އަނެއްކާ ވެސް ފަށަނީއެވެ. މިފަހަރު ބުނަނީ "މިއުޅެނީ ފަށަން އިނގޭ. ނިންމާލާނީ ކާމިޔާބުކޮށްފައި" ކަމަށެވެ. ޕީޕީއެމް ބޭފުޅުން ދެން މާ ޓީޒަރ ކެމްޕޭން ހެދޭ ބޭފުޅުންނަށް ހެދިގެން ނޫޅުނަސް، ތިދައްކަނީ ރިޔާސީ ކެމްޕޭން ފަށާ ވާހަކަ ކަން އެންމެންނަށް ވެސް އެނގެއެވެ.
"މިއުޅެނީ ފަށަން"ށޭ ޕީޕީއެމްއިން ބުންޏަސް، އެވާހަކަ މިހާރު ޤަބޫލެއް ނުކުރެވެއެވެ. އުޅެއުޅެ ނުފެށުނެވެ. މިހާރު މިއީ ފަށަން އުޅޭ ކިތައް ވަނަ ފަހަރު ކަމެއް ނޭނގެއެވެ. ކެމްޕޭން ލޯންޗްކުރެވުނީ ކިތައް ފަހަރު ކަމެއް ނޭނގެއެވެ. ޕީޕީއެމްގެ މެމްބަރުން ވެސް މިހާރު އެކަން ހަނދާން ނެތޭހާ ވަރަށް ކެމްޕޭން ލޯންޗްކޮށް، ކެމްޕޭން ފަށައިފިއެވެ.
ޕީޕީއެމްގެ އިސްވެރިން، އިދިކޮޅު ކެންޑިޑޭޓެއްގެ ގޮތުގައި ނެރެނީ ކޮން ބޭފުޅެއްތޯ ނުބަލައި، ތިމާމެންގެ އަމިއްލަ ރިޔާސީ ކެމްޕޭން ފަށަނީ ކޮން އިރަކުތޯ އަހަންވީ ނޫންތޯއެވެ؟ ގައިމު އިދިކޮޅު ކެންޑިޑޭޓަކީ ކޮބައިތޯ ކުރެވޭ ސުވާލަށް ވުރެ ޖަވާބު ދޭން އުނދަގޫވާނެ ސުވާލަކީ އެއީއެވެ.
ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންނާއި ސިވިލް ސަރވިސްގެ މުވައްޒަފުން ގަދަބާރުން ގެންގޮސްގެން ފަށަން އުޅުނަސް ތި ކެމްޕޭން އިންޖީނެއް ސްޓާޓްވާނެ ކަމަށް ނުފެނެއެވެ. ކިކްސްޓާރޓްކޮށްގެން ވެސް ތި ކަމެއް ވާނެހެނެއް ހިޔެއް ނުވެއެވެ. ބެޓެރިއަކު ބާރެއް ނެތެވެ. ޕެޓްރޯލެއް ނެތެވެ.
Miulheny #Fashan ingey ... ninmaalaany Allah Rahmathaa eku #Ehlakin kaamiyaabu koffa.”
