ކ. މާލެ
|
4 ޖެނުއަރީ 2018 | ބުރާސްފަތި 20:14
ގުދުސް: ގުދުސްގެ މައްސަލައަކީ ފަލަސްތީނު-އިޒްރޭލްގެ މައްސަލަތަކުގެ ތެރެއިން އެންމެ ނާޒުކު މައްސަލަ
ގުދުސް: ގުދުސްގެ މައްސަލައަކީ ފަލަސްތީނު-އިޒްރޭލްގެ މައްސަލަތަކުގެ ތެރެއިން އެންމެ ނާޒުކު މައްސަލަ
ދި ޓެލެގްރާފް
ގުދުސްގެ މައްސަލަ
އެމެރިކާ އިން ބިރުދެއްކިޔަސް، ގުދުސް އަކީ ވިއްކާ ބިމެއް ނޫން:އައްބާސް
ރަނާއި ބިލިއަން ޑޮލަރުން އަގު ކުރިއަށް ގުދުސް އަކީ ވިއްކާ ބިމެއް ނޫން: އައްބާސް
ޓްރަމްޕް ވަނީ ފަލަސްތީނަށް ދޭ މާލީ އެހީ ކަނޑާލާނެ ކަމުގެ އިންޒާރު ދީފަ
މަޝްވަރާތައް ބާއްވަން ޖެހޭނީ ބައިނަލްއަގްވާމީ ގާނޫނުތަކާއި، ފާސްކޮށްފައިވާ ގަރާރުތަކަށް އިހްތިރާމް ކޮށްގެން: އައްބާސްގެ ތަރުޖަމާނު

އެމެރިކާއިން ފަލަސްތީނަށް ދޭ މާލީ އެހީ ކަނޑާލާނެ ކަމުގެ އިންޒާރުދީ ބިރު ދެއްކިޔަސް، ގުދުސް އަކީ ވިއްކާ ބިމެއް ނޫން ކަމަށް ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ، އެމެރިކާ އިން ކޮންމެ އަހަރަކު ފަލަސްތީނަށް ދޭ 300 މިލިއަން ޑޮލަރުގެ އެހީ ކަނޑާލާނެ ކަމުގެ އިންޒާރުދީ، އޭގެ ކުރިން މަޝްވަރާގެ މޭޒަށް އައުމަށް ގޮވާލާފައެވެ.

އެކަމަށް ރައްދުދީ ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސްގެ އޮފީހުން ބުދަ ދުވަހު ނެރުނު ބަޔާނެއްގައި ވަނީ، ގުދުސް އަކީ ފަލަސްތީނުގެ ދައުލަތެއްގެ ދާއިމީ ވެރިރަށް ކަމަށާއި، އެ ބިމަކީ ރަނަށް ނުވަތަ އެތައް ބިލިއަން ޑޮލަރަކަށް ނަމަވެސް، ވިއްކާ ބިމެއް ނޫން ކަމަށެވެ.

އެމެރިކާ އިން ފަލަސްތީނަށް ބިރު ދައްކާ އިންޒާރު ދެމުންދަނީ، ގުދުސްއަކީ އިޒްރޭލުގެ ވެރިރަށުގެ ގޮތުގައި އެމެރިކާ އިން ބަލައިގަތްކަން، މިދިޔަ ޑިސެމްބަރު މަހުގެ 6 ވަނަ ދުވަހު ޓްރަމްޕް އިއުލާން ކުރެއްވުމާއި ގުޅިގެން އެކަމާއި ދެކޮޅަށް ފަށާފައިވާ އިހްތިޖާޖްތަކާއި ގުޅިގެންނެވެ.

މިމައްސަލާގައި ދެ ގައުމުގެ ދެމެދުގައި ވަރުގަދަ ބަހުގެ ހަމަލާތަކެއް ބަދަލުކޮށްފައިވެއެވެ. އެގޮތުން ފަލަސްތީނުން ވަނީ، މެދުއިރުމަތީގެ ސުލްހައިގެ ވާހަކަތަކުގައި މެދުވެރިއެއްގެ ދައުރު އަދާކުރުމުގެ ހައިސިއްޔަތު އެމެރިކާއަށް ގެއްލިއްޖެ ކަމަށާއި، އެމެރިކާއިން ބައިވެރިވާ ސުލްހައިގެ އެއްވެސް މަޝްވަރާއެއްގައި ފަލަސްތީނުން ބައިވެރިނުވާނެ ކަމަށް ބުނެފައެވެ.

މިކަމާއި ގުޅިގެން ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސްގެ ތަރުޖަމާނު ނާބިލް އަބޫ ރުދެއިނާ ވިދާޅުވީ، މަޝްވަރާތަކަށް ދިޔުމަށް ފަލަސްތީނުން ދެކޮޅު ނުހަދާ ކަމަށާއި، އެހެން ނަމަވެސް އެކަން ކުރަން ޖެހޭނީ ބައިނަލްއަގްވާމީ ގާނޫނުތަކާއި، އިރުމަތީގެ ގުދުސްއަކީ ފަލަސްތީނުގެ މިނިވަން ދައުލަތެއްގެ ވެރިރަށުގެ ގޮތުގައި ބަލައިގަނެފައިވާ ބައިނަލްއަގްވާމީ ގަރާރުތަކަށް އިހްތިރާމް ކޮށްގެން ކަމަށެވެ.

