މަޝްހޫރު ދެ ޝޯވ ކަމަށްވާ 'ސްކެންޑަލް' އާއި 'ހައު ޓު ގެޓް އަވޭ ވިތު މަރޑަރ' ގެ ކްރޮސްއޯވަރ އެޕިސޯޑަށް ވަރަށް އަވަހަށް ފެނިގެންދާނެ ކަމަށް ޝޯވގެ ޕްރޮޑިއުސަރުން ބުނެފިއެވެ.
މި ވާހަކަ އިންސްޓަގްރާމް މެދުވެރިކޮށް ބުދަ ދުވަހު އިއުލާންކޮށްފައި ވަނީ ދެ ޝޯވ އުފެއްދި، އަދި ޕްރޮޑިއުސަރެއްގެ މަގާމުގައި ހުރި ޝޮންޑާ ރައިމްސްއެވެ.
އޭނާ އިންސްޓަގްރާމް ކޮށްފައިވާ ފޯޓޯއިން ފެންނަނީ ކްރޮސްއޯވަރ އެޕިސޯޑްގެ ސްކްރިޕްޓްގެ ސަފްހާއެއްގެ ތަންކޮޅެކެވެ. އެއީ ދެ ޝޯވގެ މައި ކެރެކްޓަރުން، އޮލޮވިއާ ޕޯޕް އާއި އެނެލީސް ކީޓިންގ އަލަށް ބައްދަލުވާ މަންޒަރެވެ.
ޝޮންޑާގެ އިންސްޓަގްރާމް ޕޯސްޓުން ދޭހަވާ ގޮތުގައި މި ދެމީހުން އަލަށް ދިމާ ވަނީ ސެމިނާއެއް ފަދަ ތާކުންނެވެ.
ޝޮންޑާގެ ޕޯސްޓަށް ފަހު "ސްކެންޑަލް"ގެ އޮލީވިއާގެ ރޯލް ކުޅޭ ކެރީ ވޮޝިންގޓަން އާއި "ހައު ޓު ގެޓް އަވޭ ވިތު މަރޑަރ" ގެ ވައޯލާ ޑޭވިސް ވެސް ވަނީ އެ ފޮޓޯ ރީޕޯސްޓްކޮށްފައެވެ.
ކްރޮސްއޯވަރ އެޕިސޯޑް ރަސްމީކޮށް އިއުލާން ކުރުމުގެ ކުރިން ކެރީ އާއި ވައޯލާ ވަނީ އެފަދަ ކަމެއް ވާން އުޅޭ ކަމުގެ އިޝާރާތްތަކެއް ކޮށްފައެވެ. އެކަކު އަނެކަކުގެ ޝޯވއިން ފެނިގެންދާ ތަންތަނުގައި ފޮޓޯ ނެގުމަށް ފަހު ދެ މީހުން ވަނީ އިންސްޓަގްރާމްކޮށްފައެވެ.
އެގޮތުން، ވައޯލާ ވަނީ "ސްކެންޑަލް" އިން ފެނިގެންދާ 'އޯވަލް އޮފީސް'ގެ މޭޒު ކުރިމަތީގައި އޭނާ ހުރި ފޮޓޯއެއް ޝެއާ ކޮށްފައެވެ. "ކެރީ ވޮޝިންގޓަން، އަހަރެން މިހިރަ ތަނެއް ގެސްކޮށްބަލަ؟" ފޮޓޯގެ ކެޕްޝަނަކަށް ބޭނުންކޮށްފައި ވެއެވެ.
އޭގެ ގަޑިއިރެއް ކުރިން ކެރީ ވަނީ "ހައު ޓު ގެޓް އަވޭ ވިތު މަރޑަރ" ގައި ފެންނަ ކޯޓްގެ ހޯލްވޭގައި އިންނަ ބެންޗެއްގައި އޭނަ އިށީނދެ އިން ފޮޓޯއެއް ޝެއާކޮށްފައެވެ. "ވައޯލާ ޑޭވިސް، ބަލަ، މިތަން ދަންނަ ވައްތަރު ޖަހާތަ؟ ކޮންތާކު ތިހިރީ؟" ކެރީ އަހާފައިވެއެވެ.
އެމެރިކާގެ ބްރޯޑްކާސްޓަރެއް ކަމަށްވާ އެމެރިކަން ބްރޯޑްކާސްޓިން ކޮމްޕެނީ (އޭބީސީ) އިން ވެސް ވަނީ
"ސްކެންޑަލް" އާއި "ހައުޓު ގެޓް އަވޭ ވިތު މަރޑަރ" ގެ ކްރޮސްއޯވަރ އެޕިސޯޑެއް އަންނަން އުޅޭ ވާހަކަ ޔަގީންކޮށްދީފައެވެ. ނަމަވެސް މި އެޕިސޯޑް އެއާކުރާ ދުވަހެއް އަދި އިއުލާނެއް ނުކުރެއެވެ.
މިއީ މި ދެތަރިން އެއް ސްކްރީނެއްގައި ފެނިގެންދާނެ ފުރަތަމަ ފަހަރެވެ. ކަޅު ނަސްލުގެ ދެ އަންހެނުން ކަމަށްވާ ވައޯލާ އާއި ކެރީ ފެނިގެންދަނީ އެ މީހުންގެ ޝޯވތަކުގެ މައި ކެރެކްޓަރުގެ ރޯލުންނެވެ. އެހެންނަމަވެސް، ހޮލީވުޑްގައި ނަސްލީ އަދި ޖިންސީ ތަފާތުކުރުން ގިނަކަމީ މިހާރު އެތައް ބަޔަކު ދައްކަމުންދާ ވާހަކައެެކެވެ.