ނިމިގެންދިޔަ 2017 ވަނަ އަހަރު ބެލްޖިއަމްގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ޗެލްސީއަށް ކުޅެމުން އަންނަ ހުނަރުވެރި ފޯވާޑް އެޑެން ހަޒާޑް ހޮވިއްޖެއެވެ.
އޭނާ މި މަގާމަށް ހޮވިފައިވަނީ ސަޕޯޓަރުންގެ މެދުގައި އޮންލައިންކޮށް ނެގި ވޯޓަކުންނެވެ. ހަޒާޑްގެ ފަހަތުން މި އެވޯޑުގެ ދެވަނައަށް ހޮވިފައިވަނީ މެންޗެސްޓާ ސިޓީގެ މިޑްފީލްޑަރު ކެވިން ޑެބްރައިނާއެވެ. އަދި މި އެވޯޑުގެ ތިންވަނަ މަގާމު ލިބިފައިވަނީ މި ސީޒަނުގައި މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވި ފޯވާޑް ރޮމެލު ލުކާކޫއަށެވެ.
ހަޒާޑް އެއްވަނަ މަގާމު ކަށަވަރުކުރީ 10280 ވޯޓާއެކުއެވެ. ޑެބްރައިނާއަށް ދެވަނަ މަގާމު ލިބިފައިވަނީ 4710 ވޯޓާއެކު ކަމަށްވާއިރު ލުކާކޫއަށް ތިންވަނަ ލިބިފައިވަނީ 3223 ވޯޓާއެކުއެވެ. ހަޒާޑްވަނީ 2017 ވަނަ އަހަރުގެ ތެރޭގައި އޭނާގެ ކްލަބަށާއި ގައުމީ ޓީމަށް މޮޅު ކުޅުމެއް ދައްކާފައެވެ. ޗެލްސީއިން ޕްރިމިއާ ލީގުގެ ތަށި ހޯދިއިރު އޭނާ މޮޅު ކުޅުމެއް ދެއްކިއިރު ބެލްޖިއަމްގެ ގައުމީ ޓީމު ވޯލްޑް ކަޕްއަށް ކޮލިފައި ކޮށްދިނުމުގައި ވެސް ހަޒާޑްގެ ހިއްސާ ބޮޑެވެ.
ހަޒާޑްގެ ކެޕްޓަންކަމުން ބެލްޖިއަމް ވޯލްޑް ކަޕްއަށް ކޮލިފައިވީ އެ ޓީމު ވާދަކުރި ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އެގޮތުން ކޮލިފައިންގައި އެ ޓީމުން 28 ޕޮއިންޓް ހަމަކުރިއިރު ކުޅުނު 10 މެޗުގެ ތެރެއިން އެއްވެސް މެޗަކުން ބަލިވެފައެއް ނުވެއެވެ. ކޮލިފައިންގައި ހަޒާޑުގެ ފަރާތުން ހަ ލަނޑު ފެނިގެންދިޔައިރު އޭނާވަނީ ގައުމީ ޓީމަށް ތަފާތު މޮޅު ކުޅެމެއް ދައްކައިދީފައެވެ.
ބެލްޖިއަމްގެ ފުޓްބޯޅަ އެސޯސިއޭޝަނުން މި ތިން ކުޅުންތެރިން ހޮވީ 14 ކުޅުންތެރިންގެ ޝޯޓްލިސްޓަކުންނެވެ. މި ލިސްޓުގައި ހިމެނުނު ބައެއް ކުޅުންތެރިންގެ ތެރޭގައި މިޗީ ބަޓްޝުއާއީ، ތީބައު ކޯޓޮއާ، ނެސާ ޗެޑްލީ، ޔަނިކް ކަރަސްކޯ، ކްރިސްޓްއަން ބެންޓެކޭ، މަރުއާނެ ފެލައީނީ، ތޯގަން ހަޒާޑް، ޑްރައިސް މާޓެންސް، ތޯމަސް މިއުނިއާ އަދި ޔޫރީ ޓީލިމަންސްގެ އިތުރުން ޔާން ވަޓޮންގެން ހިމެނެއެވެ.
މިދިޔަ އަހަރު މި އެވޯޑު ހޯދީ ނަޕޯލީއަށް ކުޅެމުން އަންނަ އުމުރުން 29 އަހަރުގެ ހުނަރުވެރި ފޯވާޑް ޑްރައިސް މާޓެންސްއެވެ. މިދިޔަ އަހަރުގެ އެވޯޑުގައި ހަޒާޑްއަށް ލިބިފައިވަނީ ދެވަނައެވެ.
ބެލްޖިއަމްގެ ގައުމީ ޓީމަށް 2008 ވަނަ އަހަރުން ފެށިގެން ކުޅެމުން އަންނަ ހަޒާޑް ވަނީ އޭނާ ގައުމީ ޓީމަށް ކުޅުނު 82 މެޗުގައި 21 ލަނޑު އެ ޓީމަށް ޖަހައިދީފައެވެ.