— Ahmed Nihan (@ahmed_nihan) January 4, 2018
In Sha Allah...#RY2018 pic.twitter.com/CK9nbfPpKz
ތިޔަހެން އިހްރާމްގައި ރައީސް ޔާމީން ހުންނެވި ފޮޓޯއެއް ލައިގެން ކެމްޕޭނެއް ނުފެށޭނެއެވެ. ކެމްޕޭނަކީ ވަރަށް ތަފާތު އުކުޅެކެވެ. ގަދަބާރުން ބިރު ދައްކައިގެން މީހުން ލައްވާ ކަންކަން ކޮށް އުޅޭ ބަޔަކަށް އެކަން ނޭނގިދާނެއެވެ. ކެމްޕޭން ވާން ޖެހޭނީ މީހުންގެ ހިތްދަމައިގަންނަ، މީހުންނަށް ކަމުދާ އެއްޗަކަށެވެ. ތިމާމެންގެ އަމިއްލަ އެއްޗަކަށެވެ. އެމްޑީޕީއިން އެއް ޒަމާނެއްގައި 'އެއްބުރުން' އިންތިޚާބު ކާމިޔާބުކުރާ ވާހަކަ ދެއްކީމައި، އޭގެ ފަސް އަހަރު ފަހުން ޕީޕީއެމް އިން ނިކުމެ ނިހާނުމެން ފަދަ ބޭފުޅުން 'އެއްލަކިން' އިންތިޚާބު ކާމިޔާބުކުރާނެ ވާހަކަ ދެއްކިޔަސް، އޭގައި އޮރިޖިނަލް ކަމެއް ނެތެވެ. ނިހާނުމެންނަކީ އާޓިސްޓުންނެވެ. ކްރިއޭޓިވް ބޭފުޅުންނެވެ. ނިކަން މޮޅު ޓެގްލައިނަކާއި އެއްޗެހި ހައްދަވައިގެން، ހުއްޓިފައިވާ ޕީޕީއެމްގެ އިންޖީނަށް ޕެޓްރޯލް އަޅުއްވައިގެން މިކަން ކުރާ ގޮތް ރައީސް ޔާމީނަށް ދައްކަވަބައްލަވާށެވެ.
ކަންކަން ވަނީ ގަދަ ކީރިތިވަންތަ ﷲ ސުބްޙާނަހޫ ވަތަޢާލާގެ އިރާދަފުޅާއި މިންވަރުފުޅުންކަން އެބޭފުޅުންނަށް ވެސް އެނގޭނެއެވެ. ރައީސް ޔާމީން 2018 "އިންޝާﷲ އޭ" ބުނަނީ އެހެންވެ ކަންނޭނގެއެވެ. އެހެން ވިދާޅުވެފައި، ދެން ލާދީނީ ވާހަކަ ނުދައްކަވާށެވެ. އިންޝާﷲ އޭ ބުނެ މާތް ﷲ ޙަރާންކުރެއްވި ކަންތައްތަކަށް އަރައި ނުގަންނާށެވެ. ކޮރަޕްޓް ނުވާށެވެ. ވައްކަން ނުކުރާށެވެ. ރައްޔިތުންނަށް އަނިޔާވެރި ނުވާށެވެ. ރައްޔިތުންގެ ހައްޤުތަކަށް އަރައިނުގަންނާށެވެ. މީސްމީހުންނަށް ނުހައްޤުން ހުކުމް ނުކުރާށެވެ. ޖަލުގައި މީހުންނަށް ދެމުންދާ އަނިޔާތައް ކުރުން ހުއްޓާލާށެވެ. ޢަދުލު އިންސާފު ޤާއިމްކުރާށެވެ.
މިފަހަރު ދެން މި ފަށަނީއޭ އެބޭފުޅުން ވިދާޅުވީމާ، އަޅުގަނޑުމެންނަށް ޤަބޫލުކުރަން ދައްޗެވެ. ޕީޕީއެމްގެ ޔާމީން ފެކްޝަން އެވަނީ ގަރާޖަށް ގެންދަންވެފައެވެ. ސައިކަލު ވެސް ސްޓާރޓްނުކުރެވިގެން ގިނަ ފަހަރަށް ގެންދަން ޖެހެނީ ގަރާޖަށެވެ. ހެދުނިއްޔާ ހެދުނީއެވެ. ޕީޕީއެމް އަށް އެވަރު ވެސް ވާނެ ކަމަކަށް ނުފެނެއެވެ. ރައީސް ޔާމީންގެ ޕާޓީ ބާދަގަނޑަށް ކިރަން ވެއްޖެ ކަމަށް ބަޔަކު އެ ބުނަނީ ކަމެއް ވެގެންނެވެ.