މި ފެށުނު ޖެނުއަރީ މަސް ނިމުމުގެ ކުރިން ލިވަޕޫލްއަށް ކުޅެމުން އަންނަ ބްރެޒިލްގެ ހުނަރުވެރި މިޑްފީލްޑަރު ފިލިޕޭ ކުޓީނިއޯ ސްޕެއިންގެ ބާސެލޯނާގެ ކުޅުންތެރިޔަކަށް ވާނެ ކަމަށް ގިނަ މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.
މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި ދުނިޔޭގެ ތިންވަނައަށް އެންމެ އަގުބޮޑު ކުޅުންތެރިޔާއަށް ކުޓީނިއޯ ވުމުގައި މާ ގިނަ ދުވަސްތަކެއް ދެން ނުވާނެ ކަމަށެވެ. އެގޮތުން ކުރިޔަށް އޮތް ދުވަސްތަކުގައި 150 މިލިއަން ޔޫރޯގެ ބިޑެއް ބާސާއިން ހުށަހަޅާނެ ކަމަށްވެއެވެ. މި ޓްރާންސްފާ ކާމިޔާބުވެއްޖެނަމަ ކުޓީނިއޯ ވެގެންދާނީ ނޭމާ އަދި ކިލިއަން އެމްބާޕޭގެ ފަހަތުން ދުނިޔޭގެ ތިންވަނައަށް އެންމެ އަގުބޮޑު ކުޅުންތެރިޔާއަށެވެ. ހަމައެހެންމެ އޭނާ ވެގެންދާނީ ބާސާގެ ތާރީހުގައި ވެސް އެ ޓީމުން ގަންނަ އެންމެ އަގުބޮޑު ކުޅުންތެރިޔާއަށެވެ.
އުމުރުން 25 އަހަރުގެ މިޑްފީލްޑަރު ވިއްކާލުމަށް ލިވަޕޫލްއިން އެއްބަސްވާނީ އަންނަ ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓުގައި ކަމަށް ބެލެވުނު ނަމަވެސް އޭނާވަނީ ބާސާއަށް އޭނާ ވިއްކާލަދިނުމަށް ލިވަޕޫލްގެ މެނޭޖްމަންޓުގެ އަރިހުން އެދިފައި ކަމަށް މީޑިއާތަކުން ބުނެއެވެ. އަދި އެގޮތަށް ކަން ނުހިނގައިފިނަމަ އޭނާ އެ ކްލަބަށް މި ސީޒަނުގައި ކުޅެން ދެކޮޅު ހަދަން ނިންމާފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. ބާސާގެ ރައީސް ޖޯސެފް މާރިއާ ބާޓޮމޯ އަދި އެ ކްލަބުގެ ޗީފް އެގްޒެކްޓިވް އޮސްކާ ގްރާއޫ ވަނީ ކުޓީނިއޯގެ އޭޖެންޓުންނާއި ބައްދަލުކޮށްފައެވެ.
ލިވަޕޫލްގައި ހުރެ ކުޅުންތެރިޔެއްގެ ގޮތުގައި އޭނާއަށް ލިބުނު ފުރުސަތުތަކަށް ކުޓީނިއޯ ޝުކުރުވެރިވާ ކަމަށާއި އެހެނަސް އޭނާގެ މުސްތަގުބަލު އޮތީ ބާސާގައި ކަމަށް އޭނާ ގަބޫލުކުރާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓުގައި ލިވަޕޫލްއިން އޭނާ ވިއްކާލުމަށް ދެކޮޅު ހެދި ނަމަވެސް ކުޓީނިއޯ ވިއްކާލުމުގައި އެ ޓީމުން ގެންގުޅޭ ރާގު ވަނީ އެއްކޮށް ބަދަލުވެފައެވެ.
ލިވަޕޫލްގައި ކުޓީނިއޯ މަޑުކުރުވުމުގެ ގޮތުން އެ ޓީމުން ވަނީ އޭނާގެ މުސާރަ ބޮޑު ކުރުމުގެ އިތުރުން އެ ޓީމުގެ ކެޕްޓަން ބޭންޑު ވެސް ހުށަހަޅާފައި ކަމަށް ރިޕޯޓުތައް ބުނެއެވެ. އެހެން ނަމަވެސް މި ހުރިހާ ކަމަކަށް ވެސް އިންކާރު ކުރުމަށް ފަހު އެނާވަނީ ބާސާއަށް ބަދަލުވާން އެދޭ ކަމަށް ލިވަޕޫލްގެ މެނޭޖްމަންޓަށް އަންގާފައި ކަމަށް މީޑިއާތަކުގައި ވެއެވެ.
ބާސާއިން މީގެކުރިން އޭނާ ހޯދުމަށް ތިން ފަހަރެއްގެ މަތިން ބިޑު ކޮށްފައިވެއެވެ. އޭގެ ތެރޭގައި 130 މިލިއަން ޕައުންޑްގެ ބިޑެއް ވެސް ހިމެނުނު ކަމަށް މީޑިއާތަކުން ބުނެފައިވެއެވެ. މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާގައި ވެސް ކުޓީނިއޯ ވަނީ އޭނާ ބާސާއަށް ވިއްކާލަދިނުމަށް ލިވަޕޫލްގެ މެނޭޖްމަންޓުގައި އެދިފައެވެ. އެހެން ނަމަވެސް އެ ކްލަބުން ވަނީ އޭނާގެ އެ އެދުމަށް ފުރަގަސްދީ އޭނާ އެ ކްލަބުގައި މަޑު ކުރުވާފައެވެ.
ބީބީސީއިން ބުނާ ގޮތުގައި ލިވަޕޫލްގެ މެނޭޖްމަންޓުން ކުޓީނިއޯ ވިއްކާލުމަށް ފަސްޖެހޭ މައިގަނޑު ސަބަބަކީ އޭނާ އެ ކްލަބް ދޫކޮށްލައިފި ނަމަ އެ ޓީމުން މި ސީޒަނުގައި ތައްޓެއް ހޯދުމަށް ކުރަމުން އަންނަ އުއްމީދުތައް ވެއްޔާ މޮޑެވިދާނެތީއެވެ. ޗެމްޕިއަންސް ލީގުގެ ގަދަ 16 އިން ލިވަޕޫލް ޖާގަ ހޯދުމާއި ޕްރިމިއާ ލީގުގައި އެ ޓީމުން ދައްކަމުން އަންނަ ރީތި ކުޅުމުގައި ކުޓީނިއޯގެ ހިއްސާ ބޮޑެވެ.
ލިވަޕޫލްއާއެކު 2022 ވަނަ އަހަރާ ހަމަޔަށް ކޮންޓްރެކްޓް ހަދާފައިވާ ކުޓީނިއޯ އެ ޓީމާއި ގުޅިފައިވަނީ 2013 ވަނަ އަހަރުއެވެ. އިންޓަ މިލާން ދޫކޮށް 8.5 މިލިއަން ޕައުންޑްގެ އެއްބަސްވުމެއްގެ ދަށުން ލިވަޕޫލްއަށް ބަދަލުވެ ކުޓީނިއޯ ވަނީ އެ ޓީމަށް ކުޅުނު 201 މެޗުގައި 54 ލަނޑު ޖަހައިދީފައެވެ.