ފުލުހުންގެ އިންޓެލިޖެންސް އޮފިސަރުންނަށް ރިޝްވަތު ދެއްވައިގެން ސިއްރު މައުލޫމާތުތަކެއް ހޯއްދަވާފައިވާ ކަމަށް ބުނާ މައްސަލައިގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ދެ ދައުވާއެއް ކޮށްފި އެވެ.
އަދީބުގެ މައްޗަށް ބުރާސްފަތި ދުވަހު އުފުލާފައިވަނީ ރިޝްވަތު ދިނުމުގެ ދައުވާއާއި ރަސްމީ ހައިސިއްޔަތުގެ ބޭނުން ނަހަމަގޮތުގައި ބޭނުން ކުރުމުގެ ދައުވާ އެވެ.
މި މައްސަލައިގައި އަދީބުއަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހަށް ފުލުހުން މައްސަލަ ފޮނުވީ 2015 ވަނަ އަހަރުގެ ޑިސެމްބަރުގަ އެވެ.
މި މައްސަލައިގައި، ފުލުހުން ތުހުމަތު ކޮށްފައި ވަނީ އިންޓެލިޖެންސް ރިޕޯޓްތަކެއް ހޯއްދެވުމަށް އަދީބު ފުލުހުންގެ އިންޓެލް އޮފިސަރުންނަށް ރިޝްވަތު ދެއްވި ކަމަށެވެ. މީގެ އިތުރުން ފުލުހުންގެ އެކި ލެވަލްތަކުގެ މީހުންނަށް ރިޝްވަތު ދެއްވި ކަމަށް ވެސް ތުހުމަތު ކުރެ އެވެ. އަދީބުގެ އެޕާޓްމަންޓަކުން ފުލުހުންގެ އިންޓެލް ރިޕޯޓްތަކަކާއި އެހެން ވެސް ލިޔެކިޔުންތަކެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
މީގެ އިތުރުން ފުލުހުންގެ އިންޓެލިޖެންސް ޑިޕާޓްމެންޓުގައި މަސައްކަތް ކުރާ ބައެއް ފުލުހުން ރޭގަނޑުގެ ދަން ގަޑިތަކުގައި އަދީބު ދިރިއުޅުއްވާ އެޕާޓްމެންޓްތަކަށް ވަދެ ނިކުމެ އުޅޭ މަންޒަރު، ފުލުހުންގެ ތަހުގީގަށް އެއްކުރެވިފައިވާ ސީސީޓީވީ ފުޓޭޖް ތަކުން ފެންނަ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުންގެ އިންޓެލް ރިޕޯޓްތައް ހޯދުމަށް ރިޝްވަތު ދެއްވި ކަމަށް ބުނެ އަދީބުއަށް ދައުވާ ކޮށްފައިވާއިރު، 2015 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން ރައީސް އަބްދުﷲ ޔާމިން އަށް އިންޓެލް ރިޕޯޓްތައް ލިބިވަޑައި ނުގަންނަވާ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެ އެވެ. ރައީސް ޔާމީން މިހެން ވިދާޅުވެފައި ވަނީ ރިޔާސީ ލޯންޗުކޮޅު ގޮވި ހާދިސާއަށް ފަހު ފުރަތަމަ ފަހަރަށް ގައުމާއި މުޚާތަބު ކުރައްވައި ވާހަކަ ދައްކަވަމުންނެވެ.