ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަކީ ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ގެނައުމަށް އެންމެ ބުރަކޮށް މަސައްކަތްކުރެއްވި އެއް ބޭފުޅެކެވެ. ވެރިކަމަށް ވަޑައިގަތުމަށްފަހު، މިއިން ޒަމާނަކު މިސަރަހައްދުގެ ޤައުމެއްގެ ވެރިއަކަށް ނުލިބޭވަރުގެ ބާރުތަކެއް ރައީސް ޔާމީނަށް ހޯއްދަވައިދެއްވައި، ޒުވާނުންގެ ސަރުކާރެކޭ ރައީސް ޔާމީން ވިދާޅުވާ ވިދާޅުވުމަށް ފަނޑުނަމަވެސް ކުލައެއް ޖައްސައިދެއްވީ އަހުމަދު އަދީބުކަމާއިމެދު ޝައްކުކުރާނެ މީހަކު މިދިވެހި ރާއްޖެއަކު ނުހުންނާނެއެވެ.
އަދީބު ހުންނެވީ ރައީސް ޔާމީނަށް ވަފާތެރިކަން މަތީގައެވެ. އެހެން ނޫންނަމަ އަމިއްލަ ސިޔާސީ ޕާޓީއެއް އުފައްދަވައިގެން ރައީސް ޔާމީނާއި ފެޔަށް ވަޑައިގަންނަވަން އަދީބަށް އެއްވެސް ކަމެއް ނޫނެވެ. މުޅި ކެބިނެޓް އޮތީ 'ބްރޯ' އޭ ކިޔައި ގޮވަގޮވައެވެ. އެހެން ނަމަވެސް އަދީބު ހުންނެވީ ރައީސް ޔާމީނާއިއެކުގައެވެ. ރައީސް ޔާމީނު ވިދާޅުވިއްޔާ ވިދާޅުވިހާ ކަމެއް ކުރައްވަމުގެން ގެންދެވިއެވެ. އަދީބަކީ ޒުވާން ބޭފުޅެއްކަމަށްވުމާއިއެކު، ރައީސް ޔާމީން އެމަނިކުފާނުގެ މެންޓަރ އަކަށް ވެގެން އެކުރެއްވި ކަންތައްތައް އެހެރީ ފެންނާށެވެ.
މިހުރިހާ ކަމެއް ވެ ނިމުމުން، ރައީސް ޔާމީން ބޭނުންފުޅުވީމާ އަދީބު އެހުންނެވީ ޖަލުގައެވެ. އަދީބުގެ ބަހުންނަމަ، އެ "ހުންނެވީ ރައީސް ޔާމީން ބެހެއްޓެވި ހިސާބު'ގައެވެ.
އަދީބު ޖަލުގައި އެއުޅުއްވާ ހާލާއިމެދު ކަންބޮޑުނުވާ މީހަކު މިހާރު ހުރިހެނެއް ހިއެއް ނުވެއެވެ. އެއް ޒަމާނެއްގައި އަދީބުގެ އެންމެ ބޮޑު ހަތުރުންނަށްވި ރައީސް ނަޝީދާއި، ޤާސިމް އިބްރާހިމާއި، ރައީސް މައުމޫންވެސް މިހާރު އެތިއްބެވީ އަދީބުގެ ޙިމާޔަތުގައެވެ. އެބޭފުޅުންނަށް އަދީބު މެދުވެރިކޮށް ދުއްތުރާތައް ކުރެއްވީ ސީދާ ރައީސް ޔާމީންކަން އެބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާތީއެވެ. އަދި ހަމަޔާއި އިންސާފަށް އެބޭފުޅުންވެސް ލޯބިކުރައްވާތީއެވެ.
ރައީސް ނަޝީދު ވިދާޅުވީ އަދީބަސް ބޭސް ފަރުވާ ލިބެން ޖެހޭނެކަމަށާއި، އެމަނިކުފާނަށް ބޭސްފަރުވާ ނުދީ ބެހެއްޓުމަކީ އިންސާނިއްޔަތާއި ޚިލާފުކަމެއްކަމަށެވެ.
Appropriate healthcare must be provided to former Vice President Ahmed Adeeb. It is inhumane to deny it.
— Mohamed Nasheed (@MohamedNasheed) January 4, 2018
އެމްޑީޕީގެ ޗެއަރޕަރސަން ހަސަން ލަތީފު ވިދާޅުވީ އަދީބަށްކޮށްދޭން ޖެހޭ ބޭސްފަރުވާ ކޮށްނުދީ އެހިންގާ ޖަރީމާތަކުގައި ޒިންމާވާ ފަރާތްތައް ޖަވާބުދާރީކުރެވޭ ދުވަސް އިރާދަކުރެއްވިއްޔާ އަންނާނެކަމަށެވެ.
Adheeb ah kohdheyn jehey beys faruvaa koh nudhee e hingaa jareemaa thakugai zimmaavaa faraaiy thah Jawabdhaaree kuruvey dhuvas iraadha kurevviyya adhi annaane.
