މި ވޭތުވެ ދިޔަ 16 އަހަރު ތެރޭ މި ރާއްޖޭގައި އަނިޔާވެރިކޮށް މަރާލި މީހުންގެ 50 ޕަސެންޓް މީހުންނަކީ ރައީސް ޔާމީންގެ ވެރިކަމުގައި މަރުވި މީހުން ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު ވިދާޅުވެއްޖެއެވެ.
އަމީތު މިހެން ވިދާޅުވީ ރައީސް ޔާމީން، 2015 ވަނަ އަހަރު ޕީޕީއެމްގެ ޕީޖީ ގުރޫޕުގެ ވައިބަރ ގުރޫޕްގައި ލިޔުއްވާފައިވާ މެސެޖެއް އެޓޭޗް ކުރައްވާ ބުރާސްފަތި ދުވަހު ކުރެއްވި ޓްވީޓެއްގައެވެ.
ރައީސް ޔާމީންގެ އެ މެސެޖްގައި ވިދާޅުވެފައި ވަނީ "މަރުގެ ހުކުމް ތަންފީޒް ކުރުމުގެ ޤަވާއިދު ވާނީ ގެޒެޓް ކުރެވިފައި ކަމަށާއި އެކަން ލަސްވެގެން ދަނީ މަރުގެ ހުކުމް ތަންފީޒް ކުރަން ޖެހޭ ވަރަށް މައްސަލަ ޝަރުޢީ ދާއިރާއިން ނިމިފައި ނުވާތީ ކަމަށެވެ. އަދި ﷲ ގެ އިރާދައާއެކު މަރުގެ ހުކުމް ތަންފީޒް ކުރައްވާނެ ކަމަށާއި އެކަމަކީ ރައީސް ޔާމީނަށާއި އެމަނިކުފާނުގެ ޢާއިލާއަށް ކުރިމަތިވާ ގެއްލުމަކަށް ވެސް ވެދާނެ ކަމަށެވެ. ނަމަވެސް ރައްކާތެރި ކުރައްވާނީ ހެއްދެވި ފަރާތް ކަމަށް އެމަނިކުފާނު ލިއުއްވާފައި ވެއެވެ.
ރައީސް ޔާމީންގެ އެމެސެޖް އެޓޭޗް ކުރައްވާ އެއަށް ރައްދު ދެއްވަމުން އަމީތު ވިދާޅުވީ ފާއިތުވެ ދިޔަ 16 އަހަރު ތެރޭގައި 61 މީހަކު ރާއްޖޭގަ އަނިޔާވެރިކޮށް މަރާލެވިފައިވާ ކަމަށެވެ. އޭގެ ތެރެއިން 50 ޕަސެންޓް ކަމަށްވާ 29 މީހަކު އަނިޔާވެރިކޮށް މަރާލެވިފައިވަނީ ފާއިތުވި 4 އަހަރު ތެރޭގައި ކަމަށެވެ. ޤައުމު އަމާން ވެއްޖެތޯ ސުވާލު ކުރައްވާ އަމީތު ވިދާޅުވީ 2015 ވަނަ އަހަރު އެ ވައުދު ވެފައިވާއިރު 2017 ވެސް ނިމިގެން ދިޔައީ ކަމަށެވެ.
މަރުގެ ހުކުމް ތަންފީޒުކުރަން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކޮށް ނިމިފައިވާ ކަމަށް ހޯމް މިނިސްޓަރު އަޒުލީން އަހުމަދު ވަނީ މިމަހުގެ 2 ވަނަ ދުވަހު ވިދާޅުވެފައެވެ.
މަރުގެ ހުކުމް ތަންފީޒުކުރުމާ ބެހޭ ގޮތުން ރާއްޖެއެމްވީއިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ މަރުގެ ހުކުމް ތަންފީޒު ކުރަން ކުރަންޖެހޭ އެންމެހާ މަސައްކަތްތަކެއް ނިމިފައިވާ ކަމަށާއި، ކޮންމެ ވަގުތަކު މަރުހަލާތައް ނިމުނު ކަމުގައިވީ ނަމަވެސް، ހުކުމް ތަންފީޒު ކުރެވޭނެ ކަމަށެވެ.
މިދިޔަ އަހަރުގެ އޯގަސްޓު މަހުގެ ތެރޭގައި ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ އެ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް މަރުގެ ހުކުމް ތަންފީޒު ކުރަން ބޭނުންވާ ހުރިހާ ވަސީލަތްތަކެއް ގާއިމުކޮށް ނިމި އެކަމަށް ބޭނުންވާ އިޖުރާއަތުތައް ވެސް ފުރިހަމަކޮށް ނިމޭނެ ކަމަށެވެ.
މަރުގެ ހުކުމް ތަންފީޒް ކުރާނެ ކަމަށް ސަރުކާރުން ދޭތެރެ ދޭތެރެއިން ވިދާޅުވަމުންދާއިރު، މަރުގެ ހުކުމް އިއްވާފައިވާ މީހުންގެ ތެރެއިން ހުރިހާ މަރުހަލާތަކެއް ނިމި، ހުކުމް ތަންފީޒުކުރުމާ ހިސާބުގައި ތިން މީހަކު އެބަތިއްބެވެ. އެއީ، އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝިމް އަލީގެ ގާތިލް ހ. ލޮބީ ހުސެއިން ހުމާމު އާއި، 2012 ވަނަ އަހަރު ގާނޫނީ ވަކީލް އަހުމަދު ނަޖީބު މަރާލި ކަމުގެ ކުށް ސާބިތުވި މ. މަސްރޫރާ، މުއްރަތާއި، އަބްދުﷲ ފަރުހާދު މަރާލިކަން ސާބިތުވެ، ގ. ރީފް މުހައްމަދު ނަބީލެވެ.