އެމެރިކާ އިން ފަލަސްތީނަށް ދޭ އެހީއާ ގުޅޭ ގޮތުން އަންގާރަ ދުވަހު ކުރެއްވި ޓްވީޓެއްގައި ޓްރަމްޕް ވަނީ، އެމެރިކާއިން ފަލަސްތީނަށް ކޮންމެ އަހަރަކު އެތައް ސަތޭކަ މިލިއަން ޑޮލަރެއްގެ އެހީ ފޯރުކޮށްދޭ ކަމަށާއި، އެހެން ނަމަވެސް އެކަން ބަލައިގަނެ، އެކަމަށް އިހްތިރާމް ނުކުރާ ކަމަށް ބުނެފައެވެ.

އެމެރިކާއިން ބައިވެރިވާ ސުލްހައިގެ މަޝްވަރާތަކުގައި ބައިވެރިނުވާނެ ކަމަށް ފަލަސްތީނުން ބުނާއިރު، އެމެރިކާ އިން އެފަދަ ބޮޑެތި އަދަދުތަކަކުން މާލީ އެހީ ފޯރު ކޮށްދެންވީ ކީއްވެތޯ ޓްރަމްޕް ސުވާލު އުފައްދާފައިވެއެވެ.

އެމެރިކާ އިން ފަލަސްތީނަށް ދޭ އެހީ ކަނޑާލާނެ ކަމުގެ އިންޒާރު ޓްރަމްޕް ދިން ނަމަވެސް، އެގައުމުން ފަލަސްތީނަށް ދޭ އެހީ އެއްކޮށް ކަނޑާލަނީތޯ ނުވަތަ އޭގެ ބައެއް ކަނޑާލަނީތޯ ސާފުވެފައެއްނުވެއެވެ.

އެމެރިކާ އިން 2016 ވަނަ އަހަރ ފަލަސްތީނަށް 319 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދީފައިވާ ކަމަށް އެމެރިކާ ސަރުކާރުގެ ތަފާސްހިސާބުތަކުން ދައްކައެވެ.

އެމެރިކާ އިން ފަލަސްތީނަށް ބަޖެޓް ސަޕޯޓުގެ ގޮތުގައި އަދި ފަލަސްތީނުގެ ސަލާމަތީ ކަންކަމަށް އެހީ ފޯރުކޮށްދޭތާ ގިނަ ޒަމާންތަކެއް ވަނީވެފައެވެ. މީގެ އިތުރުން ފަލަސްތީނުގެ ހުޅަނގު އައްސޭރި އާ ގާޒާގައި އދ. އިން ހިންގާ ޕްރޮގްރާމްތަކަށް އެމެރިކާ އިން އިތުރު 304 މިލިއަން ޑޮލަރު މީގެ ކުރިން ފޯރުކޮށްދީފައިވެއެވެ.

މާލީ އެހީގެ މިފަދަ ޕްރޮގްރާމްތަކަކީ ފަލަސްތީނުގައި ހަމަޖެހުން ގާއިމް ކުރުމަށް ލިބޭ އެހީތެރިކަމެއްގެ ގޮތުގައި ގިނަ ބަޔަކު ގަބޫލް ކުރެއެވެ.

އިރުމަތީ ގުދުސް އަކީ ފަލަސްތީނުގެ މިނިވަން ދައުލަތެއްގެ ވެރިރަށުގެ ގޮތުގައި ފަލަސްތީނުން ދެކޭއިރު، ފަލަސްތީނުގެ ބިންތަކަށް ވެރިވެގެންފައިވާ އިޒްރޭލުގެ ދައުލަތުން ދެކެނީ އިރުމަތީ ގުދުސް ހިމެނޭ ގޮތަށް މުޅި ގުދުސް އަކީ އިޒްރޭލުގެ ވެރިރަށުގެ ގޮތުގައެވެ.

ގުދުސް އަކީ އިޒްރޭލުގެ ވެރިރަށުގެ ގޮތުގައި އެމެރިކާ އިން ބަލައިގަނެ، ޓެލް އަވީވްގައި ހުންނަ އެމެރިކާގެ އެމްބަސީ ގުދުސް އަށް ބަދަލު ކުރުމަށް ޑޮނަލްޑް ޓްރަމްޕް ނިންމަވާފައިވަނީ، އިރުމަތީ ގުދުސްގެ ގާނޫނީ ހައިސިއްޔަތަށް އެއްވެސް ބަދަލެއް އަންނާނެ ނިންމުމެއް ނުނިންމޭނެ ކަމަށް ކަނޑައަޅައި، އދ.ގެ ސަލާމަތީ މަޖިލީހުން ފާސްކޮށްފައިވާ ގަރާރާއި ޚިލާފަށެވެ.

އަދި ޓްރަމްޕްގެ ނިންމެވުމަކީ ބާތިލް އަދި ޣައިރު ގާނޫނީ ނިންމުމެއް ކަމަށް ކަނޑައަޅައި، އދ.ގެ އާއްމުން މަޖިލީހުން ގަރާރެއް ފާސްކޮށްފައިވެއެވެ.

- ކޮމެންޓް