ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފަކީ ނިމިގެންދިޔަ އަހަރު އެންމެ ގިނައިން ހެޑްލައިން މޭކް ކުރެއްވި އެއް ބޭފުޅާއެވެ. ޕީޕީއެމްގެ ތެރޭގައި އުޅުއްވުމަށް ފަހު ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ އަނިޔާވެރިކަމާއި ނާއިންސާފާއި ދެކޮޅަށް މަހުލޫފު ތެދުވެވަޑައިގަތުމާއިއެކު، ކުރިމަތިލައްވަން ޖެހިވަޑައިގަންނެވި ދަތި އަނދުގޫ ދުވަސްތަކަކީ ބައްޕަޔަކު އަދި ފިރިޔަކު ތަހައްމަލުކުރަން ޖެހޭނެ އެންމެ ދަތި އުނދަގޫ ދުވަސްތަކެވެ.
ޖަލުން މިނިވަންވެ، މިހާރު ރާއްޖެއިން ބޭރުގައި ހުންނެވި މަހުލޫފު ވިދާޅުވީ ޖަލުގައި ހުންނެވިއިރު އެންމެ ހިތްދަތިވާ އެއްވަގުތަކީ ކުޑަކުޑަ އަންހެން ދަރިފުޅާއިއެކު އަނބިކަނބަލުން ޖަލަށް ޒިޔާރަތްކުރެއްވުމަށް ފަހު އަނބުރާ ދާން ޖެހޭ ވަގުތު ކަމަށެވެ. އެއްގަޑިއިރުގެ ޢާއިލީ ބައްދަލުވުމަށް ފަހު އަނބުރާ ދާ ގަޑި ޖެހުމުން، ދަރިފުޅު އެލީ އަބަދުވެސް ދެރަވެއެވެ. ބައެއްފަހަރު ބައްދަލުކުރާ ކޮޓަރީގެ ދޮރުމަތީގައި އެލީ މަޑުކޮށްގެން ހުންނަ ކަމަށް މަހުލޫފު ވިދާޅުވިއެވެ.
ކުޑަކުޑަ އެލީއަށް އަބަދު ކައިރީގައި ހުންނަ ބައްޕަ ދުރުގައި ހުންނަ ހުރުން ޤަބޫލެއް ނުކުރެވުނެވެ. މަހުލޫފަކީ ދަރިފުޅު އެލީ ލިބުނުފަހުން މަޖިލިސް މަސައްތަކެއްގައި ނޫޅުއްވާނަމަ މުޅިން ވެސް އާއިލާއާއިއެކު ވަގުތު ހޭދަކުރެއްވި ބޭފުޅެކެވެ. އެހެން ކަމުން ދަރިފުޅު ކައިރީގައި ބުނަން ޖެހުނީ މާފުށީގައި ހުންނަނީ ޓްރެއިނިންއެއް ހަދަން ކަމަށެވެ. ފޫޅުދިގު ހަންޑިއާއި، ސަފަރުކަތްދަ އާއި ހަނގުރާމަކުރަން ހަދަން ޖެހޭ ޓްރެއިނިންގ ހަދަނީ ކަމަށެވެ. ސަފަރުކަތްދައާއި ހަނގުރާމަކުރަން ބައްޕަ ޓްރެއިނިން ހަދަން އެލީ އެއްބަސްވިނަމަވެސް، އެކަން ކުރީ ހިތްހަމަ ޖެހިގެން ނޫންކަން އެނގެއެވެ.
ޖަލުގައި ހުންނަވައިގެން މަހުލޫފު ދަރިފުޅު އެލީއަށް އޭނަގެ 4 ވަނަ އުފަން ދުވަހު ފޮނުވި އުފަންދުވަހުގެ ކާޑަކީ އަސަރުން ފުރިގެންވާ ކާޑެކެވެ. ދެބަފައިން އެއްކޮށް ސަކަރާތްޖަހާ ހަނދާންވާކަމަށާއި، އެލީއަށް ކާންދޭ ހަނދާންވާކަމަށް އަދި އެކީ ތަނަތަނަށް ގޮސްއުޅުނު ހަނދާން ވާކަމަށް މަހުލޫފު ވިދާޅުވިއެވެ. އަދި ދަރިފުޅާއި ދަރިފުޅުގެ މަންމައާއި ވަކިން އުޅެން ޖެހުމުން އެކަމާއި ދެރަވާކަމަށް މަހުލޫފު ބުންޏެވެ.
ޖަލުން މިނިވަންވުމަށް ފަހު އަނބުރާ ވަޑައިގަތުމުން ދަރިފުޅު ވަރަށް ބޮޑަށް 'އެޓޭޗްވި'ކަމަށް މަހުލޫފު ވިދާޅުވިއެވެ. އަދި ކުޑަ އިރުކޮޅަކަށް ބޭރަށް ނިކުތްނަމަވެސް ދަރިފުޅު މައްސަލަ ޖައްސައެވެ.
