އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެވްރެޖްކޮށް ދުވާލަކު 5.6 ދޮގު ހަދާކަމަށް ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
އެމެރިކާގެ ނޫހެއްކަމަށްވާ ވޮޝިންގޓަން ޕޯސްޓުން އެއްކުރި މައުލޫމާތުން އެނގޭ ގޮތުގައި ވެރިކަމަށް ވަޑައިގަތުމަށްފަހު 2017ވަނަ އަހަރުގެ އެންމެ ފަހު ދުވަހާއި ހަމަޔަށް ޓްރަމްޕްވަނީ 1950 އިތުރުފުޅު ނުވަތަ ހަޤީގަތާއި ޚިލާފު ވާހަކަ ދައްކަވާފައެވެ. އަދި މި ރޭޓުން ވަޑައިގަންނަވާނަމަ ވެރިކަމުގެ ފުރަތަމަ އަހަރު އެކަނިވެސް ޓްރަމްޕް 2000 އިތުރުފުޅު ހައްދަވާނެއެވެ.
އަދި ވެރިކަމަށް ވަޑަގަތްފަހުން އެއް އަހަރުވާން ބާކީ އޮތް މަދު ދުވަސްކޮޅުގެ ތެރޭގައި މީޑިއާ އިންޓަރވިއުއެއް ދެއްވަން ނިންމަވައިފިނަމަ އެ އަދަދު އެއަށްވުރެ މައްޗަށް ދާނެކަމަށް ލަފާކުރެއެވެ. ފިނިމޫސުމުގެ ޗުއްޓީއާއި ދިމާކޮށް ނިއުޔޯކް ޓައިމްސްއަށް ދެއްވި އިންޓަރވިއުގައިވެސް ޓްރަމްޕް ވަނީ 24 އިތުރުފުޅު ހައްދަވާފައެވެ.
ކެމްޕޭން ދުވަސްވަރުވެސް ޓްރަމްޕް ގެންދެވީ ހުއްޓުމެއް ނެތި އިތުރުފުޅު ހައްދަވަމުންނެވެ. ވޮޝިންގްޓަން ޕޯސްޓުން ބުނާ ގޮތުގައި އެނޫހުން ފެކްޓް ޗެކް ހެދި 92 ސްޓޭޓްމަންޓެއްގެ ތެރެއިން 59 ސްޓޭޓްމަންޓަކީ ދޮގު ސްޓޭޓްމަންޓްތަކެކެވެ. އެއީ 64 އިންސައްތައެވެ. މިއާއި ޚިލާފަށް ވާދަވެރިޔާ ހިލަރީ ކްލިންޓަން ދެއްކެވި ވާހަކަފުޅުގެ ތެރެއިން 10 އިންސައްތައަކީ އިތުރުފުޅުތަކެވެ.
ސިޔާސީ ބޭފުޅުންނަކީ ދޮގެއް ހެދިޔަސް، އެ ދޮގު ތަކުރާރު ކުރާ ބައެއް ނޫނެވެ. ޚާއްސަކޮށް އެމެރިކާފަދަ ޑިމޮކްރަސީތަކުގައެވެ. އެހެން ނަމަވެސް ޓްރަމްޕްގެ ވެރިކަމުގައި 60 އިތުރުފުޅެއް އެމަނިކުފާނު ވަނީ 3 ފަހަރަށްވުރެ ގިނައިން ތަކުރާރުކުރައްވާފައެވެ.
ޓްރަމްޕްގެ ވެރިކަން ނިމިގެންދާއިރު، އެމަނިކުފާނުގެ ނަން ތާރީޚުގައި އެންމެ ބޮޑަށް ފާހަގަކުރެވިގެންދާނީ އިތުރުފުޅު ހައްދަވާ ބޭފުޅެއްގެ ގޮތުގައެވެ.