މާލޭގެ ހުޅަނގު ދެކުނު ހާބަރު ސަރަހައްދުގައި އެސްޓީއޯއިން ތަރައްގީކުރާ ފުޑް ކޯޓުގައި ހިމެނޭ ކެފޭތައް އަލުން ބިޑަށް ހުޅުވާލަން ނިންމައިފިއެވެ.
އެ ކުންފުނީގެ އިސް އޮފިޝަލަކު ބުރާސްފަތި ދުވަހު ބައެއް މީޑިއާތަކަށް ވިދާޅުވެފައި ވަނީ އާ ހާބަރު ސަރަހައްދުގެ ކެފޭތަކުގެ ތެރެއިން އަމީނީމަގާ ވީ ފަޅީގެ ކެފޭތައް ކުއްޔަށް ދޭން މިދިޔަ މަހު ބިޑަށް ހުޅުވާލުމަށް ފަހު ކެންސަލް ކުރީ އެކަށީގެންވާ ތަރުހީބެއް ނުލިބިގެން ކަމަށެވެ.
އޮފިޝަލް ވިދާޅުވެފައިވަނީ ބުރާސްފަތި ދުވަހު އަލުން ބިޑަށް ހުޅުވާލަން މަސައްކަތް ކުރަމުންދާ ކަމަށާއި އަދި އެ ބިޑްތައް އިވެލުއޭޓްކުރުމަށް ފަހު މި މަހުގެ ތެރޭގައި ކެފޭތަކުން ހިދުމަތް ދޭން ފެށޭތޯ ބަލަމުންދާ ކަމަށެވެ.
ނަމަވެސް ސަރުކާރުގެ ގެޒެޓްގައި ބުރާސްފަތި ދުވަހު ބިޑަށް ހުޅުވާލާފައެއް ނުވެއެވެ.
އޮފިޝަލް ވިދާޅުވެފައިވަނީ އެ ފުޑް ކޯޓުގެ އެއް ވިންގުގައި ހިމެނޭ 13 ކެފޭގެ ހުރިހާ މަސައްކަތެއް މިހާރު ނިމިފައިވާ ކަމަށާއި މިހާރު ކުރަން އޮތީ ހަމައެކަނި ފަރުނީޗަރުތައް ރޭވުމުގެ މަސައްކަތް ކަމަށެވެ.
ގާތްގަނޑަކަށް 30 މިލިއަން ރުފިޔާ ހަރަދުކޮށްގެން ތަރައްގީކުރާ ފުޑް ކޯޓުގައި ހިމެނޭ ދެވަނަ ވިންގް މި މަހުގެ 31ގެ ނިޔަލަށް ނިންމާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ސިފައިންގެ ތެރޭގައި އޮންނަ ވެލްފެއާ ކުންފުނި ކަމަށްވާ ސިވެކްއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ އެ މަސައްކަތުގައި ވެސް ހަދަނީ 13 ކެފޭ އެވެ.
ހައުސިން މިނިސްޓްރީން ކުރިން ބުނެފައި ވަނީ ކުރިން ހާބަރު ކަޑަތައް ހުރި ސަރަހައްދު ތަރައްގީކޮށް ނިމޭއިރު ސައިކަލާއި ކާރު ޕާކު ކުރުމަށް ދެ ފަރާތުގައި ރޮޓަރީ ޕާކިން ސިސްޓަމެއް ވެސް ގާއިމްކުރާނެ ކަމަށެވެ.
ހާބަރުގެ ކަޑަތައް ޒަމާނީ ފެންވަރަށް ތަރައްގީކުރަން ހައުސިން މިނިސްޓްރީން އެސްޓީއޯއާއެކު އެއްބަސް ވުމެއްގައި ސޮއިކުރީ ޖެނުއަރީ 2016ގަ އެވެ. އޭރު އެ މަސައްކަތް ހަވާލުކުރީ ހަ މަސްދުވަހުގެ ތެރޭގައި ނިންމުމަށް ފަހު އަލުން ހުޅުވާ ގޮތަށެވެ.
އެސްޓީއޯ އިން ބުނި ގޮތުގައި އެ މަސައްކަތް ލަސްވީ ޑިޒައިނަށާއި އެނޫން ވެސް ބައެއް ކަންކަމަށް ބަދަލުތަކެއް ގެންނަން ޖެހިގެންނެވެ. އޭގެ އިތުރުން މަސައްކަތަށް އެކަށީގެންވާ ރަނގަޅު ކޮންޓްރެކްޓަރެއް ހޯދަން ވެސް ވަގުތުތަކެއް ހޭދަވި ކަމަށް އެ ކުންފުނިން ބުންޏެވެ.
އެތަނުގައި ކުރިން ހިންގި ކެފޭތައް އަތުލުމަށް ފަހު އެހާ ގިނަ ދުވަސްތަކެއް ވެގެން ދިޔައިރު ވެސް ޚިދުމަތް ދޭން ނުފެށުމުން ގިނަ ބައެއްގެ ފާޑު ކިއުން ވަނީ އަމާޒުވެފައެވެ.