މިފަދަ ޒަމާނީ، ތަހްޒީބު ޒަމާނެއްގައި ވެސް ދިވެހިންނަށް އުޅެން ޖެހިފައި މި ވަނީ ހުދުމުހްތާރު ވެރިކަމެއްގެ ތެރޭގައެވެ. ގާނޫނު އަސާސީ ވުޖޫދަށް އައިސް 2008 ވަނަ އަހަރު ފުރަތަމަ ފަހަރަށް ޑިމޮކްރަސީގެ އުސޫލްތަކާއި ހަމަތަކުގެ ދަށުން، ގިނަ ޕާޓީތައް ބައިވެރިވާ އިންތިޚާބެއް ބާއްވައި، ޒަމާނީ ނިޒާމުތައް ވުޖޫދަށް ގެނައުމަށް ބިންގާތަށް އެޅުނު ކަމުގައި ވިޔަސް ދިވެހިން މިއަދު އުޅެން ޖެހިފައި މި ވަނީ އެންމެ ހުދުމުހްތާރު ވެރިކަންތަކުގައި ވެސް އުޅެންޖެހޭ ހާލުގައެވެ. ދެކެމުން މިދަނީ ދިވެހިން ދިވެހިންގެ ބާރުތައް އަމިއްލަ އަތުން ދޫކޮށްލުމުގެ ހިތި ނަތީޖާއެވެ.
މި އަހަރަކީ ރިޔާސީ އިންތިޚާބުގެ އަހަރެވެ. ގާނޫނުއަސާސީގައި އޮތީ އެހެންނެވެ. ނަމަވެސް އެއީ ވެސް ދިވެހިންނަށް ލިބިދާނެ ހައްގެއްކަމާ މެދު ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ސުވާލު އުފައްދައެވެ. ކަންކަން ހުރި ގޮތުންނެވެ. ގައުމުގެ ވެރިކަމުގައި މިވަގުތު ހުންނެވި އަބްދުﷲ ޔާމީނަކީ ވާދަވެރިން ދެކެ ވަރަށް ޖެހިލުންވެ ވަޑައިގަންނަވާ ބޭފުޅެކެވެ. އެހެންކަމުން އިންތިޚާބުތަކުގައި ރީތި ގޮތުގައި ވާދަކުރައްވައިގެން ކާމިޔާބު ކުރެއްވުމަށް ވުރެ މި ވެރިކަމުގެ ފާއިތުވި ހަތަރު އަހަރު ދުވަހުގެ ތެރޭގައި ވެސް ފެނިގެން ދިޔައީ ވާދަވެރިން ނެތިކޮށްލާ މަންޒަރެވެ. ގާނޫނީ ނިޒާމުގެ ތެރެއަށް ފައްތައި ވާދަވެރިންނަށް ނައްތާލަމުން ގެންދާ މަންޒަރެވެ.
ރިޔާސީ އިންތިޚާބަކަށް 10 ވަރަކަށް މަހަށް ވެފައިވާއިރު ވެސް އެމަނިކުފާނާ ވާދަކުރައްވާނެ އިތުރު ފަރާތެއް ޔަގީންކަމާ އެކު ބުނަން ނޭނގިފައި ތިބެންޖެހުމަކީ އިދިކޮޅު ފަރާތްތައް ބަލިކަށިވުމެއް ނޫނެވެ. ވާދަވެރިން ނެތީއަކީ ނޫނެވެ. ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި އެ ވާދަވެރިކަން ވަނީ ބާރުގެ ބޭނުންކޮށްގެން ނައްތާލާފައެވެ.
