ކ. މާލެ
|
4 ޖެނުއަރީ 2018 | ބުރާސްފަތި 18:09
މާޒިޔާގެ ކޮންޓްރެކްޓުގައި ނިޒާމް ސޮއި ކުރުމަށް ފަހު
މާޒިޔާގެ ކޮންޓްރެކްޓުގައި ނިޒާމް ސޮއި ކުރުމަށް ފަހު
މާޒިޔާ ސްޕޯރޓްސް ކްލަބް
މާޒިޔާ ސްޕޯޓްސް
ގްރީން ސްޓްރީޓްސްގެ ނިޒާމް މާޒިޔާއަށް ސޮއިކޮށްފި
ނިޒާމްއަކީ މަސައްކަތުގެ ރޭޓު ރަނގަޅު ހަލުވި ކުޅުންތެރިޔެއް
އަންނަ ސީޒަނަށް އެ ޓީމުގެ މެދުތެރެ ވަރުގަދަ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން

ނިމިގެންދިޔަ ސީޒަނުގައި ކްލަބް ގްރީން ސްޓްރީޓްސްއަށް ކުޅުނު ހުނަރުވެރި މިޑްފީލްޑަރު އަހުމަދު ނިޒާމް ސޮއި ކޮށްފިއެވެ.

މިދިޔަ ސީޒަނުގައި ގްރީން ސްޓްރީޓްސްއިން އެސްޓީއޯ މާލެ ލީގުގެ ދެވަނަ ހޯދިއިރު އެ ޓީމުގައި މޮޅު ކުޅުމެއް ދެއްކި ނިޒާމް މާޒިޔާއާ ގުޅިފައިވާއިރު އެ ޓީމުން ބުނެފައި ވަނީ ނިޒާމްއަކީ މަސައްކަތުގެ ރޭޓު ރަނގަޅު ހަލުވި ކުޅުންތެރިޔެއް ކަމަށެވެ. އަދި އޭނާއަކީ ފާއިތުވެދިޔަ ދެ ސީޒަނުގައި ވެސް ރާއްޖޭގެ ފުޓްބޯޅައިގެ މައިދާނުން ފާހަގަކުރެވުނު ކުޅުންތެރިޔެއް ކަމަށް ވެސް މާޒިޔާއިން ބުނެފައިވެއެވެ. މީގެކުރިން ވީބީ ސްޕޯޓްސް ކްލަބާއި ޓީސީއަށް ވެސް ކުޅުނު ނިޒާމް ވަނީ މިދިޔަ އަހަރު އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ފަލަސްތީނާއި ދެކޮޅަށް ނުކުތުމަށް ނެގި ގައުމީ ސްކޮޑުން ވެސް ޖާގަ ހޯދާފައެވެ.

މިދިޔަ ސީޒަނުގައި މާޒިޔާގެ މެދުތެރޭގައި މުހިންމު ދައުރެއް އަދާ ކުރި މުހައްމަދު އުމައިރު އެ ޓީމު ދޫކޮށް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ގުޅުމުން އެ ޓީމުން އަންނަނީ އަންނަ ސީޒަނަށް އެ ޓީމުގެ މެދުތެރެ ވަރުގަދަ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެ ޓީމުން ވަނީ ނިޒާމްއާއެކު ގްރީންގެ މެދުތެރޭގައި މުހިންމު ދައުރެއް އަދާކުރި އަހުމަދު ހަސަން (އައްމަޑޭ) ވެސް އެ ޓީމަށް ގެނެސްފައެވެ. މީގެކުރިން ވިކްޓްރީއަށް ވެސް ކުޅުނު އައްމަޑޭއަކީ ވެސް މަސައްކަތުގެ ރޭޓު ރަނގަޅު ހުނަރުވެރި ކުޅުންތެރިޔެއްގެ ގޮތުގައި ގިނަ ބަޔަކު ފާހަގަކުރާ ކުޅުންތެރިޔެކެވެ.

މި ދެ ކުޅުންތެރިންގެ އިތުރުން އެ ޓީމުން ވަނީ ކްލަބް އީގަލްސްގެ ޑިފެންޑަރު މުޖްތާޒް މުހައްމަދު (މުޖޭ) ވެސް އެ ޓީމަށް ގެނެސްފައެވެ. ހަމައެހެންމެ އަންނަ ސީޒަނުގައި އެ ޓީމުގެ ފޯވާޑް ލައިން ވަރުގަދަ ކުރުމުގެ ގޮތުން މާޒިޔާއިން ވަނީ ޓީސީ ސްޕޯޓްސް ކްލަބުގެ އިތުބާރު ފޯވާޑް ނާއިޒް ހަސަން (ދާދު) ވެސް އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން އެ ޓީމަށް ގެނެސްފައެވެ. ހަމައެހެންމެ އެ ޓީމުން ވަނީ ޔަސްފާދު ހަބީބް (މުލަކޭ) އާއި ސަމޫހު އަލީ (ސަމުއްޓެ) އާއި މުހައްމަދު އިރުފާން (އިރޭ) އަދި މޫސާ ޔާމިން (ޔާމްބެ) ގެ އިތުރުން ޒުވާން ކީޕަރު ހުސައިން ޝަރީފްގެ ކޮންޓްރެކްޓު ވެސް އައުކޮށްފައެވެ.

 މިދިޔަ ސީޒަނުގައި މާޒިޔާއަށް ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެސްޓިއޯ މާލެ ލީގުގެ ޗެމްޕިއަންކަން ހޯދުން ކަމަށްވާއިރު އެ ޓީމުން އަންނަނީ އަންނަ ސީޒަނަށް ޓީމު ވަރުގަދަ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް