ކ. މާލެ
|
4 ޖެނުއަރީ 2018 | ބުރާސްފަތި 17:05
އަލީ ސުޒައިން - ރާއްޖޭގެ އެންމެ ކާމިޔާބު ކޯޗުންގެ ތެރޭގައި ހިމެނޭ
އަލީ ސުޒައިން - ރާއްޖޭގެ އެންމެ ކާމިޔާބު ކޯޗުންގެ ތެރޭގައި ހިމެނޭ
ރާއްޖެއެމްވީ
ގްރީން ސްޓްރީޓްސް
ގްރީން ސްޓްރީޓްސްގެ ކޯޗަކަށް ސުޒައިން އައްޔަނުކޮށްފި
ސުޒައިން ބުނަނީ މިއީ ބޮޑު ޗެލެންޖެއް ކަމަށް
ފުރަތަމަ ޑިވިޝަނުގައި ގްރީން ސްޓްރީޓްސް ވާދަކުރަން ފެށީ މިދިޔަ ސީޒަނުގައި
ނިމިގެންދިޔަ ސީޒަނުގައި ގްރީންއަށް އިރުޝާދު ދީފައިވަނީ ސޮބާ

ނިމިގެންދިޔަ ފުޓްބޯޅަ ސީޒަނުގައި އެސްޓީއޯ މާލެ ލީގުގެ ދެވަނަ ހޯދި ކްލަބް ގްރީން ސްޓްރީޓްސްގެ ކޯޗަކަށް ތަޖުރިބާކާރު ކޯޗު އަލީ ސުޒައިން އައްޔަނު ކޮށްފިއެވެ.

އެ ކްލަބުން ވަނީ އޭނާ މަގާމާށް އައްޔަނުކުރިކަން އިއުލާނު ކޮށްފައެވެ. ގްރީންއިން ބުނެފައި ވަނީ އަންނަ ސީޒަނުގައި އެ ޓީމަށް އިރުޝާދު ދޭނީ ސުޒައިން ކަމަށާއި އޭނާއަކީ ރާއްޖޭގެ ފުޓްބޯޅައިގެ އެންމެ ކާމިޔާބު އެއް ކޯޗު ކަމަށެވެ. އަދި އޭނާގެ ތަޖުރިބާއާއެކު ގްރީންއަށް ކާމިޔާބު ހޯދައިދޭނެ ކަމަށް އުއްމީދު ކުރާ ކަމަށް ވެސް އެ ކްލަބުން ބުނެފައިވެއެވެ.

ކޯޗުކަމާއި ހަވާލުވުމަށް ފަހު ސުޒައިން ބުނެފައި ވަނީ މިއީ ބޮޑު ޗެލެންޖެއް ކަމަށާއި މި ޗެލެންޖު ނަގައިގެން ރަނގަޅަށް މަސައްކަތް ކުރެވިއްޖެނަމަ ގްރީންއަކީ ބޮޑު ޓީމެއްގެ ގޮތުގައި ފެނިގެންދާނެ ކަމަށެވެ.

ފުރަތަމަ ޑިވިޝަނުގައި ގްރީން ސްޓްރީޓްސް ވާދަކުރަން ފެށީ މިދިޔަ ސީޒަނުގައެވެ. އެ ޓީމުގެ ކޯޗުގެ ގޮތުގައި މިދިޔަ ސީޒަނުގެ ބޮޑުބައިގައި ހަރަކާތްތެރިވެފައި ވަނީ ސުޒައިންގެ އިރުޝާދުގެ ދަށުން ވިކްޓްރީގައި ކާމިޔާބު ދުވަސްތަކެއް ވޭތުކުރި އިތުބާރު ޑިފެންޑަރު ސޮބާހު މުހައްމަދު (ސޮބާ) އެވެ. ސޮބާގެ އިރުޝާދުގެ ދަށުން ގްރީން އިން އެސްޓީއޯ މާލޭ ލީގުގެ ދެވަނަ ހޯދިއިރު އެ ޓީމަށް އެފަހަރު ތަށި ގެއްލުނީ ފައިދާ ލަނޑުގެ ތަފާތުންނެވެ. ސީޒަންގެ ކުރީކޮޅު އެ ޓީމުން ރަނގަޅު ނަތީޖާތަކެއް ނެރުނު ނަމަވެސް ސީޒަނުގެ ފަހު ބައިގައި އެ ނަތީޖާތައް ތަކުރާރު ކުރެވިފައެއް ނުވެއެވެ. ގްރީންގެ ކޯޗުގެ މަގާމު ހުސްވީ ސީޒަނުގެ ފަހުކޮޅު ސޮބާ އެ މަގާމުން ވަކިވުމުންނެވެ.

ސުޒައިން ވެސް ވަނީ މިދިޔަ ސީޒަނުގައި ދެ ޓީމެއްގެ ބެންޗުން ފެނިގެން ގޮސްފައެވެ. އެގޮތުން މާލެ ލީގުގައި ވިކްޓްރީގެ ކޯޗެއްގެ ގޮތުގައި އޭނާ ފެނިގެންދިޔައިރު އެ ޓީމަށް އުރީދޫ ދިވެހި ޕްރިމިއާ ލީގުން ފުރުސަތު ނުލިބުމުން އޭނާ އެ މަގާމުން ވަކިވިއެވެ. ހަމައެހެންމެ ޕްރިމިއާ ލީގުގެ ދެވަނަ ބުރުގައި ގދ. ތިނަދޫގެ ކޯޗުކަމާއި ހަވާލުވެ އޭނާވަނީ އެ ޓީމަށް ގަދަ ހަތަރަކުން ޖާގަ ހޯދައިދީފައެވެ.

ސުޒައިންއަކީ ރާއްޖޭގެ އެންމެ ކާމިޔާބު ކޯޗުންގެ ގޮތުގައި ގުނާލެވޭ ކޯޗަކަށްވާއިރު އޭނާވަނީ ކޯޗެއްގެ ގޮތުގައި 12 ތައްޓެއް ހޯދާފައެވެ. ވިކްޓްރީގެ އެސިސްޓަންޓް ކޯޗުގެ މަގާމުން ސުޒައިންގެ ކޯޗިން ކެރިއަރު ފެށިއިރު އޭނާވަނީ އެ ޓީމުގެ ހެޑް ކޯޗެއްގެ ގޮތުގައި އެ ޓީމަށް ދިވެހި ލީގާއި އެފްއޭ ކަޕްގެ އިތުރުން ޕްރެޒިޑެންޓްސް ކަޕް ކާމިޔާބު ކޮށްދީފައެވެ. މި ކާމިޔާބުގެ ސަބަބުން އޭނާއަށް ރާއްޖޭގެ އެންމެ މޮޅު ކޯޗުގެ މަގާމު ވެސް ލިބިފައިވެއެވެ.

ވިކްޓްރީގެ ކޯޗުގެ މަގާމުން 2012 ވަނަ އަހަރު ވަކިވެ އޭނާވަނީ އެފްއޭމްގައި ވެސް މަސައްކަތްކޮށްފައެވެ. މާޒިޔާގެ ތާރީހުގައި ވެސް އެންމެ ކާމިޔާބު ކޯޗުގެ ގޮތުގައި ފާހަގަކުރެވޭ ސުޒައިން ކޯޗިންގެ ދާއިރާއަށް އަލުން އެނބުރި އައީ 2014 ވަނަ އަހަރު އެ ޓީމާއެކުއެވެ. އޭނާވަނީ އެ ޓީމުގައި ހޭދަކުރި ތިން އަހަރުގެ ތެރޭގައި އެ ޓީމަށް ރާއްޖޭގައި ބާއްވާ ހުރިހާ މުބާރާތެއްގެ ތަށި ހޯދައިދީފައެވެ.

އަންނަ ސީޒަނަކީ ގްރީން ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ދެވަނަ ސީޒަނަށްވާއިރު އެ ޓީމުން އަންނަނީ އަންނަ ސީޒަނަށް ތައްޔާރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

- ކޮމެންޓް