އަނިޔާވެެރިކަމާއި ދެކޮޅަށް ދުއާކޮށްގެން ހައްޔަރުކުރި އަހުމަދު ފަރުހާން (ފަރާ)ގެ މައްޗަށް ދައުލަތުން އުފުލި ދައުވާ ސާބިތު ނުވެ، ސަލާމަތްވެއްޖެ އެވެ.
ދައުލަތުން ފަރާގެ މައްޗަށް އުފުލާފައި ވަނީ ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސް އެޅުމުގެ ކުށުގެ ދައުވާ އެވެ. މި ދައުވާގެ ޝަރީއަތް ހިންގާފައިވަނީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުގަ އެވެ.
ފަރާގެ މައްޗަށް އެ ދައުވާ އުފުލާފައި ވަނީ އޯގަސްޓް، 12، 2016 ގައި ހިތަދޫ ފަޒާ މިސްކިތުގައި ހުކުރު ނަމާދަށް ފަހު ދުއާ ކުރަން ހުއްޓައި ހައްޔަރު ކުރުމަށް ފަހުއެވެ. ފަރާގެ މައްޗަށް ކުށް ސާބިތު ނުވާކަމަށް ނިންމާފައި ވަނީ މިމަހުގެ ދެ ވަނަ ދުވަހު އެވެ.
ފަރާ އަކީ އައްޑޫގައި އެމްޑީޕީގެ ހަރަކާތްތަކުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތެކެވެ.
ފަރާގެ މައްޗަށް ކުށް ސާބިތު ނުވާކަމަށް ކުރި ހުކުމާއި ގުޅޭ މާބޮޑު ތަފްސީލެއް ލިބިފައި ނުވިނަމަވެސް ފަރާގެ ގާނޫނީ ވަކީލު މުހައްމަދު ފަރީދު ވަނީ "ރާއްޖެއެމްވީ"އަށް މިކަން ކަށަވަރު ކޮށްދެއްވާފަ އެވެ.