އިދިކޮޅު އެންމެ ބޮޑު ސިޔާސީ ޕާޓީ އެމްޑީޕީގެ ލީޑާޝިޕްގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، އަދާލަތު ޕާޓީގެ ރައީސްކަމުގައި ހުންނެވި އިމްރާން އަބްދުﷲ އާއި ރިޔާސީ އިންތިހާބުތަކުގައި މީގެ ކުރިން ވެސް ނަތީޖާ ބަދަލުކުރެއްވުމުގެ މާހިރެއްގެ ގޮތުގައި ހުންނެވި ގާސިމް އިބްރާހީމްގެ މައްޗަށް އެ ވަނީ ޖަލު ހުކުމް އިއްވައި ގާނޫނުއަސާސީން އިންތިޚާބުގައި ވާދަކުރުމަށް އެބޭފުޅުންނަށް އޮތް ފުރުސަތު ގެއްލުވާލައްވާފައެވެ. ވެރިކަމުގެ ކުޑަ ނަމަވެސް ޝައުގުވެރިކަމެއް ހުރި ފަރާތެއް ނަމަ ޝަރުއީ ދާއިރާ ބޭނުންކޮށްގެން އެ ވަނީ އެއްފަރާތް ކޮށްފައެވެ. ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް (ރިޓަޔަޑް) މުހައްމަދު ނާޒިމާއި މި ސަރުކާރުގެ ފުރަތަމަ ނައިބު ރައީސަށް ވެސް ޖައްސާފައި އެ ވަނީ އެ ހާލެވެ. މިހެން ގޮސް މި ލިސްޓް ވަރަށް ދިގެވެ. ރޭހުގައި ވާދައްކުރައްވާނެހެން ހީވާ ބޭފުޅެއް ނަމަ ތިއްބެވީ ޖަލުގައެވެ. ނުވަތަ ގައުމުން ބޭރުގައެވެ.
ރިޔާސީ އިންތިހާބަށް ކުޑަތަންވަމުންދާ އިރު ރިޔާސީ ރޭސް އަދި ފެންނަނީ އެއް އަހުގެ ރޭހެއްގެ ގޮތުގައެވެ. ވާދަކުރައްވަން ހުންނެވި ހަމައެކަނި ބޭފުޅަކީ މިހާރުގެ ވެސް ރައީސް ޔާމީނެވެ. އިދިކޮޅުގައި މި ވަގުތު ވެރިކަމުގެ ޝައުގުވެރިކަން ހުންނެވި ބޭފުޅުންނަށް ވާދަކުރުމުގެ ފުރުސަތު ގާނޫނުއަސާސީއަކުން ލިބިދީފައެއް ނުވެއެވެ. ބޭރުގެ ނުފޫޒާ އެކު އެ ބޭފުޅުންނަށް އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގަންނަވާނެ ކަމަށް އެ ބޭފުޅުންނާއި އެ ބޭފުޅުންގެ ސަޕޯޓަރުން ކިތަންމެ އަޑަށް ބާރުލާފައި ބުނަމުން ގެންދިޔައެއް ކަމަކު އެ މަގު ވަރަށް ދިގެވެ. އިންތިހާބާ ހަމައަށް ދިއުމަށް ފުރަތަމަ ކުރަންޖެހޭ ކަމަކީ ގާނޫނުއަސާސީ ބަދަލުކުރުމެވެ. ގާނޫނު ހަދާ މަޖިލީސް މިހާރު އޮތް ގޮތުން އެއީ ވެސް ވުމަށް ވުރެ ނުވުން ދުރުކަމެކެވެ.
ދެން އޮތީ ޝަރުއީ ނިޒާމުގެ ތެރެއިން ކަންތައްތަކެއް ކުރުމެވެ. މަތީ މަރުހަލާއަކުން މައާފް ދިނެއް ކަމަކު ގާނޫނުއަސާސީ ބުނާ ގޮތުން ރައީސް ނަޝީދާއި ގާސިމް އިބްރަހީމާއި އިމްރާން އަދި ނާޒިމަށް ވެސް އިންތިހާބުގައި ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ވެސް އަދި ރަނިން މޭޓެއްގެ ގޮތުގައި ވެސް ވާދަކުރެވޭނެ މަގެއް ނެތެވެ. އެހެންކަމުން އޮތް ހަމައެކަނި މަގަކީ އެ ބޭފުޅުންގެ މައްޗަށް ކޮށްފައިވާ ހުކުމްތަކަކީ ފެށުނީއްސުރެ ބާތިލް ހުކުމްތަކެއް ކަމަށް ކަނޑައެޅުމެވެ. އެ ނޫން އެއްވެސް މަގެއް މި ދަނޑިވަޅުގައި ފެންނާކަށް ނެތެވެ. ރިޔާސީ ރޭސް އެހާ ވެސް ބޮޑަށް ވަނީ ހަނިކޮށްފައެވެ.
