ކ. މާލެ
|
4 ޖެނުއަރީ 2018 | ބުރާސްފަތި 19:12
ޒައިނުއްދީން ޒިދާން - އޭނާގެ ރެއާލްގެ ކޯޗުގެ މަގާމާއި ހަވާލުވީ 2016 ވަނަ އަހަރު
ޒައިނުއްދީން ޒިދާން - އޭނާގެ ރެއާލްގެ ކޯޗުގެ މަގާމާއި ހަވާލުވީ 2016 ވަނަ އަހަރު
އޭއެފްޕީ
ޒައިނުއްދީން ޒިދާން
ރެއާލްގެ ކުރިމަގާއި މެދު ޒިދާން އަންގަނީ ވާނެގޮތެއް ނޭނގޭ ކަމަށް
ރެއާލްއަކީ ވަރަށް ގިނައިން ކޯޗުން ބަދަލުކުރާ ޓީމެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ކްލަބެއް
ރެއާލްއަށް މި ސީޒަނުގައި އަދި ތިން ތަށި ކާމިޔާބު ކުރުމުގެ ފުރުސަތު އެބައޮތް

މުސްތަގުބަލުގައި ރެއާލް މެޑްރިޑްގެ ކޯޗުގެ މަގާމުގައި ދެމިހުރުވޭނެ ކަމާމެދު އަދި ޔަގީނުން އެއްޗެއް ބުނަން ނޭނގޭ ކަމަށް އެ ޓީމުގެ ކޯޗު ޒައިނުއްދީން ޒިދާން ބުނެފިއެވެ.

ރެއާލްއަކީ ވަރަށް ގިނައިން ކޯޗުން ބަދަލު ކުރާ ޓީމެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ކްލަބެކެވެ. އެގޮތުން ފާއިތުވެ ދިޔަ ސީޒަންތަކުގައި އެ ޓީމުގެ ކޯޗުންގެ ގޮތުގައި ހަރަކާތްތެރިވި ކޯޗުން ކަމަށްވާ މެނުއެލް ޕެލެގްރިނީއާއި ހޯސޭ މޮރީނިއޯ އަދި ކާލޯ އަންޗެލޯޓީގެ އިތުރުން ރަފައެލް ބެނިޓޭޒްއަށް އެ މަގާމުގައި މާ ގިނަ ދުވަހު ދެމިތިބެވިފައެއް ނުވެއެވެ. މި ސީޒަނުގައި ރެއާލްއިން ހޯދަމުން އަންނަނީ ނަތީޖާތަކުގެ ސަބަބުން ޒިދާންގެ ވަޒީފާ ގެއްލުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.

ލަލީގާގެ ޕޮއިންޓް ތާވަލުގެ ކުރީގައި އޮތް ވާދަވެރި ބާސެލޯނާއަށް ވުރެ 14 ޕޮއިންޓް ފަހަތުގައި އޮތް ރެއާލްއަށް މި ސީޒަނުގައި އަދި ތިން ތަށި ކާމިޔާބު ކުރުމުގެ ފުރުސަތު އެބައޮތެއެވެ. އެގޮތުން އެ ޓީމުން ވަނީ ޗެމްޕިއަން ސް ލީގު އަދި ސްޕެނިޝް ކޮޕާޑެލްރޭގެ ދެވަނަ ބުރުން ޖާގަ ހޯދާފައެވެ.