'ޓްރެއިނިންގ'ގައި މާފުށީގައި ހުންނެވިއިރު، މަހުލޫފު އެލީއަށް ވީ ވައުދެއް އޮތެވެ. އެއީ ޖަލުން މިނިވަންވެ، ގެއްލުނު ދުވަސްތަކުގެ ބަދަލުގައި އަނެއްކާ މަޖާކޮށްލަން ދާނެ ކަމަށެވެ. އަދި ސްނޯވ ވެހޭ ތަނަކަށް ދާނެކަމަށް އެލީއަށް ވައުދުވިއެވެ.
I promised @EllyMahloof that I’ll take her to snow when I finish my training in Maafushi :) A new year well spent. It’s worth experiencing the beauty of Jammu and Kashmir pic.twitter.com/mNRmpTA0Dx
— Ahmed Mahloof (@AhmedMahloof) January 1, 2018
ދަރިފުޅަށް ވީ ވައުދު މަހުލޫފު މިހާރު އެވަނީ ފުއްދާފައެވެ. އައު އަހަރުގެ ޗުއްޓީއަށް މަހުލޫފާއި އޭނާގެ އާއިލާ ދިޔައީ އިންޑިއާގެ ފަރުބަދަމަތީ ސަރަހައްދެއް ކަމަށްވާ ކަޝްމީރަށެވެ. ސްނޯވގެ ތެރޭގައި ދަރިފުޅާއި އާއިލާއާއިއެކު ސަކަރާތް ޖަހާލައި، އަސް ދުއްވައި ހަދާފައިވެއެވެ. ސޯލްގައި އޮންނަ ވިންޓަރ އޮލިމްޕިކްސްގައި ބައިވެރިވެވޭތޯ މަހުލޫފު ކުޑަކޮށް ތަމްރީންވެސް ހެދިއެވެ.
Winter Olympics 2018, Skiing pic.twitter.com/UuwhqfzuAC
— Ahmed Mahloof (@AhmedMahloof) January 2, 2018
އެހެން ނަމަވެސް އަދި ތަންކޮޅެއް އަވަހެވެ. މަހުލޫފު ވިދާޅުވާ ގޮތުންނަމަ މިއަހަރު ރައީސް ޔާމީންގެ ވެރިކަން ނިމި، ދެން އަންނާނީ ހެޔޮ ވެރިކަމެކެވެ. އެހެން ކަމަށްވާނަމަ އެވެރިކަމެއްގައި ވިންޓަރ އޮލިމްޕިކްސްއަށްދާން ރާއްޖެއިން ޓީމެއް އުފައްދަން މަހުލޫފާއި ހަވާލުކުރަން ފެނެއެވެ. ފުޓުބޯޅައިގެ ތަޖުރިބާއަށް ބަލާއިރު، އެކަމަކީ މަހުލޫފަށް ނުކުރެވޭނެކަމެއް ނޫނެވެ.
މަހުލޫފު ވިދާޅުވީ އޭނާ ހުންނެވީ މާފުށީގައި ޓްރެއިނިންއެއް ހަދަން ނޫންކަން ދަރިފުޅަށް މިހާރު އެނގޭ ކަމަށެވެ. އަދި 'ޕާޕާ ހުރީ ޖަލުގައިކަން އެލީއަށް އެނގޭ"ކަމަށް ދަރިފުޅު ބުނިކަމަށް މަހުލޫފު ވިދާޅުވިއެވެ.
ކޮންމެއަކަސް ދަރިފުޅަށް ވީ އެއް ވައުދު މަހުލޫފު އެ ފުއްދެވީއެވެ. އެހެން ނަމަވެސް ދަރިފުޅުގާތު މަހުލޫފު ވީފަދަ ވައުދުތައް ދަރިންގާތު ވީ އެހެން ބޭފުޅުން ވެސް އަދިވެސް ޖަލުގައި އެބަތިއްބެވިއެވެ. މަހުލޫފު އެލީއަށް ވީ އަނެއް ވައުދަކީ އެލީ ފަދަ 'ޕްރިންސަސް' އަދި 'ޕްރިންސް'އިންނަށް އެކުދިންގެ މައިންބަފައިންނާއިއެކު މަޖާކޮށްލާ ހަދަން، މިނިވަންކަން ހޯދައިދޭން މަސައްކަތްކުރައްވާނެ ކަމަށެވެ. މަހުލޫފު ރާއްޖެއިން ބޭރުގައި ހުންނަވައިގެން އެކުރައްވަނީ އެމަސައްކަތެވެ.