އަންނަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ގަލޮޅު ރަސްމީ ދަނޑު 'އޯލް-ސީޓާ' ސްޓޭޑިއަމްއަކަށް ބަދަލުކުރުމުގެ މަސައްކަތް ބާރަށް ކުރިޔަށް އެބަދެއެވެ.
ގަލޮޅު ދަނޑު 'އޯލް-ސީޓާ' ސްޓޭޑިއަމްއަކަށް ބަދަލުކުރުމުގެ ގޮތުން ދަނޑުގައި ގޮނޑި ޖެހުމުގެ މަސައްކަތުގެ ބޮޑުބައެއް ވަނީ ނިމިފައެވެ. މި މަސައްކަތް ކުރިޔަށް އޮތް ތިން ހަފްތާ ތެރޭ ނިންމާލެވޭނެ ކަމަށް އެފްއޭއެމްއިން ބުނެއެވެ. ގަލޮޅު ދަނޑުގައި އެއްކޮށް ގޮނޑި ޖެހުމަށް އޭއެފްސީއިން މަޖުބޫރުކުރި ނަމަވެސް މިދިޔަ ސީޒަން ފެށުނުއިރު ވެސް އެ މަސައްކަތް ފެށިފައެއް ނުވެއެވެ. އެހެންކަމުން މިދިޔަ ސީޒަން ކުރިޔަށް ގެންގޮސްފައިވަނީ އޭއެފްސީގެ ހާއްސަ ހުއްދަޔަކާއެކުއެވެ.
އެފްއޭއެމްއިން މި މަސައްކަތް ކުރާނެ ބަޔަކު ހޯދުމަށް މިދިޔަ އަހަރުގެ ޖެނުއަރީ މަހު ހުޅުވާލިއެވެ. އެފަހަރު އެފްއޭއެމްއިން ދަނޑުގައި ތިން ވައްތަރެއްގެ ގޮނޑި ޖެހުމަށް ނިންމިއެވެ. ދަނޑުގެ އުތުރާއި ދެކުނު ފަޅީގައި އެއް ވައްތަރުގެ ގޮނޑި ޖަހާއިރު އެކޮމަޑޭޝަން ބްލޮކް ހިމެނޭ ފަޅި އާއި ރޮސްޓޮމްގެ ދެފަޅީގައި ޖަހާނީ އެއްވަރުގެ ގޮނޑިކަމަށް އޭރު އެފްއޭއެމްއިން ބުނެފައިވެއެވެ. އަދި މީގެ އިތުރުން ވީއައިޕީ އޭރިޔާގައި ވެސް ތަފާތު ހިތް ގައިމު ގޮނޑިއެއް ޖެހުމަށް އެފްއޭއެމްއިން އޭރު ނިންމިއެވެ.
މި ބަދަލުތަކާއެކު ދަނޑުގެ ސަލާމަތީ ކަންކަން ރަނގަޅުވުމާއި ދަނޑަށް ވަންނަ މީހުންގެ އަދަދު އިތުރުވެގެންދާނެ ކަމަށް އެފްއޭއެމްއިން ބުނެއެވެ. ގައުމީ ސްޓޭޑިއަމްއަށް މިހާރު ވަދެވެނީ ގާތްގަޑަކަށް 8500 މީހުންނަށެވެ. އެހެން ކަމުން ދަނޑުގައި މުޅިން އާގޮނޑި ޖެހުމުން ދަނޑުގެ ޖާގައިގެ އަދަދު އުޅޭނީ ގާތް ގަޑަކަށް 6200 ގައެވެ.
ރާއްޖޭގެ ފުޓްބޯޅަ ސީޒަން ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަވަނަ ދުވަހުއެވެ. އެހެން ނަމަވެސް އޭގެ ކުރިން އޭއެފްސީ ކަޕްގެ ޕްރެލިމިނަރީ ބުރުގެ މެޗެއް ދަނޑުގައި ކުޅެވިގެންދާނެއެވެ. އެގޮތުން ޖެނުއަރީ މަހުގެ 30 ވަނަ ދުވަހު ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބް އޭއެފްސީ ކަޕްގެ ޕްރެލިމިނަރީ ބުރުގެ ދެވަނަ ލެގުގައި ގަލޮޅު ދަނޑުގައި ނުކުންނާނީ ބަންގްލަދޭޝްގެ ސައިފް ސްޕޯޓިން ކްލަބާއި ދެކޮޅަށެވެ.