ރެއާލްގެ ކޯޗެއްގެ ގޮތުގައި ދެމި ހުންނާނެ މުއްދަތަކާއި ބެހޭގޮތުން ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެމުން ޒިދާން ބުނެފައިވަނީ ރެއާލްއާ ހަވާލުވާ އެއްވެސް ކޯޗަކަށް އެ މަގާމަކީ ވަކި މުއްދަތެއް ކަނޑައެޅިފައިވާ މަގާމެއްކަން ކަނޑައެޅިގެން ބުނަން ނޭނގޭނެ ކަމަށެވެ. އެއީ ދެރަވާން ޖެހޭ ކަމެއްކަން ފާހަގަ ކުރަމުން ޒިދާން ބުނެފައިވަނީ އޭނާގެ އަމާޒަކީ މި ސީޒަނުގައި ވެސް ނަތީޖާ އަނބުރާލުން ކަމަށާއި ޓީމަށް ތަށި ހޯދައިދެވޭނެ ކަމުގެ ގެރެންޓީ އެބައޮތް ކަމަށެވެ. އޭނާއަށް މުސްތަގުބަލުގައި ވާނެ ކަންކަން ނޭނގޭ ކަމަށާއި އޭނާއަށް ދެއްކޭނީ ހަމައެކަނި ކުރިޔަށް އޮތް ހަ މަސް ދުވަހުގެ ވާހަކަ ކަމަށް ޒިދާން ބުނެފައިވެއެވެ.

އަނިޔާގެ ސަބަބުން ރެއާލްއަށް އެ ޓީމުގެ ކުރިޔަށް ކުޅެމުން އަންނަ ފްރާންސްގެ ފޯވާޑް ކަރިމް ބެންޒެމާ ގެއްލިފައިވާއިރު ޒިދާން ވަނީ މި ސީޒަނުގެ ފިނި މޫސުމުގެ ޓްރާންސްފާގައި އައު ކުޅުންތެރިން ގެންނާނެ ކަމަށް ބުނަން ދެކޮޅު ހަދާފައެވެ.

ޒިދާން ބުނީ 31 ޖެނުއަރީއާ ހަމަޔަށް އައު ކުޅުންތެރިން ގެނައުމުގެ ފުރުސަތު ކޮންމެ ޓީމަކަށް ވެސް ހުޅުވާލެވިފައިވާ ކަމަށާއި މިވަގުތު ޓީމުގައި އޮތް ސްކޮޑާއި މެދު ވަރަށް ހިތްހަމަޖެހޭ ކަމަށެވެ. އަދި ކަމެއް ކޮންމެ ގޮތަކަށް ހިނގި ކަމުގައި ވިޔަސް އޭނާ އެކަމުގެ ޒިންމާ ނަގާނެ ކަމަށާއި މިވަގުތު ރެއާލްގައި އޮތް ސްކޮޑު ބިނާކުރީ އޭނާ ކަމަށް ޒިދާން ބުނެފައިވެއެވެ. ހަމައެހެންމެ ކަމެއް ގޯސްކޮށް ހިނގައިފިނަމަ އެކަމުގެ ޒިންމާ އެހެން އެއްވެސް މީހަކު ނަގަން ނުޖެހޭނެ ކަމަށް ވެސް ޒިދާން ހާމަކުރިއެވެ.

ތިން ތައްޓަށް ވެސް ވާދަކުރުމުގެ ފުރުސަތު އޮތްކަން ފާހަގަކުރަމުން ޒިދާން ބުނީ މިވަގުތު ޓީމު އޮތީ ރަނގަޅު ފައްތަރެއްގައި ކަމަށާއި ސީޒަނާއި މެދު ގޮތެއް ނިންމާނީ ޖޫން މަހު ސީޒަން ނިމުމުން ކަމަށެވެ.

ރަފައޭލް ބެނިޓޭޒްގެ ބަދަލުގައި 2016 ވަނަ އަހަރުގެ ޖެނުއަރީ މަހު ރެއާލްއާއި ހަވާލުވުމަށް ފަހު ޒިދާން އަންނަނީ އެ ޓީމަށް ރަނގަޅު ނަތީޖާތަކެއް ހޯދައިދެމުންނެވެ. އޭނާގެ އިރުޝާދުގެ ދަށުން ރެއާލްވަނީ ސްޕެނިޝް ލަލީގާގެ އިތުރުން ދެ ފަހަރެއްގެ މަތިން ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފައެވެ.

- ކޮމެންޓް