— Hassan Latheef (@HassanLatheef) January 4, 2018
ޤާސިމް އިބްރާހިމް ވިދާޅުވީ ބޭސްފަރުވާގެ ފުރިހަމަ ހައްޤު ލިބުން ލަސްވެ، ފަސްވުމުން ލިބޭ ހިތްދަތިކަން ތަޖުރިބާކުރައްވާފައިވާކަމަށެވެ. އަދި އެހެން ޤައިދީންނެކޭ އެއްފަދައިން ކުރީގެ ނައިބު ރައީސް އަދީބަށް ބޭސްފަރުވާގެ ފުރިހަމަ ހައްޤު ލިބިދޭން ޖެހޭނެކަމަށް ޤާސިމް ވިދާޅުވިއެވެ.
Beysfaruvaa ge furihama haggu libun lasve fasvumun libey hiydhathikan thajuribaa koffin. Ehen gaidheen nekey ehfadhain Kureege VP Adeeb ah beysfaruvaa ge full haggu liben jehey. Evves Rayyithehge beysfaruvaa ah huras elhumah QA huhdha eh nukurey. #AuthorizeMedical4Adeeb -Qasim
— Qasim Ibrahim (@qasimibrahim) January 4, 2018
ޕީޕީއެމްގެ ރައީސް މައުމޫން ފެކްޝަންގެ ޑެޕިއުޓީ ލީޑަރު އާމިނަތު ނާދިރާ ވިދާޅުވީ އަދީބު ޖަލުގައި އިންނެވުމަކީ ދިރިހުރުމުގެ ހައްޤުން މަހްރޫމް ވާން ޖެހޭ ކަމެއް ނޫންކަމަށެވެ. އަދި ދާދިފަހުން ބޭއްވި ހަފްލާއެއްގައި ވާހަކަ ދައްކަވަމުން ސަރުކާރުގެ ކޯލިޝަން ޕާޓްނަރ އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވިފަދައިން މިސަރުކާރަކީ "ކުޅެދޭ މީހުން ނުކުޅެދޭ މީހުންނަށް ހަދާ" ސަރުކާރެއްކަމަށް ނާދިރާ ވިދާޅުވިއެވެ.
Kureege VP Adheeb jaluga othumakee dhirihurumuge haqqun mahroom vaanjehey kameh nūn. Muahsasa thakugai thibee Insaanun nah vaanjehey. Insaniyathu kan iskuranjehey. Evidhalhuvagothah kulhedhé mēhun(Adheeb) nukulhedhey mēhunnah(Adeeb) hadhaa kan #Yageen. #AuthorizeMedical4Adeeb pic.twitter.com/F6eQvxfTya
— aminath nadira (@a_nadraa) January 5, 2018
އަދީބަށް ދޭން ޖެހޭ ބޭސްފަރުވާ ދިނުމަށް ގޮވާލަމުން ދާ އަޑުވެސް ރައީސް ޔާމީނަށް އިވިވަޑައިނުގަންނަވަނީ ކަންފަތުން މަޑު ނަގަން ޖެހުމުންކަމަށްވެދާނެއެވެ. ކަންފަތް ސާފުކުރައްވާށެވެ. ދައުލަތަށް ގިނަ ދުވަހު ޝަރަފުވެރި ޚިދުމަތްތަކެއް ކުރެއްވި ދިވެހި މަޔަކާއި ދިވެހި ބަފަޔަކަށް ލިބިފައިވާ، މި ދިވެހި ދައުލަތުގެ ވަޒީރުކަމާއި ނައިބު ރައީސްކަންކުރެއްވި އަހުމަދު އަދީބު ޖަލުގައި އެހަނގުރާމަކުރައްވަނީ މަރާއެވެ. ރައީސް ޔާމީންގެ ހިތްޕުޅުގައި އިންސާނިއްޔަތުގެ ކަންފުޅެއް ނެތަސް، ކަންފަތުގައި މަޑު ހުއްޓަސް، ދިވެހިންގެ ހިތުގައި އިންސާނިއްޔަތުކަން އެބަހުއްޓެވެ. އަދި ކަންފަތުގައި މަޑެއްވެސް ނެތެވެ. އެހެން ކަމުން ދިވެހިންގެ މައްޗަށް މަނިކުފާނު ވެރިކަން ކުރައްވާނަމަ ދިވެހިން ދައްކާ ވާހަކަ އަޑު އައްސަވާށެވެ.
