އީރާނުގެ ބެލިސްޓިކް މިސައިލް ޕްރޮގްރާމަށް އެހީތެރިވަމުންދާ އެގައުމުގެ ފަސް ކުންފުންޏަކަށް އެމެރިކާ އިން ދަތިކުރުމުގެ ފިޔަވަޅު އަޅައިފިއެވެ.
މިފިޔަވަޅުތަކުގެ ދަށުން އިރާނުގެ އެ ފަސް ކުންފުނީގެ އެއްވެސް ޕްރޮޕަޓީއެއް އެމެރިކާގައި ވާނަމަ ފްރީޒްކުރުމުގެ އިތުރުން އެމެރިކާގެ އެއްވެސް ރައްޔިތަކު ނުވަތަ އެއްވެސް މުއައްސަސާއަކުން އެ ކުންފުނިތަކާ އެއްވެސް މުއާމަލާތެއް ކުރުން މަނާވާނެ އެވެ.
އެމެރިކާގެ ނިންމުމާ ބެހޭ ގޮތުން އެގައުމުގެ ޓްރެޝަރީ ސެކްރެޓަރީ ސްޓީވެން ނޫޗިން ވިދާޅުވީ އިރާނުން އެގައުމުގެ އިގްތިސާދު މެނޭޖު ނުކުރެވޭ މައްސަލައިގައި ޒިންމާދާރު ކުރުވާނެ ކަމަށާއި އެމެރިކާ އިން އިރާނުގެ ބެލިސްޓިކް މިސައިލް ޕްރޮގްރާމަށް އެހީތެރިވަމުންދާ ފަސް ކުންފުންޏަކަށް ދަތިކުރުމުގެ ފިޔަވަޅު އެޅީ ރައްޔިތުންގެ ފުދުންތެރިކަމަށް ވުރެ، ބެލިސްޓިކް މިސައިލް ޕްރޮގްރާމަށް އެހީތެރިވަމުންދާތީ ކަމަށެވެ.
ރިޕޯޓުތައް ބުނާ ގޮތުން އެމެރިކާ އިން ފިޔަވަޅު އަޅާފައިވާ ކުންފުނިތަކަކީ ބެލިސްޓިކް މިސައިލް އުފެއްދުމުގައި ހަރަކާތްތެރިވަމުންދާ ކުންފުނިތަކަށެވެ.
އެމެރިކާ އިން ބުނަމުން ދަނީ އިރާނުން މިދިޔަ އަހަރު ކުރި ބެލިސްޓިލް މިސައިލް ޓެސްޓްތަކަކީ އދ. ސެކިޔުރިޓީ ކައުންސިލުގެ ރިޒޮލިއުޝަނަކުން އެންޑޯސްކޮށްފައިވާ، 2015 ވަނަ އަހަރު އިރާނާއި ބައިނަލްއަގްވާމީ ބާރުތަކާ އެކު ވެވުނު ނިއުކްލިއާ އެއްބަސްވުމާ ހިލާފު ކަމެއް ކަމަށެވެ. އެހެންނަމަވެސް އިރާނުން ބުނަމުން ދަނީ އެ މިސައިލް ޓެސްޓްތަކަކީ ނިއުކްލިއާ ވޯހެޑް އުފުލޭނެ މިސައިލްތަކުން ކޮށްފައިވާ ޓެސްޓްތަކެއް ނޫން ކަމަށާއި، އިރާނުގެ ނިއުކްލިއާ ޕްރޮގްރާމަކީ ސުލްހަވެރި ޕްރޮގްރާމެއް ކަމަށެވެ.
އިރާނުގައި ސަރުކާރާ ދެކޮޅު މުޒާހަރާތައް މިހާރު ކުރެވެމުންދާއިރު، އެމެރިކާ އިން ދަނީ މި މުޒާހަރާތަކަށް ތާއިދުކުރަމުންނެވެ. އިރާނުގެ މިހާރުގެ ސަރުކާރަކީ "ޚުދުމުޚުތާރު" އަދި "ކޮރަޕްޓް" ސަރުކާރެއް ކަމަށާއި އަދި އިރާނުގެ މުޒާހަރާތައް ކުރިއަށްދާ ގޮތް އެމެރިކާ އިން ވަރަށް ގާތުން ބަލަމުންދާ ކަމަށް އެމެރިކާގެ ރައީސް ވަނީ މިދިޔަ އަންގާރަ ދުވަހު ވިދާޅުވެފައެވެ.