މަސްތުވާތަކެތީގެ ފަރުވާ ހޯދަމުން ދިޔަ މީހެއްގެ ގަޔަށް އިއްޔެ ވަޅި ހަރައި ޒަހަމްކޮށްލީ އެ ހަމަލާ ދޭން އުޅޭކަން އޭނާ ބަލަހައްޓަމުން ދިޔަ ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އަށް އަންގާފައި ވަނިކޮށް ކަމަށް އާއިލާއިން ބުނެފިއެވެ.
މަސްތުވާތަކެއްޗަށް ފަރުވާ ހޯދަމުންދާ އެ ޒުވާނާގެ ގަޔަށް ވަޅި ހަރާފައި ވަނީ ފަރުވާގެ މަރުހަލާ ފުރިހަމަ ކުރުމަށް، އެންޑީއޭގެ އޮފީހުން އޭނާއާ ހަވާލުވެގެން، ހިންމަފުށީގައި ރިހެބަށް ގެންދިޔަ މަގުމަތީގައެވެ. އެ ޒުވާނާގެ ބުރަކަށްޓަށް ވަޅި ހަރައި ޒަހަމްކޮށްލުމުން، ލިބުނު އަނިޔާތަކަށް އޭޑީކޭއިން ފަރުވާދިނުމަށް ފަހު، މިހާރު ވަނީ އައިޖީއެމްއެޗަށް ބަދަލުކޮށްފައެވެ.
ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި އެ ޒުވާނާއަކީ އަމިއްލައަށް އެނދިގެން ފަރުވާ ފުރިހަމަ ކުރަމުންދާ 21 އަހަރުގެ ޒުވާނެކެވެ.
އެ ޒުވާނާގެ އާއިލާގެ މެމްބަރަކު "ރާއްޖެއެމްވީ"އަށް ބުނީ ފަރުވާ ފުރިހަމަ ކުރުމަށް އެންޑީއޭގެ މައި އިދާރާ އިން ޕިކަޕަކަށް ބަޔަކު އަރުވައިގެން ގެންދިޔަ ކަމަށާއި އޭގެ ތެރޭގައި ވަޅީގެ ހަމަލާ އަމާޒުވި ޒުވާނާ ވެސް ހިމެނޭ ކަމަށެވެ. ޕިކަޕަކަށް އަރުވައިގެން ގެންދިއުމުގެ ކުރިން އޭނާއަށް ބަޔަކު ހަމަލާ ދޭން އުޅޭކަން އެނގިގެން، އެ ޒުވާނާ އަމިއްލައަށް އެންޑީއޭއަށް އެކަން އެންގި ކަމަށް އާއިލާ އިން ބުންޏެވެ.
"ޕިކަޕަށް އަރުވައިގެން ގެންގޮސްފި ނަމަ ވަޅި ހަރާނެ ކަމަށް އޭނާ ބުނި. އެކަން އެންޑީއޭ އަށް އެންގި ކަމަށް ވެސް ބުނި. އެކަން އެންގީމަ ވެސް އަޅާ ނުލައި، ޕިކަޕަށް އަރުވައިގެން ގެންދިޔަތަނުން ބުރަކަށްޓަށް ވަޅި ހެރީ،" ޒަހަމްވި ޒުވާނާގެ އާއިލާ މެމްބަރަކު ބުންޏެވެ.
"ޕިކަޕަށް އަރާށޭ ބުނީމަ އިންކާރެއް ވެސް ނުކުރެވޭނެތާ. ފަރުވާގެ މަރުހަލާގައި ހުންނަ މީހަކު އިންކާރުކޮށްފި ނަމަ އަނެއްކާ ވެސް އިތުރު ތިން މަސް [ފަރުވާއަށް ތިން މަސް އިތުރު ކުރެވޭނެ]."
އާއިލާ އިން ދެއްކި ވާހަކަތަކާ ގުޅިގެން އެންޑީއޭއާ ސުވާލު ކުރުމުން، އެ އެޖެންސީގެ ހިންގުމާ ހަވާލުވެ ހުންނެވި އަލީ ޝަރީފު ވިދާޅުވީ އެ ހަމަލާ ދިނުމުގެ ކުރިން އެ ފަދަ ހަމަލާއެއް ދޭން އުޅޭކަން އެ އެޖެންސީއަށް އެނގިފައި ނުވާ ކަމަށެވެ. ހަމަލާ ދޭން އުޅޭކަން ޒަހަމްވި ޒުވާނާ ކުރިއާލާ އެންޑީއޭއަށް އެނގިތޯ ސުވާލު ކުރުމުން، ޝަރީފު ވިދާޅުވީ ތަހުގީގު ކުރަމުންދާ މައްސަލައަކަށް ވާތީ މިވަގުތަށް ހާމަކުރެވެން އޮތީ އެގޮތަށް ކަމަށެވެ.
ޝަރީފު ވިދާޅުވީ އެ ޒުވާނާ ޕިކަޕުގައި ގެންދިޔައިރު، 10 މީހަކު އެ ޕިކަޕުގައި ތިބި ކަމަށާއި އެ ހަމަލާ އެ ޒުވާނައަށް ދިނީ އެންޑީއޭގެ ސެކިއުރިޓީން ވެސް ޕިކަޕުގައި ތިއްބައި ކަމަށެވެ. ފުލުހުން ތަހުގީގު ކުރަމުންދާ އެ މައްސަލައަށް އެންޑީއޭއިން ފުރިހަމައަށް އެއްބާރުލުން ދޭނެ ކަމަށް ވެސް ޝަރީފު ވިދާޅުވިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މާރާމާރީއާ ގުޅިގެން އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށާއި މާރާމާރީގެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ.
ޒަހަމްވި ޒުވާނާ މިހާރު އައިޖީއެމްއެޗަށް ބަދަލުކޮށް ފަރުވާ ދެމުން އަންނަ އިރު، އޭނާގެ ހާލު މިހާރު ރަނގަޅުވަމުން އަންނަ ކަމަށް އާއިލާއިން ބުންޏެވެ.