ރައީސް ޔާމީންގެ އަމަލުފުޅުތައް ހުރީ ރިޔާސީ ރޭހުގައި އެ މަނިކުފާނު އެކަނި ވާދަކުރައްވަން މަގު ކޮށްޓަވާ ގޮތަށެވެ. އެހެން ބޭފުޅަކާ ވާދަކުރައްވައިފި ނަމަ ކާމިޔާބެއް ލިބޭނެ ކަމުގެ އެއްވެސް އުންމީދެއް ނެތް ބޭފުޅުން ކަންކުރައްވާ ގޮތަށެވެ. ފަހަރުގައި 2013 ވަނަ އަހަރު އޭރުގެ ވެރިކަމުގައި ހުންނެވި ޑރ. މުހައްމަދު ވަހީދަށް ދިމާވި ފަދަ ހިތި ގޮތެއް ކުރިމަތިވެދާނެތީ ކަމަށް ވެސް ވެދާނެއެވެ. ބޮޑު އިންތިހާބަކުން ގައުމުގެ ރައީސަކަށް ފަސް ޕަސެންޓް ލިބުމަކީ ވަރަށް ބޮޑު ލަދެކެވެ. ފަހަރުގައި ރައިށް ޔާމީނަށް ވެސް އެހެން ހީފުޅު ވަނީ ކަންނޭނގެއެވެ. އޭރު ލިބުނު ކާމިޔާބީއަކީ އެހެން ބައެއްގެ ހިޔަނީގައި ލިބުނު ކާމިޔާބީއެއްކަން ހުދު އެ މަނިކުފާނަށް ވެސް އެނގިވަޑައިގަންނަވައެވެ.
ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އާއި އަދި ރާއްޖޭގައި 30 އަހަރުގެ ވެރިކަން ކުރައްވައި ގިނަ ރައްޔިތުންތަކެއްގެ ލޯތްބާއި އިހްތިރާމް ލިބިވަޑައިގެން ހުންނެވި ތަޖުރިބާކާރު، މައުމޫނު އަބަދުލް ގައްޔޫމުގެ މަސައްކަތުން 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވުނު ނަމަވެސް މިހާރު ރައީސް ޔާމީނާ އެކު އޮތް ހަމައެކަނި ޕާޓީއަކީ މާލޫދު ޕާޓީއަކަށް ވުރެ ވެސް ހާލު ބޮޑު ޕާޓީއެކެވެ. އެމްޑީއޭގެ މެންބަރުން މަދުވުމުގެ އިތުރުން ސިޔާސީ މައިދާނުގައި އެއީ ފަނޑު ނަމެކެވެ. އެ ޕާޓީގެ ހުރިހާ ކަމެއް އެންމެ މީހަކަށް ބިނާވެފައިވާ އިރު އެ ބޭފުޅާ ދައްކަވާ ވާހަކަތަކުން މިހާތަނަށް ރައީސް ޔާމީނަށް ލިބުނު ފައިދާ އަށް ވުރެ ލިބުނު ގެއްލުމާއި މަލާމާތާއި ފާޑުކިޔުން ގިނައެވެ. އެހެންކަމުން ރިޔާސީ ރޭހުގައި އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދާ އެކު ނުކުމެވަޑައިގެން ވަކި ލިބޭނެ މޮޅެއް އޮންނާނެ ކަމަށް ގަބޫލުކުރާ މީހުން މަދެވެ.
ވާދަވެރި އިންތިހާބެއްގެ އުންމީދު ކުޑަވަމުންދާ އިރު އިދިކޮޅު ފަރާތްތަކުން ރެއާދުވާލު މަސައްކަތް ކުރަމުން އެގެންދަނީ އެ ފަރާތްތައް ތަމްސީލްކުރާނެ ކެންޑިޑޭޓެއް ނުވަތަ ކެންޑިޑޭޓުންތަކެއް ކަނޑައެޅުމުގައެވެ. އަނެއްކޮޅުން ވަގުތު ކުޑަތަންވާ އިރު ރައީސް ޔާމީން ގެންދަވަނީ ވޯޓު ކަރުދާސްކޮޅުގައި އެމަނިކުފާނު ނޫން އެހެން ނަމެއް ހިމެނުނަ ނުދިނުމަށްޓަކައި ކުރެއްވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވަމުންނެވެ. މި އަހަރުގެ ރިޔާސީ އިންތިހާބަކީ ހަމައެކަނި އެއް އަހުގެ ރޭހެގެ ގޮތުގައި ހެދުމަށް މަސައްކަތްކުރައްވަމުންނެވެ.