ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވައިދިނުމުގެ އަމުރަކަށް އެދި ހުށަހަޅާފައިވާ މައްސަލައިގައި ދައުލަތަށް ޖަވާބުދާރީނުވެވުމުން، މައްސަލަ ނުބެލޭނެ ކަމަށް ކަނޑައަޅައިދޭން އެދިއްޖެއެވެ.
އަދީބުގެ ބޭސްފަރުވާގެ މައްސަލައިގައި ސިވިލް ކޯޓުގައި ކުރިއަށްދާ ޝަރީއަތުގައި ބުރާސްފަތި ދުވަހަށް ތާވަލުކޮށްފައި އޮތީ މައްސަލައިގެ ލިޔެކިޔުންތައް ބަދަލުކުރުމެވެ. އެހެން ނަމަވެސް، އެ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ވަނީ އިޖުރާއީ ނުކުތާއެއް ނަގައި، މި މައްސަލައަކީ ނުބެލޭނެ މައްސަލައެއް ކަމަށް ކަނޑައަޅައި ދިނުމަށް އެދިފައެވެ.
ދައުލަތުގެ ހުށަހެޅުމާއި ގުޅިގެން، އަދީބުގެ ފަރާތުން ޖަވާބުދާރީވުމަށް އަންނަ އާދިއްތަ ދުވަހަށް އަޑުއެހުމެއް ވަނީ ތާވަލުކޮށްފައެވެ.
ބުރާސްފަތި ދުވަހުގެ އަޑުއެހުމަށް އަދީބު ކޯޓަށް ހާޒިރުކުރިއިރު އެމަނިކުފާނުގެ ބޯ ހުރީ ވަރަށް ބޮޑަށް ތުނިކޮށް ކޮށާފައެވެ. މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރިން އަދީބު މާލެ ގެނައިއިރު، އެމަނިކުފާނުގެ އިސްތަށިގަނޑު ހުރީ ދިގުކޮށެވެ.
އަދީބުގެ ވަކީލު މޫސާ ސިރާޖު ވިދާޅުވެފައިވާ ގޮތުގައި، ބޯ ތުނިކޮށް ކޮށާފައި ވަނީ ބަލި ހާލަތު އިތުރަށް ގޯސްވެ، އުނދަގޫތަކާ ކުރިމަތިވަމުންދާތީއެވެ.
އަދީބުގެ ފަރާތުން މި މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައި ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސް އާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އިތުރުން ހޯމް މިނިސްޓްރީ އަށް ރައްދުވާ ގޮތަށެވެ.
ޝަރީއަތުން ބޭރުން މައްސަލަ ހައްލުކުރުމާ ބެހޭ ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޝަނުގައި، ޑިސެމްބަރު 25 ވަނަ ދުވަހު ބޭއްވި ބައްދަލުވުގައި ދައުލަތުން ވަނީ ބޭސްފަރުވާއަށް އަދީބު ރާއްޖެއިން ބޭރަށް ފޮނުވައިދެވެން ނެތް ކަމަށް ބުނެފައެވެ. އަދި ސިވިލް ކޯޓަށް ހުށަހަޅާފައިވާ ޑޮކްޓަރުގެ ލަފާ ގަބޫލުނުކުރެވޭ ކަމަށް ދައުލަތުގެ ފަރާތުން ބަންޑާރަ ނައިބުގެ އޮފީހުގެ ވަކީލު ވިދާޅުވިއެވެ.
ސިވިލް ކޯޓަށް އަދީބު ހުށަހަޅުއްވާފައިވާ މައްސަލައިގައި އެދިފައި ވަނީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވައިދިނުމުގެ އަމުރެއްގެ އިތުރުން، މައްސަލަ ވަކި ގޮތަކަށް ނިމެންދެން ގޭ ބަންދަށް ބަދަލު ކޮށްދިނުމުގެ އަމުރަކަށެވެ. އަދީބު ވަނީ ރާއްޖެއިން ހެދެން ނެތް ބައެއް ޓެސްޓްތައް ހެދުމަށް ޑޮކްޓަރު ލަފާދީފައިވާ ކަމަށް ވިދާޅުވެ ލިޔުންތަކެއް ޝަރީއަތަށް ހުށަހަޅުއްވާފައެެވެ.
މިދިޔަ އަހަރުގެ މާޗް މަހުން ފެށިގެން އަދީބު ހުންނަވަނީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ. ހުކުމް ތަންފީޒު ކުރަމުންދާ އެހެން ގައިދީން ކަރެކްޝަނުން ބަލަހައްޓާ ޖަލުތަކުގައި ބަންދުކުރި ނަމަވެސް، އަދީބު ފުލުހުންގެ ބެލުމުގެ ދަށަށް ބަދަލު ކުރީ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމަށް ކަމަށް ބުނެ ހޯމް މިނިސްޓަރުގެ އަމުރެއްގެ ދަށުންނެވެ. ފުލުހުން ބުނާ ގޮތުގައި، އެ މުއައްސަސާ އިން ބަލަހައްޓަމުން ދަނީ އަދީބުގެ ސަލާމަތީ ކަންކަމެވެ. އަދީބުގެ ބޭސްފަރުވާގެ ކަންކަން ބަލަހައްޓަމުން ދަނީ ކަރެކްޝަނުންނެވެ.
އަދީބުގެ ސިއްހީ ހާލުކޮޅު ދެރަވެ ފުރާނައަށް ގެއްލުން ވެދާނެ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ އާއިލާ އާއި ވަކީލުން ދަނީ ބުނަމުންނެވެ. އަދީބުގެ އެތެރެހަށީގައި ސިސްޓް އުފެދިފައިވާއިރު ލޮލަށް ގްލޮކޮމާ ޖެހިފައިވާ ކަމަށާއި ކިޑްނީގައި ހިލަ އުފެދިފައިވާ ކަމަށް އާއިލާ އާއި ވަކީލުން ބުނެއެވެ.
އަދީބަށް އިތުރު ފަރުވާ ދިނުމަށް ވީހާ ވެސް އަވަހަކަށް ރާއްޖެއިން ބޭރަށް ގެންދިއުމަށް ޑޮކްޓަރުން ލަފާދީފައިވާއިރު، ސަރުކާރުން ވަނީ އެ ހުއްދަ އަދީބަށް ނުދިނުމަށް ނިންމާފައެވެ. ސަރުކާރުން ބުނަމުން ދަނީ އަދީބު ފިއްލަވާފާނެ ކަމަށާއި، އަދީބު ފިއްލަވައިފި ނަމަ ދައުލަތަށް ލިބެންޖެހޭ ފައިސާ ނުލިބޭނެ ކަމަށެވެ.