ބޭރު ފައިސާ ގަނެ ވިއްކުމުގެ ހުއްދަ ނެތް ކުންފުންޏަކުން ޑޮލަރު ގަތުމަށް ސްޓެލްކޯ އިން އެޑްވާންސް ފައިސާ ދޫކުރި މައްސަލައިގައި އެ ކުންފުނީގެ އެއިރުގެ މެނޭޖިންގ ޑިރެކްޓަރު އަބްދުއްޝުކޫރު އަބްދުﷲ އާއި އިތުރު މީހަކަށް ދައުވާކުރަން ފޮނުވި މައްސަލަ ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހުން، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އަނބުރާ ފޮނުވާލައިފިއެވެ.
ސްޓެލްކޯ އިން ހިންގި ޑޮލަރުގެ މުއާމަލާތުގެ މައްސަލަ ތަހުގީގު ކުރުމަށް ފަހު، ޝަކޫރާއި ސްޓެލްކޯގެ ފައިނޭންސް ޑިޕާޓްމެންޓްގެ އެއިރުގެ ވެރިޔާގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް އޭސީސީ އިން ފޮނުވީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ.
އޭސީސީގެ ނާއިބު ރައީސް މުއައްވިޒު ރަޝީދު ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވާފައިވާ ގޮތުގައި، އެ މައްސަލަ އަނބުރާ ފޮނުވާލާފައި ވަނީ މައްސަލައާ ގުޅޭ ބައެއް ކަންކަން ސާފުކުރުމަށެވެ. އެހެންނަމަވެސް، އެ މައްސަލައިގައި ދައުވާނުކުރަން ނިންމި ކަމެއް އަންގާފައިނުވާ ކަމަށް މުއައްވިޒު ވިދާޅުވިއެވެ.
ދެ ލައްކަ އެމެރިކާ ޑޮލަރު ގަތުމަށް، ޝަރޫ ލޯންޗު ސަރވިސް ކިޔާ އަމިއްލަ ކުންފުންޏަކަށް އެޑްވާންސްގެ ގޮތުގައި ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާ ސްޓެލްކޯ އިން ދޫކުރި އެވެ. އެހެން ނަމަވެސް، ދެ ލައްކަ ޑޮލަރު ވެސް އަދި އެޑްވާންސްގެ ގޮތުގައި ދޫކުރި ތިން މިލިއަން ރުފިޔާ ވެސް އެ ކުންފުންޏަށް އަނބުރާ ލިބިފައެއް ނުވެއެވެ.
ޝަރޫ ލޯންޗު ކުންފުންޏަކީ ބޭރު ފައިސާ ގަނެ ވިއްކުމުގެ ލައިސެންސް އޮންނަ ކުންފުންޏެއް ނޫނެވެ. މަނިޓަރީ ގަވާއިދުގެ ތިން ވަނަ މާއްދާގައި ވާގޮތުގައި ހުއްދަ ނެތި ބޭރު ފައިސަ ގަނެ ވިއްކުމަކީ މަނާ ކަމެކެވެ.
އޭސީސީ އިން ބުނީ ޑޮލަރު ގަތުމަށްޓަކައި އެޑްވާންސްކޮށް ފައިސާ ދޫކުރުމުގެ ސަބަބުން، ޝަރޫ ލޯންޗު ކުންފުންޏަށް މާލީ މަންފާއެއް ލިބިފައިވާކަން އެނގޭ ކަމަށާއި އެކަމަކީ ސްޓެލްކޯގެ އެއިރުގެ މެނޭޖިންގ ޑިރެކްޓަރ އާއި ފައިނޭންސް ޑިޕާޓްމަންޓްގެ ހެޑް މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދޭން ކޮށްފައިވާ ކަމެއް ކަން ތަހުގީގަށް ސާބިތުވާ ކަމަށެވެ.
އެކަން ފާހަގަކޮށް، އޭސީސީއިން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް މައްސަލަ ފޮނުވީ، ޝަކޫރާއި ފައިނޭންސް ޑިޕާޓްމަންޓުގެ ހެޑްގެ މައްޗަށް ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުން ކުރުމުގެ ކުށާއި މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދައުވާ ކޮށްދިނުމަށް އެދި އެވެ.
ސްޓެލްކޯ އިން ހިންގި ޑޮލަރު މުއާމަލާތުގެ މައްސަލަ އަނބުރާ ފޮނުވާލިއިރު، ޝަރޫ ލޯންޗާ އެކު ފެނަކައިން ހިންގި ޑޮލަރުގެ މުއާމަލާތާއި ގުޅިގެން ފެނަކައިގެ އެއިރުގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ނިމާލާއި އިތުރު ތިން ވެރިއެއްގެ މައްޗަށް ދައުވާ ނުކުރަން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުދަ ދުވަހު ވަނީ ނިންމާފައެވެ. ފެނަކަ އަށް ވެސް ފައިސާ ލިބިފައެއް ނުވެއެވެ. ޝަރޫ ލޯންޗްގެ މައްސަލަތައް މިހާރު ވަނީ ޝަރީއަތަށް ހުށަހަޅާފައެވެ.