އަތްމަތި ދަތިވެ ބަނޑުހައިހޫނުކަން ކުރިމަތިވާ ކޮންމެ ފަހަރަކު, އެހެން މީހުންގެ ބުރަ މަސައްކަތުން ހޯދާފައިވާ ހަލާލު މުދާ ފޭރިގަތުމަކީ ހުއްދަ ކަމެއް ނޫން ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
މިއަދުގެ ޚުތުބާގެ މައުޟޫއަކީ "އިސްލާމް ދީނަކީ ރިވެތި އަޚްލާގުގެ ދީނެވެ. ޚުތުބާގައި ބުނެފައި ވަނީ ތިމާގެ ހުންނަ ބަސްމޮށުންތެރިކަމެއްގެ ކުޅަދާނަކަމުން ކޯޓު މެދުވެރިކޮށް ހަލާލު ނޫން ތަކެތި ހޯދުމަކީ ވެސް ހުއްދަ ކަމެއް ނޫން ކަމަށެވެ. އިސްލާމްދީނަކީ އެންމެ މާތް ދީންކަމަށް ބުނަމުންދާއިރު އެއީ މިއަދު އިސްލާމީ މުޖުތަމައުން ފެންނަ އަޚަލާގީ މިންގަނޑު ދަށް ނޭދެވޭ ސިފަތައް ކަމަށާއި އެކަން ހުއްޓުވުމަށް މިއަދުގެ ޒުވާނުންނާއި މައިންބަފައިން ތެދުވަން ޖެހޭ ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ.
"ޚުތުބާގައި ބުނެފައި ވަނީ ކެތްތެރިކަމުގެ ސިފަ ލިބިގަތުމަށް ކީރިތި ގުރުއާނުގައި ވަރަށް ބޮޑަށް ބާރު އަޅުއްވާފައިވާ ކަމަށެވެ. މުއުމިނުންނަކީ މި ދުނިޔޭގައި އެކިއެކި ދަތިތަކާއި ކުރިމަތި ކޮށް އިމްތިހާނު ކުރެވޭނެ ބައެއް ކަމަށާއި އެފަދަ ކޮންމެ ހާލެއްގައި ވެސް އެމީހުންގެ ރިވެތި އަހުލާގުގެ ސިފަތައް ފާޅުކުރަންޖެހޭ ބައެއް ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ.
މީގެ އިތުރުން ހުކުރު ޚުތުބާގައި ވާހަކަ ދައްކާ ކަންކަމުގެ ތެރެއިން މުސްލިމުންގެ ދިރިއުޅުމުގައި އޭގެ މައްޗަށް އަމަލު ކުރެވެން ހުރި ކަންކަން ދެނެގަނެ އެކަން ކަމަށް އަމަލީ ސިފަ ގެނެވޭތޯ ބެލުމަކީ ވެސް ހުކުރަށް ގޮސް ޚުތުބާ އަޑުއެހުމުގެ މައިގަނޑު އެއް ބޭނުން ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ.