މިއަހަރުގެ ޓެނިސް ސީޒަނުގައި ކުޅުމަށް ހަމަޖެހިފައިވާ އެންމެ ފުރަތަމަ ގްރޭންޑް ސްލޭމް މުބާރާތް ކަމަށްވާ އޮސްޓްރޭލިއަން އޯޕަންގައި ކުރީގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ ސަރ އެންޑީ މަރޭ ނުފެންނާނެކަން ކަށަވަރު ވެއްޖެއެވެ.
މި މަހުގެ 15 ވަނަ ދުވަހު މެލްބަންގައި ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ވާދަނުކުރަން މަރޭ ނިންމާފައިވަނީ އޭނާގެ އުނަގަނޑަށް ލިބިފައިވާ އަނިޔާއިން އެއްކޮށް ރަނގަޅުވެފައި ނުވާތީއެވެ. އުމުރުން 30 އަހަރުގެ މަރޭ ނެރުނު ބަޔާނެއްގައި ވަނީ އޭނާ އެ މުބާރާތުގައި ވާދަ ކުރާވަރަށް ފިޓު ނޫން ކަމަށާއި އެހެންކަމުން އެ މުބާރާތުގައި ފެނިގެންނުދާނެ ކަމަށެވެ. މި ބަޔާނުގައި މަރޭ ވަނީ އޭނާގެ ސަޕޯޓަރުންނަށް ޝުކުރު އަދާކޮށް ވަރަށް އަވަސް މުސްތަގުބަލެއްގައި ޓެނިސް ކޯޓަކުން ފެންނާނެ ކަމުގެ ޔަގީންކަން ދީފައެވެ.
އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ ޑިރެކްޓަރު ކްރެއިގް ޓައިލީ ބުނެފައިވަނީ މި މުބާރާތުގައި ކުޅުމަށް މަރޭ ވަރަށް ގިނަ މަސައްކަތްތަކެއް ކުރި ކަމަށާއި އެހެން ނަމަވެސް އޭނާއަށް އެކަން ކާމިޔާބު ކުރެވިފައި ނުވާ ކަމަށެވެ. އަދި އޭނާއަށް ލިބިފައިވާ އަނިޔާއިން އަވަހަށް ސަލާމަތްވާނެ ކަމަށް އުއްމީދުކުރާ ކަމަށާއި އޭނާއަކީ ޓެނިސް ކުޅުމަށް މަރުދޭ ކުޅުންތެރިޔެއްކަން އެނގޭ ކަމަށްވެސް ޓައިލީ ބުނެފައިވެއެވެ. ހަމައެހެންމެ އޭނާ މި މުބާރާތުގައި ވާދަނުކުރަން ނިންމި ނިންމުމަށް ފުރިހަމައަށް އިހުތިރާމުކުރާ ކަމަށް ވެސް ޓައިލީ ބުނެފައިވެއެވެ.
އޮސްޓްރޭލިއަން އޯޕަންއަށް ތައްޔާރުވުމުގެ ގޮތުން މިހާރު އޮސްޓްރޭލިއާގެ ބްރިސްބޭންގައި ކުރިޔަށްދާ ބްރިސްބޭން އިންޓަނޭޝަންލްގައި ވާދަކުރަން ވެސް މަރޭ ނިންމިއެވެ. އެހެން ނަމަވެސް އޭނާވަނީ ހަމަ މި އަނިޔާގެ ސަބަބުން އެ މުބާރާތުން ވެސް ވަކިވެފައެވެ. އޭނާވަނީ އަނެއްކާވެސް އުނަގަނޑުގެ ސާޖަރީއެއް ހަދަން ޖެހުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް ބުނެފައެވެ.
ބްރިސްބޭން އިންޓަނޭޝަނަލް އިން އޭނާ ވަކިވިއިރު އެ މުބާރާތުގެ ގަދަ 16 އިން މަރޭ ޖާގަ ހޯދާފައިވެއެވެ. ގަދަ 16ގެ މެޗުގައި އޭނާ ނުކުންނަން ހަމަޖެހިފައި އޮތީ މިހާރު ދުނިޔޭގެ ރޭންކިންގެ 47 ވަނައިގައި އޮތް އެމެރިކާގެ ރަޔާން ހެރިސަންއާ ދެކޮޅަށެވެ. މަރޭ ވަނީ މީގެ ކުރިން ދެ ފަހަރެއްގެ މަތިން ބްރިސްބޭން އިންޓަނޭޝަނަލް ވެސް ކާމިޔާބު ކޮށްފައެވެ. އެއީ 2012 ވަނަ އަހަރާއި 2013 ވަނަ އަހަރުގެ މުބާރާތްތަކެވެ.
މަރޭ ވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ބޭއްވި ޔޫއެސް އޯޕަން މުބާރާތުގައި ވެސް ވާދަކުރާނެކަން އިއުލާނު ކުރުމަށް ފަހު އެ މުބާރާތް ފެށުމަށް ދެ ދުވަހަށް ވެފައިވަނިކޮށް އޭނާގެ ނަން ނަގާފައެވެ. މިދިޔަ އަހަރު ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާގެ ގޮތުގައި މަރޭ ފެށިއިރު އޭނާ އެ އަހަރު ނިންމާލާފައި ވަނީ އޭޓީޕީ ޓެނިސް ރޭންކިންގެ 16 ވަނައިގައި އޮވެގެންނެވެ.
މަރޭ އެންމެ ފަހުން ޓެނިސް ކޯޓަކުން ފެނިގެން ގޮސްފައި ވަނީ މުބާދަލާ ވޯލްޑް ޓެނިސް ޗެމްޕިއަންޝިޕްގެ އެގްޒިބިޝަން މެޗެއްގައެވެ. އޭނާ ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ސްވިޓްޒަލޭންޑުގެ ރޯޖާ ފެޑެރާއާ ދެކޮޅަށް ވެސް އެގްޒިބިޝަން މެޗެއްގައި ކުޅެފައެވެ.
މަރޭގެ ކާމިޔާބު ކެރިއަރުގައި އޭނާ ވަނީ ފަސް ފަހަރެއްގެ މަތިން އޮސްޓްރޭލިއަން އޯޕަންގެ ފައިނަލުގައި ވާދަކޮށް ބަލިވެފައެވެ. މިދިޔަ އަހަރުގެ މުބާރާތުގެ ހަތަރު ވަނަ ބުރުން މަރޭ ކެޓީ ޖަރުމަނުގެ ޒުވާން ޓެނިސް ކުޅުންތެރިޔާ އެލެކްޒެންޑާ ޒަވަރޭވް އަތުން ބަލިވެގެންނެވެ. ސަރ އެންޑީ މަރޭ ފާހަގަކުރެވެނީ އިނގިރޭސިވިލާތް ދުށް އެންމެ ކާމިޔާބު ޓެނިސް ކުޅުންތެރިޔާގެ ގޮތުގައެވެ.