެރިވި ދައުލަތުގެ އިސްވެރިން އިންސާފުގެ ކުރިމައްޗަށް ހާޒިރުކުރާނެ ކަމަށްވެސް ވާހަކަ ދެއްކެވި ބައެއް ބޭފުޅުން ވިދާޅުވި އެވެ.
މީގެ އިތުރުންވެސް ދައްކާ ބިރަށް ފަހަތައް ނުޖެހޭނެ ކަމަށާއި ރިޔާސީ އިންތިހާބުގެ ކެމްޕެއިން ބާރަށް ކުރިއަށް ގެންދާނެ ކަމަށްވެސް ބައެއް ބޭފުޅުން ވިދާޅުވި އެވެ.
ސަޔަށް ގެނައި ތަކެތި ގެންދިޔަ ނަމަވެސް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވެ އެވެ.