ސަރުކާރުގެ އަމަލުތައް ހުރި ގޮތުން ސިފަވަނީ މިދައުރު ނިމުމުގެ ކުރިން އަދީބުގެ ދުވަސް ދުއްވާލަން މަސައްކަތްކުރާހެންނެވެ. ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު ވިދާޅުވީ ސަރުކާރުން އަދީބުދެކެ އެހާ ޖެހިލުންވަނީ ހިންގާފައިވާ ޖަރީމާތަކުގެ ވާހަކަ އަދީބު ކިޔައިދެއްވަފާނެތީކަމަށެވެ. ބަންދުގައި ހުންނެވިއިރު އަދީބުއާއި އެކު ދެކުނު ވާހަކަތަކުން މަހުލޫފުވަނީ އެތައް ކަމެއް މިހާތަނަށް ފަޅާއަރުވާލައްވާފައެވެ. އަދި އަދީބު ލައްވާ ރައީސް ޔާމީން ކުރެއްވި ކަންތައްތައް އެމަނިކުފާނަށް އަމިއްލަފުޅަށް އެނގިވަޑައިގަންނަވާނެތީ އަދީބު މިނިވަންކުރަން ނުވަތަ ބޭސްފަރުވާއަށް ދޫކޮށްލައްވަންވެސް ފަސްޖެހެނީކަމަށް މަހުލޫފު ވިދާޅުވިއެވެ.
Yameen hingaafaivaa jareemaathah emme bodah ingeyne faraathakee Adheeb kamun,sarukaarun beynunvanee Adheeb ah ekasheegenvaa beysfaruvaa nudhee maraalan.Mikan huttuvanjehey. Beyrufushun balikan faalhuveema kanboduvey #AuthorizeMedical4Adeeb @maryam_nashwa @MoosesSiraj @MahfuzSayd pic.twitter.com/goVapMeLXe
— Ahmed Mahloof (@AhmedMahloof) January 5, 2018
އަދީބުގެ ސިއްހީ ހާލަތުގެ ވާހަކަ އަޅުގަނޑު ކިޔައިނުދިނަސް، އާއިލާގެ ބޭފުޅުން ކިޔައިނުދިނަސް، ފޮޓޯތަކުން އެފެންނަނީއެވެ. ޖާނުން ވަރުގަދަކޮށް ހުންނެވި ބޭފުޅާގެ ހަށިގަނޑަށް އައިސްފައިވާ ބަދަލުތައް ބައްލަވާށެވެ. ގްލަކޯމާގެ ސަބަބުން ލޯވަޅުވަދެފައިވާއިރު، ސިއްހީ ހާލު ގޯސްވެ، ބޯކޮށާލަން އެވަނީ ޖެހިފައެވެ. އައިނު ބަދަލުކުރަން ޖެހިފައިވާއިރު، އެކަން ކޮށެއް ނުދެއެވެ. ކެންސަރަށް ސްކްރީންކުރަން ޖެހުމުން އެކަންކޮށެއް ނުދެއެވެ. އަދީބުގެ އެތެރެހަށީގައި އެވަނީ ސިސްޓެއް އުފެދިފައެވެ. ކިޑްނީގައި ހިލަ އުފެދިފައެވެ. ލޮލަށް ގްލަކޯމާ ޖެހިފައެވެ. ކެންސަރުގެ ބިރު ބޮޑުވެފައެވެ. ގައިމު ޖަލަށް ވަޑައިގެންނެވި އިރު ހުންނެވީ ހެޔޮ ހާލުގައެވެ. އެހެންކަމުން ސަރުކާރުން މަސައްކަތްކުރަނީ އަދީބު މަރާލަންކަމަށް މީހުން ނުބުނެ ތިބޭނެތޯއެވެ؟
ރައީސް އަބްދުﷲ ޔާމީނެވެ. ޝަރުޢީ ދާއިރާއަށް ނުފޫޒު ނުފޯރުވާކަމަށް ވިދާޅުވާއިރު، އަދީބަށް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ނުދެވޭނެކަމަށް މަނިކުފާނު ވިދާޅުވިފަހުން އެކަން ކުރިއަށް ނުގޮސްގެން އުޅެނީ އެއީ ނުފޫޒު ނުފޯރުވާތީތޯއެވެ؟ ތާކުންތާކު ޖެހޭ ވާހަކަ ދައްކަވާށެވެ. އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުގައި އެބޭފުޅުންގެ ވެރިކަމުގައި މަނިކުފާނު ހުންނަވާނީ ޖަލުގައެވެ. އަދީބަށް މަނިކުފާނު ތިޖައްސަވާ ޙާލު އެހެން ބަޔަކު މަނިކުފާނަށް ޖައްސައިފިއްޔާ މަނިކުފާނު ވިދާޅުވާނީ ކީކޭތޯއެވެ؟ މަނިކުފާނުގެ ބޭސްފަރުވާއާއި ޖެހުމުން އެކަން ކުރާނީ މާލޭ ސިޓީ ކައުންސިލުންތޯ ނުވަތަ ދިވެހި ބަހުގެ އެކަޑަމީއިންތޯ ނުނިންމިގެން އެކަން ކޮށްނުދީފިއްޔާ މަނިކުފާނު ވިދާޅުވާނީ ކީކޭތޯއެވެ؟