ޔޫރަޕިއަން ޔޫނިއަންގެ އިސް ވަފުދެއް މިމަހު ރާއްޖެ އަންނަން ނިންމާފައިވާ ކަމަށް ރާއްޖެއެމްވީއަށް މައުލޫމާތު ލިބިއްޖެ އެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރާއްޖެއަށް އަންނަ އީޔޫގެ ވަފުދުގައި އިސްކޮށް ހުންނަވާނީ ޔޫރަޕިއަން އެކްސްޓަރނަލް އެކްޝަން ސަރވިސްގެ އޭޝިއާ އެންޑް ޕެސިފިކް ޑިރެކްޓަރު ޕައުލާ ޕެމްޕަލޮނީ އެވެ. ޕައުލާގެ އިތުރުން އީޔޫއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވެސް ރާއްޖެ ވަޑައިގަންނަވާނެ ކަމަށް މައުލޫމާތު ލިބެ އެވެ.
މައުލޫމާތު ލިބޭ ގޮތުގައި އީޔޫގެ ވަފުދުގެ ބޭފުޅުން ރާއްޖެއަށް ވަޑައިގަތުމުގެ ކުރިން ސްރީލަންކާއަށް ވަޑައިގެން، އެގައުމުގައި ތިބި ރާއްޖޭގެ ސިޔާސީ ލީޑަރުންނާއި ބައްދަލުކުރައްވާނެ އެވެ. އެއަށްފަހު ރާއްޖެ ވަޑައިގެން، އިދިކޮޅު ޕާޓީތަކާއި ސަރުކާރުގެ އިސްވެރިންނާއި ބައްދަލުކުރައްވާނެ ކަމަށް މައުލޫމާތު ލިބެ އެވެ.
ފޮރިން މިނިސްޓްރީގެ އޮފިޝަލަކު ވެސް ވަނީ ރާއްޖެއެމްވީއަށް މިކަން ކަށަވަރުކޮށްދީފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި، އީޔޫގެ ވަފުދުގެ ބޭފުޅުން ރާއްޖެ ވަޑައިގަންނަވާނީ އަންނަ ހަފުތާގެ ތެރޭގަ އެވެ. އެހެން ނަމަވެސް، އީޔޫ ވަފުދުގެ ބައްދަލުވުންތަކާ ގުޅޭ މައުލޫމާތެއް އޭނާ ނުދެއްވި އެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި އީޔޫ ޕާލިމެންޓުގެ ވަފުދެއް ވެސް ރާއްޖެއަށް ޒިޔާރަތް ކުރިއެވެ. އެ ވަފުދުން ރައީސް އަބްދުﷲ ޔާމީނާއި ބައެއް މިނިސްޓަރުންނާއި ބައްދަލުކުރި އެވެ. އަދި އިދިކޮޅު ސިޔާސީ ޕާޓީތަކާއި މިނިވަން މުއައްސަސާތަކާއި މީޑީއާތަކާ ވެސް ބައްދަލުކޮށް، ރާއްޖޭގެ ހާލަތު އޮޅުން ފިލުވި އެވެ.
ރައީސް ޔާމީނުއާއެކު ބޭއްވި ބައްދަލުވުމުގައި އީޔޫ ޕާލިމެންޓުގެ ވަފުދުން ވަނީ މިނިވަން އިންސާފުވެރި އިންތިހާބަކަށް ފަހި މާހައުލެއް ގާއިމުކުރުމުގެ މުހިންމުކަމާއި ގުޅޭ ގޮތުން ރައީސްއާ މަޝްވަރާކޮށްފައެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރުގައި އީޔޫ ޕާލިމެންޓުން ވަނީ، ދިވެހި ސަރުކާރުން އިންސާނީ ހައްގުތައް ނިގުޅައިގަންނަމުންދާކަމާއި، އިދިކޮޅު ސިޔާސީ ލީޑަރުން ޖަލަށް ލައި، ސިޔާސީ ޖާގަ ހަނިކުރަމުންދާ ކަމަށް ބުނެ ރާއްޖެއާ ދެކޮޅަށް ގަރާރެއް ފާސްކޮށްފައެވެ.