ރައީސް އަބްދުﷲ ޔާމީނަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓް އަދި ލިބިވަޑައި ނުގަންނަވާ ކަމަށާއި އެމަނިކުފާނުގެ އަރިސް ބޭފުޅުންގެ ތެރެއިން ގިނަ ބަޔަކު ޕީޕީއެމްގެ ރިޔާސީ ޓިކެޓް ބޭނުންވެގެން އުޅޭކަން އެނގިވަޑައިގަންވާ ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ނާއިބު ލީޑަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.
ގުޅިފައިވާ ޕާޓީތަކުން އެމްޑީޕީ ހަރުގޭގައި ރޭ ބޭއްވި ބައްލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ހުސައިން ވިދާޅުވީ ޕީޕީއެމްގެ ރިޔާސީ ޓިކެޓް ރައީސް ޔާމީނަށް ލިބުމާ ދެމެދު "ވަރަށް ބޮޑު ޖާގައެއް" އެބަ އޮތް ކަމަށެވެ.
"މަނިކުފާނަށް ރިޔާސީ ޓިކެޓެއް ލިބިއްޖެ ކަމަށް ދެއްތޯ. މަނިކުފާނަށް ލިބިވަޑައި ނުގަންނަވާ. ތި ޓިކެޓް ހޯއްދަވަން ބޭނުންފުޅުވާ ވަރަށް ގިނަ އަރިސް ބޭފުޅުން އެބަ ތިއްބެވި. އެ ބޭފުޅުން ރޭގަނޑު އެކަހެރިކޮށް ދައްކާ ވާހަކަތައް އަޅުގަނޑުމެންނަށް އިނގޭ. އަރިސް ބޭފުޅުން. އެހެންވީމަ މަނިކުފާނާއި ތި ޓިކެޓާ ދޭތެރޭގައި ވަރަށް ބޮޑު ޖާގަ އެބަ އޮތް،" ހުސައިން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ޕީޕީއެމްގެ "އިޖުރާއަތްތަކުގެ ބޭފުޅުން" ރައީސް ޔާމީން ޓިކެޓް ހޯއްދަވައިފި ނަމަ، އެމަނިކުފާނު ހޯއްދެވި ޓިކެޓަކީ ބާތިލް އެއްޗެއް ކަމަށް އަޑު އުފުލާނެ ކަމަށާއި އެ މައްސަލައިގައި ކޯޓަށް ވެސް ވަޑައިގައިގަންނަވާނެ ކަމަށެވެ.
އިދިކޮޅު ފަރާތްތައް ގުޅިގެން، ނެރޭ ކެނޑިޑޭޓަކީ ކޮބައިތޯއޭ ވިދާޅުވެ ރައީސް ޔާމީން ދައްކަވަމުން ގެންދަވާ ވާހަކަތަކަށް ރައްދު ދެއްވައި ހުސައިން ވިދާޅުވީ އެކަން އެމަނިކުފާނަށް އެނގެން ނުޖެހޭނެ ކަމަށެވެ.
"މި އިންތިހާބުގައި އަޅުގަނޑުމެންގެ ފަރާތުން ނުކުންނާނީ ކޮން ކެނޑިޑޭޓެއްކަން ނޭނގިގެން މަނިކުފާނު އުޅުއްވާ ވަރަށް ބޮޑަށް. މަނިކުފާނަށް އެނގޭކަން ނުޖެހޭ ދެއްތޯ؟ އަޅުގަނޑުމެން ކުރާ ކަންތައް މަނިކުފާނު ކައިރީ ބުނެގެން ރުހުން ހޯދައިގެން ކުރާ ގޮތަށް ހަމަޖެހިފައެއް ނެތް އަދި،" އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވާލުމަށް އުފައްދާފައިވާ ކޮމެޓީއަށް ޖުމްހޫރީ ޕާޓީގެ ފަރާތުން އައްޔަންކޮށްފައިވާ ހުސައިން ވިދާޅުވިއެވެ.
"އަޅުގަނޑުމެން ޓިކެޓު ނެރޭނީ އަޅުގަނޑުމެންނަށް އެންމެ ފައިދާ ހުރި ގޮތަށް. އަޅުގަނޑުމެނަށް އޭރު ހިނގާ ރަނގައަކުން ކުޅެގެން ބަލިކުރާނީ. ހަތަރު ރަނގައިން ކުޅެންޖެހިއްޖެއްޔާ ހަތަރު ރަނގައިން ކުޅެގެން ބަލިކުރާނީ. އެއް ރަނގައިން ކުޅެންޖެހިއްޖެއްޔާ އެއް ރަނގައިން ކުޅޭނަން. ކޮންމެ ރަނގައަކުން ކުޅުނަސް މަނިކުފާނު އިރާދަކުރެއްވިއްޔާ ﷲގެ ރަހުމަތުން ބަލިކުފާނަން."
މިނިވަން އިންސާފުވެރި އިންތިހާބެއް ހޯދުމަށް އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މަސައްކަތަށް އިޝާރާތް ކުރައްވައި، ހުސައިން ވިދާޅުވީ އިންތިހާބަކީ ރައްޔިތުންގެ ހައްގެއް ކަމަށާއި އިންތިހާބު ހޯދާފައި ނޫނީ އެބޭފުޅުންގެ މަސައްކަތް ހުއްޓާ ނުލާނެ ކަމަށެވެ.
އޭނާ ވިދާޅުވީ އިދިކޮޅު ޕާޓީތަކުގެ ލީޑަރުން ޖަހަށްލިޔަސް މި ރާއްޖެއިން ލީޑަރުން ހުސްނުވާނެ ކަމަށާއި ގުޅިފައިވާ ޕާޓީތަކުގެ ސަރުކާރެއް އެކުލަވާލާފައި ނޫނީ ޕާޓީތަކުގެ ލީޑަރުންގެ މަސައްކަތް ހުއްޓާ ނުލާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ ލީޑަރުން ޖަލަށްލައި، މަތިމަތިކޮށް ކުށް ޖެއްސިޔަސް މަނިކުފާނު ބަލިވާނެ. ބަލިކުރާނަން ﷲ އިރާދަ ކުރެއްވިއްޔާ. ބަލިކޮށްފައި މަނިކުފާނު ގެއަށް ވަޑައިގަތީމަަ ދިވެހި ރައްޔިތުންނަށް އަމާންކަން ލިބޭނެ، އެ އަމާންކަން ރައްޔިތުންނަށް ހޯދައިދީ. މި ރާއްޖޭގައި މިތިބަ ލީޑަރުންގެ ގުޅިފައިވާ ސަރުކާރެއް އުފައްދާފައި ނޫނިއްޔާ އަޅުގަނޑުމެން މި ކުރާ މަސައްކަތް ﷲ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހުއްޓައެއް ނުލާނަން،"