ހދ. ކުޅުދުއްފުށި އެއާރޕޯޓް އެޅުމަށްޓަކައި އެމްޓީސީސީން ހިންގާ ބިން ހިއްކުމުގެ މަޝްރޫއުގެ ނިމިއްޖެ ކަމަށް އެކުންފުނިން ބުނެފި އެވެ.
އެމްޓީސީސީގެ މީޑީއާ އޮފިޝަލް "ރާއްޖެ އެމްވީ"އަށް ވިދާޅުވީ ކުޅުދުއްފުށި ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން ކުރަންޖެހޭ މަސައްކަތްތައް މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު ނިންމާލާފައިވާ ކަމަށެވެ. އެކަމުގެ އިތުރު ތަފްސީލު މިވަގުތު ދެވެން ނެތް ކަމަށާއި ފަހުގެ ތާރީހެއްގައި އެމްޓީސީސީން އެމައުލޫމާތު މީޑިއާއަށް ހިއްސާ ކުރާނެ ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ކުޅުދުއްފުށި ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން އެމްޓީސީސީން ކުރަންޖެހޭ މަސައްކަތް ނިންމާލާފައިވާ ކަމަށް އެމްޓީސީސީން ބުނި ނަމަވެސް ކުޅުދުއްފުށި ކައުންސިލްގެ ރައީސް އަބްދުއްލަތީފް ހަސަން "ރާއްޖެއެމްވީ"އަށް ވިދާޅުވީ އެމްޓީސީސީ އިން އެގޮތަށް ބުނާ ނަމަ އިތުރަށް ދައްކާނެ ވާހަކައެއް ނެތް ކަމަށެވެ. ނަމަވެސް "އެނގޭ އެއްޗަކީ ޕްލާނާ އެއްގޮތަށް އެއާރޕޯޓް އެޅުމަށް ބޭނުންވާ ބިން، އަދި ހިއްކާފައިނުވާކަން" ކަމަށް ލަތީފް ވިދާޅުވިއެވެ.
ކުޅުދުއްފުށި އެއާރޕޯޓް އެޅުމުގެ މަސައްކަތުގެ ދަށުން 18 ގޯއްޗެއް ނެގުމަށް ވެސް ނިންމާފައި ވެއެވެ. އެ ގޯތިތައް ނަގާއިރު، އެ ގޯތިތަކަށް ކޮށްފައިވާ ޚަރަދާ އެކު އެހެންތަނަކުން އެ ފަރާތްތަކަށް ގޯތި ދޭނެ ކަމަށް ސަރުކާރުން ބުނެފައިވާ ކަމަށް ވެސް ލަތީފު ވިދާޅުވެފައި ވެއެވެ.